ރަންބީރުގެ އާއިލީ ކުންފުނި، ރާޖް ކަޕޫރު ފިލްމްސްގެ މަސައްކަތް އަލުން ފަށަނީ

އިންޑިއާގެ ހިންދީ ސިނަމާގެ ލެޖެންޑް ރާޖް ކަޕޫރު އަދި އެކްޓަރު ރަންބީރު ކަޕޫރު--ފޮޓޯ/ފިލްމުފެއަ

އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާ ކަޕޫރު ޚާންދާނަށް ނިސްބަތްވާ ފިލްމު ކުންފުނި 'އާރްކޭ ފިލްމްސް' މިޒަމާނާ ގުޅޭގޮތަށް ބަދަލުތަކެއް ގެނެސް އަލުން އެ ކުންފުނީގެ މަސައްކަތް ފަށަން އެކްޓަރު ރަންބީރު ކަޕޫރު ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކަކީ ވެސް އެކްޓަރު ރަންބީރު ކަޕޫރެވެ. ހަމައެއާއެކު ފިލްމު ޑައިރެކްޝަނަށް ނުކުންނަން ޝައުގުވެރިވާކަން މީގެ ކުރިން ވެސް ފާޅުކޮށްފައިވާ އެކްޓަރު ފުރަތަމަ ޑައިރެކްޓް ކުރާނީ ވެސް އާރްކޭ ފިލްމްސްގެ އުފެއްދުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މަސައްކަތުގައި ރަންބީރު އެންމެ ބޮޑު އެހީތެރިކަމެއް ހޯދަނީ ގާތް ރަހްމަތްތެރިޔާ އަދި ޒުވާން ފިލްމު ޑައިރެކްޓަރު އަޔާން މުކަރުޖީގެ ފަރާތުން ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

އިންޑިއާގެ އެންމެ އައިކޮނިކް ފިލްމު ސްޓޫޑިއޯ ކަމަށްވާ 'އާރްކޭ ފިލްމްސް' ނިސްބަތް ވަނީ ރަންބީރުގެ ކާފަ އަދި ހިންދީ ސިނަމާގެ ލެޖެންޑް ރާޖް ކަޕޫރަށެވެ.

އާރްކޭ ސްޓޫޑިއޯ ފިލްމްސްގެ ލޯގީ ފެންނަ ބެނާއެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް

އެ ސްޓޫޑިއޯއަށް ނަން ދީފައި ވަނީ ވެސް ރާޖް ކަޕޫރުގެ ނަމާ ގުޅުވައިގެންނެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑްޑޭގައި ބުނެފައިވާ ގޮތުން 'އާރްކޭ ފިލްމްސް' އަލުން ކޮޅަށްޖަހައި އެ ސްޓޫޑިއޯގެ މަސައްކަތް އަލުން ފެށުމުގެ މަޝްވަރާ އަކީ ކަޕޫރު ޚާންދާން ތެރޭގައި ވަރަށް ކުރިއްސުރެ ކުރެވެމުން އަންނަ މަޝްވަރާއެކެވެ.

އެހެންވެ އެ މަސައްކަތް އަވަސް އަރުވައިގެން ކުރުމަށްވުރެ ބޮޑަށް އެކަމަށް ޚާއްސަ ޕްލޭނަކާ އެކު ފެށުމަށް އެ އާއިލާއިން ތައްޔާރުވަމުން އަންނަ ކަމަށް މިޑްޑޭގައި ވަނީ ބުނެފައެވެ.

'އާރްކޭ ފިލްމްސް'އިން އެންމެ ފުރަތަމަ އުފެއްދި ފިލްމަކީ 1948ގައި ގެނެސްދިން ފިލްމު "އާގް"އެވެ.

ނަވާރަސަތޭކަ ނުވަދިހަ ނުވައަކާ ހަމައަށް އެ ސްޓޫޑިއޯއިން ކާމިޔާބު ފިލްމުތަކެއް ގެނެސްދިންއިރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ބަތަލާ އައިޝްވާރްޔާ ރާއީ އަދި އަކްޝަޔޭ ކަންނާ ލީޑް ރޯލްއިން ފެނުނު ފިލްމު "އާ އަބް ލޯޓް ޗަލޭ"އެވެ.

އާރްކޭ ސްޓޫޑިއޯސްގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އާގް (1948)، ބަރުސާތު (1949)، އާވާރާ 1951)، ސަންގަމް (1964)، ބޮބީ (1973)، ސަތިއަމް ޝިވަމް ސުންދަރަން (1978)، ޕްރޭމް ރޯގް (1982) އަދި ރާމް ތޭރީ ގަންގާ މޭލީ (1985) ހިމެނެއެވެ.

'އާރްކޭ ސްޓޫޑިއޯ' ބިނާކޮށްފައިހުރި ބިން ގޯދްރެޖް ޕްރޮޕަޓީ ކިޔާ ކުންފުންޏަކަށް ވިއްކާލާފައިވާއިރު އެ ތަނުގައި ލަގްޒަރީ އެޕާޓްމަންޓްތަކާއި ވިޔަފާރިއާ ގުޅުންހުރި ޝޮޕިންގް ސެންޓަރުތަކެއް ބިނާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެ ސްޓޫޑިއޯ ވިއްކާލީ 2017 ވަނަ އަހަރު އެ ތަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސްޓޫޑިއޯ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް