ކައިވެނީގެ ހަފުލާގައި ލިބޭ ފައިސާގެ ހަދިޔާ ހޯދަން މި ބައްޕަ ބޭނުންކުރީ ސްކޭން ކޯޑެއް

ކެރެލާގައި ކުރެވުނު ކައިވެނީގެ ރަސްމިއްޔާތުގައި ކައިވެނު ކުރެވުނު އަންހެން ކުއްޖާގެ ބައްޕަ ހަދިޔާގެ ގޮތުގައި ދެވޭ ފައިސާ ސްކޭން ކުރުމަށް ތައްޔާރުވެފައި--ފޮޓޯ/ދައިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ކެރެލާ ސްޓޭޓްގައި ދާދި ފަހުން ބޭއްވި ކައިވެނީގެ ހަފުލާއަކަށް ގިނަ ބަޔަކަށް ސަމާލުކަން ލިބިއްޖެއެވެ.

މި ކައިވެނީގެ ހަފުލާގައި ކައިވެނިކުރި އަންހެންކުއްޖާގެ ބައްޕަގެ ހެދުމުގައި، ފައިސާ ޖަމާކުރުމަށް އިންޑިއާގައި ބޭނުންކުރާ ޕެއިޓީއެމް ކިއުއާރް ކޯޑު ހަރުކޮށްފައި ހުރުމުން ކައިވެނީގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދީ އަންހެންކުއްޖާގެ ބައްޕައެވެ.

އެ ކައިވެންޏަށް ހާޒިރުވި ވަރަށް ގިނަ މެހެމާނުން ދިޔައީ ކައިވެނީގެ ހަދިޔާގެ ގޮތުގައި ދެމަފިރިންނަށް ފައިސާ ޖަމާކޮށްދެމުންނެވެ.

އެ މަންޒަރު ސޯޝަލް މީޑިއާގައި ވައިރަލްވުމާ އެކު ގިނަ ބަޔަކު ބުނެފައި ވަނީ މިއީ ތިމާވެށްޓާ ރަހްމަތްތެރި ގޮތަކަށް ކައިވެނީގެ ހަފުލާތަކުގައި ބޭނުންކުރަން އިންޑިއާ މީހުން ބޭނުންކުރަން ވަރަށް ރަނގަޅު އުކުޅެއް ކަމަށެވެ.

އިންޑިއާގެ ކައިވެނީގެ ހަފުލާގައި ކައިވެނި ކުރި ދެމަފިރިންނަށް ހަދިޔާތަކެއް ހަވާލުކުރަނީ--ފޮޓޯ/އިންސްޓަގްރާމް

އިންޑިއާގައި ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި ޗާޕްކޮށްފައިވާ ނޫޓުތަކުގެ ބަދަލުގައި ޑިޖިޓަލީ ފައިސާ ދެއްކުމުގެ ސަގާފަތެއް އާލާވަމުން އަންނައިރު ކައިވެނީގެ ރަސްމިއްޔާތުތަކަކީ ފައިސާގެ މުއާމަލާތްކުރުން ގިނަ ހަފުލާތަކެއް ހިމެނޭ ރަސްމިއްޔާތުތަކެކެވެ.

އާއްމުކޮށް ކައިވެނީގެ ރަސްމިއްޔާތުތަކުގައި ދެވޭ ހަދިޔާތަކުގެ ތެރެއިން ޚާއްސަކޮށް ފައިސާގެ ގޮތުގައި ދެވޭ ހަދިޔާ ސިޓީއުރައަކަށް ލުމަށްފަހު ހަވާލުކުރަމުން އަންނަނީ ކައިވެނި ކުރެވޭ ދެމަފިރިންނާ ސްޓޭޖްމަތިންނެވެ.

ނަމަވެސް ކެރެލާގައި ބޭއްވުނު ކައިވެނީގެ ރަސްމިއްޔާތުގައި އަންހެން ކުއްޖާގެ ބައްޕަ އިސް ނަގައިގެން ހަވާލުވީ ހަދިޔާގެ ގޮތުގައި ދެވޭ ފައިސާ ސްކޭންކޮށް ވަގުތުން އެކައުންޓަށް ޖަމާކުރުމުގެ މަސްއޫލިއްޔަތާއެވެ.

އެއީ ކައިވެނީގެ އުފަލުގައި ބައިވެރިވާ މެހްމާނުންގެ ވަގުތު ވެސް ސަލާމަތްކުރެވޭނެ ވަރަށް މޮޅު ގޮތެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

އާއްމުކޮށް ކައިވެނީގައި ހަދިޔާގެ ގޮތުގައި ދެވޭ ސިޓީ އުރައަކީ އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ އެއްޗެއް ނޫން ކަމަށާއި ބޭކާރު ގޮތުގައި ސިޓީ އުރަތައް އުކާލުން ވެސް މަދުވާނެ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

އެއްބަޔަކަށް މި ޚިޔާލު ކަމުދިޔައިރު އަނެއްބަޔަކު ބުނެފައި ވަނީ އޮންލައިން ޓްރާންސެކްޝަންގެ ބަދަލުގައި ފައިސާ އަތުން އަތަށް ދިނުން މާ ރަނގަޅު ކަމަށެވެ.

އެގޮތަށް އަމަލު ކުރުމުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށާއި ކައިވެންޏާ ގުޅިގެން ކުރެވޭ ބައެއް ކަންކަން އިހުގެ އާދަކާދައާ އެއްގޮތަށް ކުރުމަށް އެގޮތުގައި ބޭއްވުން މާ ރަނގަޅު ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް