ހައިވޭގައި އެކްސިޑެންޓުވެ، ދިވެއްސެއްގެ ބޯ ފަޅައިގެން ގޮސްފި

ބުރިޖުގައި އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަނީ: ހައިވޭގައި އެކްސިޑެންޓުވެ، ދިވެއްސެއްގެ ބޯ ފަޅައިގެން ގޮސްފި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހުޅުމާލެއިން މާލެއަށް ދަތުރުކުރަނިކޮށް، ކޮންޓްރޯލު ނުވެ، އެއާޕޯޓު ކައިރި ހުންނަ ހުޅުމާލެއިން މާލެއަށް ދިއުމުގެ ކުރިން މަޑުކުރަން ޖެހޭ ޓްރެފިކްލައިޓު ކައިރި އެކްސިޑެންޓުވެ މީހެއްގެ ބޯ، މިއަދު ފަޅައިގެން ގޮސްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހުޅުމާލެއިން މާލެއަށް ދަތުރުކުރި ސައިކަލެއް، 18:48 ހާއިރު، ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހިގެން އެކްސިޑެންޓުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން 57 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް، އޭނާގެ އަތަށް އަނިޔާ ވެގެން އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހައިވޭގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި، ބައެއް މީހުންނަށް ސީރިއަސް އަނިޔާތައް ލިބި، މަރުވެފައިވެއެވެ.

ފުލުހުންނަށް ވައްކަމުގެ މައްސަލަތަކަށް ފަހު އެންމެ ގިނައިން ރިޕޯޓުކުރަނީ އެކްސިޑެންޓުތަކެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް 2،434 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް