ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭއިރު، އެ މީޑިއާއަކުން އިވެންޓުތައް ކަވަރުކޮށް ލިޔުންތައް އުފައްދާ މިންވަރަށް ބަލަން ޖެހޭ ކަމަށް، 'ދައުރު' ނޫހުގެ މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވެއްޖެއެވެ.
'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ޒާހިރު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އެހީތެރިކަން ދޭންވާނީ މަސްލަހަތު ފުށޫނާރާ، އަދި ސަރުކާރުގެ ބައިވެރިވުން ކުޑަ ޕެނަލެއްގެ ދަށުން ގާއިމްކުރާ މިންގަނޑުތަކެއްގެ ތެރެއިންނެވެ.
އެގޮތުން އެ މިންގަނޑުތަކުގެ ތެރޭގައި އެ މީޑިއާއަކުން މުޖުތަމައަށް އަސަރު ކުރާ މިންވަރު ދެނެގަންނަން ޖެހޭނެ ކަމާއި، މީޑިއާއެއްގައި ތިބި މުވައްޒަފުންގެ އަދަދާއި ޕެންޝަނަށް ފައިސާ ކަނޑާތޯއާއި ބޭންކު މެދުވެރިކޮށް މުސާރަ ޖަމާކުރޭތޯއާއި އެކި އިވެންޓުތައް ކަވަރުކުރާ މިންވަރަށް ރިއާޔަތްކުރުން ހިމަނަން ޖެހޭކަން ޒާހިރު ފާހަގަކުރެއްވިއެވެ.
ބައެއް މީޑިއާތަކުން ބްރޯޑްކާސްޓް މީޑިއާއާއި ނޫސްމަޖައްލާ ހިންގާކަން ފާހަގަކުރައްވައި ޒާހިރު ލިޔުއްވިގޮތުގައި އެ މީޑިއާއަކަށް ފައިސާ ދޫކުރާއިރު އެކަމަށްވެސް ރިއާޔަތްކުރަން ޖެހޭނެއެވެ.
"ރައްޔިތުންގެ ޓެކްސް ފައިސާ އިން މީޑިއާއަށް ގްރާންޓެއް ދޭ ނަމަ، މުޖުތަމައުއަށް ފައިދާ ކުރާނެ ވަކި ޒާތެއްގެ ކޮންޓެންޓް އުފެއްދުމަށް ރިއާޔަތްކޮށް އެކަމަށް އިނާޔަތް ކަނޑައެޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ. އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި މިފަދަ ކަމެއް ކުރާނެ މިންވަރަށް ވެސް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރަމެވެ." ޒާހިރުގެ ޕޯސްޓުގައިވެއެވެ.
ދިވެހި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭގެ ރައީސް އަހްމަދު ނާއިފް 'ސަން'އަށް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭން ރާއްޖޭގެ އިގުތިސާދީ ހާލަތު ތަންނުދޭ ކަމަށެވެ.
ނާއިފް ވިދާޅުވީ މީޑިއާތަކަށް ދައުލަތުން ސަބްސިޑައިޒްކުރާ އުސޫލުން ފައިސާ ދޭންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެގޮތަށް އަމަލުކުރުމުގެ ނަތީޖާއަކަށް ވާނީ މީޑިއާއަށް އާންމުން ކުރާ އިތުބާރު ގެއްލުން ކަމަށެވެ.
"އޭގެ ބަދަލުގަ މީޑިއާތަކުން ހޯދަންވީ ކްރިއޭޓިވް އެހެނިހެން ގޮތްތައް، މީޑިއާތަކުގެ ތެރެއިން ފައިސާ ހޯދުމާއި އާމްދަނީ ރެއިޒްކުރުމަށް،" ނާއިފް ވިދާޅުވިއެވެ.

ނޫސްވެރިންތަކެއް: މީޑިއާތަކަށް ފައިސާ ދޭން ނިންމި ގޮތާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރުމުން، މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލުކޮށްފައި -- ފޮޓޯ/ މަޖިލިސް
'އެމްވީ ޕްލަސް' ހިންގަމުން އަންނަ 'އޯކާ މީޑިއާ ގްރޫޕް'ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަޚްމީމް އަބްދުއްރައްޒާޤް 'ސަން'އަށް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އެހީ ދިނުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ފައިސާ ދޫކުރަންޖެހޭނީ މީޑިއާތަކާ މަޝްވަރާކުރުމަށްފަހު ހުރިހާ މީޑިއާއަކުންވެސް އެއްބަސްވާ އުސޫލެއްގެ ތެރެއިން ކަމަށެވެ.
އޭނާ ވިދާޅުވީ ބަޖެޓުން ފައިސާ ދޫކުރާ އުސޫލު އެކުލަވާލުމަށްފަހު އުސޫލުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި ދެފުށްފެންނަ ކޮމިޓީއެއް އެކުލަވާލުން މުހިންމުކަމަށެވެ.
"ކަންބޮޑުވުން ބޮޑަށް އޮތީ އުސޫލު ހެދުމުގެ ޕްރޮސެސްއާއި ހެދި އުސޫލެއް އެކުލަވާލުމުގައި މި ދިޔަ ކަންކަން، ދެން އޭގެ ފަހުން ލިބޭ ބަޔަކަށް ލާރި ލިބުމާއި ނުލިބުން މި އޮންނަނީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއްވެސް ޓްރާންސްޕޭރަންސީއެއް ނެތި އުސޫލެއް އެކުލަވާލުމާއި އެކުލަވާލި އުސޫލަށް އަމަލުނުކުރުން،" އޭނާ ވިދާޅުވިއެވެ.
އަޚްމީމް ވިދާޅުވިގޮތުގައި ދައުލަތުން އެހީތެރިކަން ދިނުމަކީ މިނިވަން މީޑިއާއެއް ހެދުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް، ވަކި ކަންކަމަށް ބަލައި މީޑިއާތަކަށް އެހީތެރިކަން ދޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި އެކި މީޑިއާތަކާއި އާންމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ބެލުމަށްފަހު، ދައުލަތުގެ ބަޖެޓުން 18 މީޑީއާއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން ހާމަކޮށް ޔޫތު މިނިސްޓްރީން ކުރި އިއުލާނު ވަނީ މިއަދު ބާތިލްކޮށްފައެވެ.
އަމިއްލަ 18 މީޑިއާއަކަށް ފައިސާ ދޫކުރާނެ ކަމަށް އިއުލާނުކުރިއިރު، އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން، އެ ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެއެވެ.
އެ ލިސްޓު އާންމު ކުރުމާ އެކު ބައެއް މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މީހުންގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.
އެއީ، މީޑިއާތަކުގެ ލިސްޓު އެކުލަވާލާފައިވަނީ ކުރު މުއްދަތެއްގައި ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށާއި، މީޑިއާތަކަށް ފައިސާ ދޫކުރުމުގައި އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށާއި ކުރާ މަސައްކަތަށް ބަލަންޖެހޭނެ ކަމަށް ބުނެއެވެ.
އެގޮތުން، ބައެއް ކުދިކުދި މީޑިއާތަކަށް ފައިސާ ލިބޭކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރިއެވެ.
އޭގެ ފަހުން މިއަދު ޔޫތު މިނިސްޓްރީން ބުނީ، އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމާ ބެހޭ އުސޫލު އެކުލަވާލީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ކުރިން ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފާގެ މަތިން ކަމަށެވެ.
އެކަމަކު، އާ މީޑިއާ ކޮމިޝަން އުފެދުމުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން މިނިވަންކަމާ އެކީ ކުރުމަށް އެންމެ އެކަށީގެންވަނީ އެ ކޮމިޝަން ކަމަށް ދެކޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެހެންވެ، މީޑިއާތަކަށް މާލީ އެހީދިނުމުގެ ހުރިހާ ކަމެއް އެ ކޮމިޝަނާ ހަވާލުކޮށް، އުސޫލާ ގުޅޭ ހުރިހާ އިއުލާނުތައް ބާތިލުކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.
 
											
										 
					 
                 
                                                            