ސަރުކާރުން ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު މަޝްރޫއުތައް ހިންގާނެ ގޮތުގެ އެއްވެސް ތަފްސީލެއް ނުހިމަނާކަމަށް ވިދާޅުވެ، ސަރުކާރުން މަޝްރޫއުތައް ހިންގާނީ ކިހިނެއްތޯ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ސުވާލު އުފައްދަވައިފިއެވެ.
'ހޯރަފުށި ދުވަސް' ފާހަގަކުރުމުގެ ގޮތުން ހއ. ހޯރަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޞާލިޙް ވިދާޅުވީ، އެމަނިކުފާނު 2018ގައި ވެރިކަމާ ހަވާލުވިއިރު އޮތީ މާލެ ވަށާ އެނބުރޭ އިގްތިސޯދެއް ކަމަށާއި، ނަތީޖާއަކަށްވީ ރަށްރަށުން މީހުން މާލެ އައިސް މާލެ ތޮއްޖެހިގެން ދިއުން ކަމަށެވެ. ޞާލިޙް ވިދާޅުވީ މާލޭގައި ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވޭނީ ރަށްރަށުން ޚިދުމަތްތައް ލިބޭގޮތް ހަދައިގެން ކަމަށެވެ.
މަޝްރޫއުތައް ހިންގޭނީ ރޭވުންތެރިކަމާއެކީ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން މަޝްރޫއުތައް ހިންގީ ފައިސާ ހޯދައި ކުރެހުންތައް ކުރެހުމަށް ފަހު ކަމަށް ވިދާޅުވެ، ހޯރަފުށީގެ މަގުތަކުގެ ފުރަތަމަ ފިޔަވަހި ނިމުނީވެސް އެހެންވެ ކަމަށް، ވިދާޅުވިއެވެ.
"އެކަމަކު މިއަދު ހިތާމައަކީ މިއަދު ބަލާލާއިރު މިރަށުގަ ފަށާފަހުރި ބައެއް މަސައްކަތްތައް ކުރިއަށް ނުދާތީ، ސަބަބަކީ ރޭވުންތެރިކަމެއް ޕްލޭނެއް މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ނެތުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ހޯރަފުށި ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް އިއްޔެ ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް އަލިއަޅުވާލައްވައި، މިދިޔަ އަހަރާއި މިއަހަރުގެ ބަޖެޓު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއާއެކު، ބަޖެޓުން އެއްވެސް މަޝްރޫއެއް ހިންގާނީ ކިހިނެއްތޯ ޞާލިޙް ސުވާލު އުފެއްދެވިއެވެ.
"ކޮން ކަމެއްތޯ ރާއްޖެއަށް ކުރެވިފަ އޮތީ؟ ތަރައްގީގެ ކޮން މަޝްރޫއެއްތޯ ހިނގަމުންދަނީ؟ އަޅުގަނޑު ދާ ކޮންމެ ރަށަކުން އެ ޝަކުވާ އެބަ ކުރޭ، މި ދައްކަނީ މަދު އަދަދެއްގެ ފައިސާގެ ވާހަކައެއްނޫން، ބަޖެޓު ހުށަހަޅާއިރުގަ ކަން ކުރަންވީ ގޮތުގެ ތަފްސީލެއް ނުދެއްވާ، ދެން ކިހިނެއްތޯ ކަމެއް ކުރާނީ؟" ޞާލިޙް ވިދާޅުވިއެވެ.
ޞާލިޙް ވިދާޅުވީ އިގްތިސޯދެއް ބިނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ކޮށްފައިވާނެ ކަމަށެވެ. ހދ. ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި އާ ޓާމިނަލް މާދަމާ ފެށޭ ނޮވެމްބަރު މަހު ހުޅުވާ ހުޅުވުމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެއާޕޯޓު ހުޅުވާއިރު ދެން ކުރަންވީ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ބޮޑުތިލަދުންމަތީގައި މި ސަރުކާރުން ފަތުރުވެރިކަން ތަރައްގީކުރުމަށް އެއްވެސް މަސައްކަތެއް ކުރާ މަންޒަރު ނުފެންނަ ކަމަށެވެ. ޓެކްސް ލުއިކޮށް، ވަކި މުއްދަތެއް ވަންދެން ރަށްރަށާއި ފަރުފަޅުން ކުލި ނުނަގާ ގޮތަށް ބޭރުގެ އިންވެސްޓަރުންނަށް ލުއިދީގެން ނަމަވެސް އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުން މަސައްކަތްނުކުރާނަމަ ހަނިމާދޫ އެއާޕޯޓަށް ގެއްލުންވާނެ ކަމަށް ޞާލިޙް ވިދާޅުވިއެވެ.
ހަމަ އެހެންމެ ސަރުކާރުން ޕްރައިވެޓް ސެކްޓަރަށް އެހީތެރިކަންދިނުމަށް ވެސް ޞާލިޙް ގޮވާލެއްވިއެވެ.
މި ސަރުކާރުގެ ހިންގުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޞާލިޙް ވިދާޅުވީ، އޮޅުން ބޮޅުމުގެ ތެރެއަށް މި ގައުމުގެ ހާލަތު ވެއްޓިއްޖެ ކަމަށާއި، ހިންގުމުގެ ނިޒާމު އެއްކޮށް ޚަރާބުވެއްޖެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހެއް، ޖުޑީޝަރީއެއް، މިނިވަން މުއައްސަސާއެއް ކިޔާނެ ކަމެއްނެތް، މިއީ އެއް ފުރާޅެއްގެ ދަށުގައިހުރި އެކަކު ހިންގާ ތަންތަނަށް ވެއްޖެ، ޖަވާބުދާރީކުރެވޭނެ ގޮތެއް ނެތް، ކަން ހިނގާގޮތެއް އެނގެނީއެއް ނޫން،" ޞާލިޙް ވިދާޅުވިއެވެ.
"އަޅުގަނޑު ހިތުން މިއީ ރާއްޖޭގެ ކޮންމެ ރައްޔިތަކު ފުންކޮށް ވިސްނައި މިއާ ދޭތެރޭގަ އަމަލީގޮތުން މަސައްކަތް ފަށަންވީ ވަގުތު،"
 
											
										 
					 
                 
                                                            