ޖީލަކަށް ދުންފަތް މަނާކުރުމުންނާއި ކަށިމިޔަރުގެ ވިޔަފާރިކުރުމަށް ހުއްދަ ދިނުމުންނާއި ސިވިލް ސާވަންޓުންގެ މުސާރަތައް ބޮޑުކުރުމުން ފައިދާ ކުރާނެ ދިވެހީންނަށް, ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު މަރުހަބާ ދަންނަވައިފިއެވެ.
އެ ތިން ކަންތަކަށް އަމަލުކޮށް، ތަންފީޒު ކުރަން ފަށާފައި ވަނީ މިއަދެވެ.
އެކަން ފާހަގަކުރައްވައި، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ކަންތައްތައް ހަގީގަތަށް ހެދުމުގައި މަސައްކަތްކޮށްދެއްވައި، އެއްބާރުލުން ދެއްވި ހުރިހާ އެންމެނަށް ޝުކުރު އަދާކުރައްވާފައެވެ. އެ ކަންތައްތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނެ ހުރިހާ ދިވެހީންނަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ރައީސް އެހެން ވިދާޅުވިއިރު، ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށް ކަމަށް ކަނޑައަޅައި، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު ވަނީ އާންމުކޮށްފައެވެެ.
އެކަމުގެ ލައިސަންސް ދޫކުރުމުގައި އިސްކަންދޭނީ، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބަށް ކަމަށް ވެސް ގަވައިދުގައިވެއެވެ. ގަވައިދުގައިވާ ގޮތުން ލައިސަންސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލެވެ.
އޭގެއިތުރަށް، ދެހާސް ހަތްވަނަ އަހަރު އުފަންވި އަދި އެއަށްފަހު އުފަންވާ އެންމެންނަށް މިއަދުން ފެށިގެން ސިނގިރޭޓު ވިއްކުން މަނާވެ، ޖެނެރޭޝަނަލް ބޭންއަށް މިއަދު ވަނީ އަމަލުކުރަން ފަށާފައެވެ.
ޖެނެރޭޝަނަލް ބޭންއަކީ، ވަކި އަހަރަކުން ނުވަތަ ތާރީޚަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށް ވެސް ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް، އެފަދަ ފަރާތްތައް ދުންފަތުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރި ނުވެވޭނެހެން ގާނޫނީގޮތުން ކަނޑައެޅުމެވެ.
ހަމައެހެންމެ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް މިއަދުން ފެށިގެން ވަނީ ބޮޑުކޮށްފައެވެ. އެކަން ކުރުމަށް މުސާރަތަކަށް އަންނާނެ ބަދަލުތައް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ޖޮބް މެޓްރިކްސްގައި އެ ތަފްސީލުތައް، އެކި ދާއިރާތަކުގެ މަގާމުތައް ވަކިން ހިމަނާފައިވެއެވެ.