އެސް26 ސީރީޒްގެ ސްޕެސިފިކޭޝަންތައް ލީކުވެއްޖެ

ކުރީގެ އެޖް ސީރީޒަށްވުރެ ވެސް ތުނި އާ މޮޑެލެއް ތައްޔާރުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނޭ ---

ސެމްސަންގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ކަމަށްވާ ގެލެކްސީ އެސް26 ސީރީޒްގެ އެންމެހައި ސްޕެސިފިކޭޝަންތައް ލީކުވެއްޖެއެވެ.

މި މައުލޫމާތުތައް ލީކުކޮށްފައިވަނީ ޓިޕްސްޓަރެއް ކަމަށްވާ އަލްކިމިސްޓް ލީކްސް އިން ޓެލެގްރާމް މެދުވެރިކޮށެވެ.

މި ލީކުތަކުން ދައްކާގޮތުގައި، މި ސީރީޒްގެ ފޯނުތަކަށް، ޚާއްސަކޮށް އަލްޓްރާ މޮޑެލްގެ ކެމެރާއަށް، ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ.

ސެމްސަންގުން ވަނީ ކުރިއަށް އޮތް ގެލެކްސީ އެސް26 ސީރީޒްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، ޕާފޯމަންސް، އަދި ކެމެރާއަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް މީގެ ކުރިން އިޝާރާތްކޮށްފައެވެ. މި ފޯނުތަކުގައި ސެމްސަންގެ އާ އެމް14 އޯލެޑް ޕެނަލް ބޭނުންކުރާނެ ކަމަށް ވެސް ބެލެވެއެވެ.

ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގެލެކްސީ އެސް26 އަލްޓްރާގައި 6.9-އިންޗީގެ ކުއަޑް އެޗްޑީ ރިޒޮލިއުޝަންގެ އެމް14 އޯލެޑް ސްކްރީނެއް ހިމެނޭނެއެވެ.

މީގެ އިތުރުން، ޕްރައިވެސީ ސްކްރީން އޭއައި ފީޗާތަކެއް ވެސް މި ފޯނުގައި ހިމެނިފައިވުން އެކަށީގެންވެއެވެ.

ކެމެރާއަށް ބަލާއިރު، މި ފޯނުގައި ކުއަޑް ކެމެރާ ސެޓަޕެއް ހިމެނޭނެއެވެ. މީގެ ތެރޭގައި އަޕްޑޭޓްކޮށްފައިވާ 200-މެގާޕިކްސަލްގެ މެއިން ސެންސަރަކާއި، އަޕްޑޭޓްކޮށްފައިވާ އަލްޓްރާ ވައިޑް އެންގަލް ލެންސަކާއި، 50-މެގާޕިކްސަލްގެ 5އެކްސް އޮޕްޓިކަލް ޒޫމް ޓެލެފޯޓޯ ކެމެރާއެއް ހިމެނެއެވެ. ހަތަރުވަނަ ކެމެރާއަކަށް 12-މެގާޕިކްސަލްގެ 3އެކްސް ލެންސެއް ނުވަތަ 50-މެގާޕިކްސަލްގެ 3އެކްސް ލެންސެއް ހިމެނިފައިވުން އެކަށީގެންވެއެވެ.

މީގެ އިތުރުން، ގެލެކްސީ އެސް26ގައި 6.3-އިންޗީގެ ކުއަޑް އެޗްޑީ އެމް14 އޯލެޑް ސްކްރީނެއް އަދި ގެލެކްސީ އެސް26 ޕްލަސް ގައި 6.7-އިންޗީގެ ސްކްރީނެއް ހިމެނޭނެއެވެ.

މި ދެ ފޯނުގައި ވެސް ތިން ކެމެރާގެ ސެޓަޕެއް ހިމެނޭނެ ކަމަށް ލީކުތައް ބުނެއެވެ. މީގެ ތެރޭގައި އަޕްޑޭޓްކޮށްފައިވާ 50-މެގާޕިކްސަލްގެ މެއިން ސެންސަރަކާއި، 50-މެގާޕިކްސަލްގެ އަލްޓްރާ ވައިޑް އެންގަލް ލެންސަކާއި، 12-މެގާޕިކްސަލްގެ 3އެކްސް ޓެލެފޯޓޯ ކެމެރާއެއް ހިމެނެއެވެ.

އަލްޓްރާ މޮޑެލް ފަދައިން، މި ދެ ފޯނުގައި ވެސް ސަރަހައްދަށް ބަލާފައި އެކްސިނޯސް 2600 ނުވަތަ ސްނެޕްޑްރެގަން 8އެލީޓް, ޖެން5 ޗިޕްސެޓް ބޭނުންކުރާނެއެވެ. ބެޓެރީއަށް ބަލާއިރު، އެސް26 ގައި 4,300މިލީއެމްޕަޔާގެ ބެޓެރީއެއް އަދި އެސް26 ޕްލަސް ގައި 4,900މިލީއެމްޕަޔާގެ ބެޓެރީއެއް ހިމެނޭނެއެވެ.

އެސް26 އެޖްގެ މަސައްކަތް ސެމްސަންގުން ހުއްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އެ އެޖް ސީރީޒަށްވުރެ ވެސް ތުނި އާ މޮޑެލެއް ތައްޔާރުކުރަމުންދާ ކަމަށް ވެސް ޓިޕްސްޓާ ބުނެއެވެ.

މި އާ މޮޑެލްގައި 6.6-އިންޗީގެ ކުއަޑް އެޗްޑީ އެމް14 އޯލެޑް ސްކްރީނެއް ހިމެނޭނެ ކަމަށާއި، 50-މެގާޕިކްސަލްގެ މެއިން، އަލްޓްރާ ވައިޑް، އަދި ޓެލެފޯޓޯ ކެމެރާގެ ސެޓަޕެއް ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، މި ފޯނުގައި އެކްސިނޯސް 2600 ޗިޕްސެޓާއި 4,300މިލީއެމްޕަޔާގެ ބެޓެރީއެއް ހިމެނޭނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ހުރިހާ މައުލޫމާތަކީ ލީކުވެފައިވާ މައުލޫމާތުތަކެއް ކަމުން، ސެމްސަންގުން ރަސްމީކޮށް އިއުލާންކުރަންދެން މި ސްޕެސިފިކޭޝަންތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް