ޑުރަގުގެ މައްސަލައެއްގައި، ނޮޅިވަރަމާއި ކުޅުދުއްފުށީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ފުލުހުން މަސްތުވާތަކެތި ނައްތާލުން: ނޮޅިވަރަމަށް އައި ބޯޓަކުން ދެ ރަބަރު ޕެކެޓާއެކު އެ ރަށު މީހަކު ވަނީ އިއްޔެ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހދ. ނޮޅިވަރަމާއި ކުޅުދުއްފުށީ ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ މީހާ ހައްޔަރުކުރީ ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ނޮޅިވަރަމާއި ކުޅުދުއްފުށީގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ނޮޅިވަރަމަށް ނިސްބަތްވާ، އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، ފުލުހުން އޭނާ ހައްޔަރުކުރީ ނޮޅިވަރަމަށް އައި ބޯޓަކުން ގެނައި ފޮށިގަނޑަކާއި ޑަބިޔަލެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ދެ ޕެކެޓު ފެނުމުން ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 1،615 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް