ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސްކަމަށް އެ މަނިކުފާނު، އަދި އެ ޕާޓީގެ ނައިބުންނަށް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ދަރިކަލުން ޒެއިން އަބްދުالله ޔާމީން ހޮވިއްޖެއެވެ.
ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާ ބާއްވައި، މަގާމުތަކަށް މެންބަރުން ހޮވުން އޮތީ މިރެއެވެ.
އެ ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވީ ޔާމީން އެކަންޏެވެ. އަދި ނައިބުންނަށް ވާދަކުރެއްވީ ޖަމީލާއި ޒެއިން އެކަންޏެވެ. އެހެންވެ އޮޓޮމެޓިކުން ތިން ބޭފުޅުންވެސް ވަނީ މަގާމުތަކަށް އިންތިޚާބުވެވަޑައިގެންފައެވެ.
މީގެ އިތުރުން އެ ޕާޓީގެ އަމީންއާންމު ކަމަށް މިހާރުވެސް އެ ޕާޓީގެ ވަގުތީ އަމީންއާންމު އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިންތިޚާބުވެވަޑައިގެންނެވިއިރު، އެ ޕާޓީގެ ޚަޒާންދާރުކަމަށް އިންތިޚާބުވެވަޑައިގަތީ ޔާމީން ސަރުކާރުގެ ޗީފް އޮފް ސްޓާފް އަދި މިހާރުވެސް ވަގުތީ ޚަޒާންދާރުގެ މަގާމުގައި ހުންނެވި އަހްމަދު މުސްތަފާއެވެ.

ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން: ޔާމިން ވަނީ ޕާޓީގެ ރައީސަކަށް ވެވަޑައިގެންފައި -- ފޮޓޯ/ ޕީއެންއެފް
މަގާމުތަކަށް މިރޭ އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޒެއިންއާއި ޖަމީލާއި މަލީހާއި މުސްތަފާއަކީ ޕީއެންއެފް އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މެންބަރުންނެވެ.
ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް 56 މެންބަރަކު ވާދަކުރެއްވިކަމަށް އެ ޕާޓީން ބުނެއެވެ. ޕީއެންއެފްގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ދެން އޮންނާނީ އެ ޕާޓީގެ 14 ސެނެޓު މެންބަރުންނާއި ރަޖިސްޓްރާ އިންތިޚާބުކުރުމެވެ.
މި ވެރިކަން ފެށުމުގެ ކުރިން ޔާމީން ހުންނެވީ ޕީޕީއެމާއި، މިހާރު ވެރިކަން ކުރާ ޕީއެންސީގެ އިސްކޮށެވެ. އެ މަނިކުފާނު ދެވަނަ ދައުރަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުން، ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ޖެހިވަޑައިގަތެވެ.
އެއަށްފަހު އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑެސީއާއެކު، އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެ މަނިކުފާނު އިންތިޚާބުވުމާއެކު ޔާމީން ގެއަށް ބަދަލުކުރެއްވިއެވެ.

ޕީއެންއެފްގެ ގައުމީ ޖަލްސާގައި ޔާމީން: އެ މަނިކުފާނު ވަނީ ޕާޓީގެ ރައީސް ކަމަށް ހޮވިފައި -- ފޮޓޯ/ ޕީއެންއެފް
ޔާމީން ޖަލުގައި ހުންނެވީ، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، މަނީ ލޯންޑާކުރިކަމުގެ ދައުވާ ސާބިތުވުމުން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރެއްވުމަށެވެ. އެހެންނަމަވެސް، އެ މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ހަފުތާއެއް ނުވެ، ޔާމީން ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، ޕީއެންއެފް އުފެއްދެވީއެވެ. އެ ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25ވަނަ ދުވަހެވެ.
ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ހަފުތާއަކު ދެ ދުވަހު ޖަލްސާ ބާއްވައި، އެކި ކަންކަމުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
 
											
										 
					 
                 
                                                            