ދިޕިކާގެ ނަން ފިލްމު 'ކަލްކީ'ގެ ޓީމުން އުނި ނުކުރާ ކަމަށް ބުނެފި

ފިލްމު "ކަލްކީ 2898AD"ގެ މަންޒަރެއްގައި ބަތަލާ ދީޕިކާ--ފޮޓޯ/ބޮލީވުޑްހަންގާމާ


މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކަލްކީ 2898AD"ގެ ކްރެޑިޓްސްއިން ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯންގެ ނަން ފޮހެލާފައި ނުވާނެ ކަމަށް ފިލްމު ގެނެސްދިން ވިޖަޔަންތީ މޫވީސްއިން ބުނެފިއެވެ.

އެ ޕްރޮޑަކްޝަން ކުންފުނިން މިގޮތަށް ބުނެފައި ވަނީ ފިލްމު "ކަލްކީ 2898AD"ގެ ކްރެޑިސް ފެންނަ ވީޑިއޯއެއް ދާދިފަހުން ސޯޝަލް މީޑިއާގައި ވައިރަލްވިއިރު ބަތަލާ ދީޕިކާގެ ނަން އެ ލިސްޓުގައި ފެންނަން ނެތް ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރަން ފެށުމުންނެވެ.

ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން ދީޕިކާގެ ނަން ކްރެޑިޓްސް ލިސްޓުން އުނިކޮށްފައި ވަނީ އެ ފިލްމުގެ ދެވަނަ ބައިން ބަތަލާ ވަކިވުމާ ގުޅިގެން ކަމަށެވެ.

ފިލްމު "ކަލްކީ 2898AD"ގެ މަންޒަރެއްގައި ބަތަލާ ދީޕިކާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ނަމަވެސް ވިޖަޔަންތީ މޫވީސްގެ ފަރާތުން ވާހަކަ ދެއްކި މީހަކު މީޑިއާގައި ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވި އެ ވީޑިއޯ އަކީ ހަގީގަތުގައި ދީޕިކާގެ ސަޕޯޓަރަކު އެޑިޓްކޮށް ވައިރަލްކުރި ވީޑިއޯއެއް ކަމަށެވެ.

އެހެންވެ އެއީ ފިލްމު "ކަލްކީ 2898AD" ގެނެސްދިން ޕްރޮޑަކްޝަންއާ އެއްވެސް ގުޅުމެއް އޮތް ވީޑިއޯއެއް ނޫން ކަމަށް އެމީހާ ވަނީ މީޑިއާގައި ބުނެފައެވެ. އެގޮތަށް ކްރެޑިޓްސްއިން ނަން އުނިކުރުމަކީ އެންމެ ރެޔަކުން ކުރެވޭނެ މަސައްކަތެއް ނޫންކަން ކޮންމެ މީހަކަށް ވެސް ވިސްނާލުމުން އެނގޭނެ ކަމަށް ވެސް އެމީހާ ވަނީ ބުނެފައެވެ.

ވިޖަޔަންތީ މޫވީސްއާ ހަވާލާދީ އެމީހާ ބުނިގޮތުގައި ފިލްމު "ކަލްކީ 2898AD" އެކި ބަހުން ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ބެލެން ހުރިއިރު އެ ހުރިހާ ޕްލެޓްފޯމެއްގައި ފެންނަން ހުރި ފިލްމުތަކުގައި ވެސް ފިލްމުގެ ކްރެޑިޓްސް ލިސްޓުން ދީޕިކާގެ ނަން ފެންނަން ހުންނާނެ ކަމަށެވެ. އޭގެތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ އަދި ނެޓްފްލިކްސް ހިމެނެއެވެ.

ޕްރަބާސް ލީޑް ރޯލް ކުޅުނު ފިލްމު "ކަލްކީ 2898AD"ގައި ބަތަލާ ދީޕިކާ ފެނިފައި ވަނީ ވަރަށް މަދު މަންޒަރެއްގައެވެ. އެ ފިލްމު ގެނެސްދިން ޑައިރެކްޓަރު ނާގް އަޝްވިންގެ ވިސްނުން ހުރިގޮތުން ފިލްމުގެ ދެވަނަ ބައި ގެނެސްދޭއިރު ދީޕިކާގެ ވަރަށް މުހިއްމު ރޯލެއް ފިލްމުގައި ހިމަނަން ވަނީ ނިންމާފައެވެ.

އަދި ދީޕިކާ ކުޅުނު ކެރެކްޓާ އަކީ ދެވަނަ ބަޔަށް ވަރަށް މުހިއްމު ރޯލެއް ކަމަށް ވެސް ނާގް އަޝްވިން ވަނީ ބުނެފައެވެ.
ނަމަވެސް ދާދިފަހުން ބަތަލާ އެ ފިލްމުގެ ދެވަނަ ބައިން ނުފެންނާނެކަން ވިޖަޔަންތީ މޫވީސްއިން ވަނީ އިއުލާނުކޮށްފައެވެ.

ބަތަލާ ފިލްމުން ވަކިވާން ނިންމީ ފިލްމު ޝޫޓިންގްތަކުގައި ހޭދަކުރާ ވަގުތު 8 ގަޑިއިރަށް ބަދަލުކުރުމާ ގުޅިގެން ވިޖަޔަންތީ މޫވީސްއިން އެއްބަސްވުމަކަށް ނާދެވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް