ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ޑިސެމްބަރުން ފެށިގެން ޖޫންގެ ނިޔަލަށް

ބޭރުގެ މަސްވެރިންތަކެއް ބާނާފައިވާ ކަށިމިޔަރުތަކެއް: ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ޑިސެމްބަރުން ފެށިގެން ޖޫންގެ ނިޔަލަށް ކަމަށް ސަރުކާރުން އަންގައިފި ----

ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ މީލާދީ ކޮންމެ އަހަރެއްގެ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް ފިޝަރީސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

މިއަދު ސަރުކާރުގެ ގެޒެޓުގައި ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން، އެ މިނިސްޓްރީން އެހެން ގޮތަކަށް ކަނޑައަޅައި އާންމު ކުރަންދެން، ކަށިމިޔަރުގެ މަސްވެރިކަން، ޑިސެމްބަރާއި ޖޫން މަހާ ދޭތެރެ ނޫން އެހެން މުއްދަތެއްގައި ނުކުރެވޭނެ ކަމަށެވެ.

އެ ގަވާއިދުގެ 20 ވަނަ މާއްދާގައި ވަނީ ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ މިނިސްޓްރީން ކަނޑައަޅާ އިއުލާންކުރާ ގޮތެއްގެ މަތީން، މީލާދީ ކޮންމެ އަހަރަކު ހަތް މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކަމަށެވެ.

މިޔަރުގެ މަސްވެރިކަން މަނާކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް، ކަށިމިޔަރުގެ މަސްވެރިކަމަށް ނޮވެންބަރު މަހު ހުއްދަ ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޯގަސްޓު މަހުގެ 26 ވަނަ ދުވަހު އިއުލާންކުރެއްވިއެވެ.

https://sun.mv/210491

ފިޝަރީޒް މިނިސްޓްރީން އިއްޔެ ވަނީ މި ގަވައިދާއެކު، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރާނެ ގޮތުގެ ޕްލޭން ވެސް އާންމުކޮށްފައެެވެ.

ކަށިމިޔަރުގެ މަސްވެރިކަމާ ބެހޭ ގަވައިދުގައިވާ ގޮތުން، ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނ،ީ އެންމެ ގިނަވެގެން 40 އުޅަނދަށެވެ. އެ މަސްވެރިކަން ކުރުމަށް އެދި، ކަނޑައަޅައިފައިވާ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަންނޯޓުކޮށް، ދަފުތަރު ކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ލައިސަންސް ދޫކުރުމުގައި އިސްކަންދޭނީ، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބަށް ކަމަށް ވެސް ގަވައިދުގައިވެއެވެ. ގަވައިދުގައިވާ ގޮތުން ލައިސަންސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލެވެ.

މަސްވެރިންތަކެއް މަސްވެރިކަމުގައި: ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ވަކި ދުވަސްވަރެއްގައި ކަމަށް ސަރުކާރުން އަންގާފައިވޭ---

ލައިސަންސް އައުކުރަން ހުށަހަޅައިފައިނުވާ ނަމަ، ހުސްވާ ޖާގައަށް ލައިސަންސް ދޫކުރެވޭނ،ީ ދަފުތަރުގައިވާ ތަރުތީބުން ކަމަށް ވެސް ގަވައިދުގައިވެއެވެ.

ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގައެެވެ.

މީގެ އިތުރުން، ކަށިމިޔަރާއި ކަށިމިޔަރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން، ކަށިމިޔަރު ގަންނަންވާނީ މަސްވެރިކަން ކުރުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ނުވަތަ ސަޕްލައިކުރުމުގެ ލައިސަންސެއް ލިބިފައިވާ ބަޔެއްގެ އަތުން ކަމަށް ގަވައިދުގައިވެއެވެ.

https://sun.mv/213371

މި ގަވައިދާ ޚިލާފުވާ ފަދަ ކަމެއް ކޮށްފިނަމަ، 400،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ވެސް ކުރެވެއެވެ. އެގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަންކޮށްފި ނަމަ، 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ.

comment ކޮމެންޓް