އެޕްތަކުގައި ހުންނަ ނުރައްކާތައް ދެނެގަނެވޭ އެޖެންޓެއް ހަދައިފި

އޭއައި ދާއިރާގައި އަދިވެސް އެންމެ ކުރީގައި އޮތީ އޯޕަންއޭއައި ކަމަށް ގިނަބަޔަކު ގަބޫލުކުރޭ ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ކުންފުނި ކަމަށްވާ އޯޕަންއޭއައި އިން، ސޮފްޓްވެއާ ސެކިއުރިޓީގެ ދާއިރާއަށް ބޮޑު ބަދަލެއް ގެނެސްދޭނެ ފަދަ އައު އޭއައި އެޖެންޓެއް ތަޢާރަފްކޮށްފިއެވެ.

'އާޑްވާކް'ގެ ނަމުން ނަންދީފައިވާ މި އޭޖެންޓަކީ، އިންސާނުންގެ ސެކިއުރިޓީ ރިސާޗަރެއްގެ މަސައްކަތްތައް އަމިއްލައަށް ކުރުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެކެވެ.

https://sun.mv/212966

އާޑްވާކްގެ މައިގަނޑު މަސްއޫލިއްޔަތަކީ، ސޮފްޓްވެއާ ކޯޑުތައް ވަރަށް ފުންކޮށް ދިރާސާކޮށް، އޭގައި ފޮރުވިފައިހުރި ނުރައްކާތެރި "ވަލްނަރެބިލިޓީސް" ނުވަތަ ބަލިކަށިކަން ހުރި ތަންތަން ދެނެގަތުމެވެ. މިއީ، އެފްރިކާގެ ޖަނަވާރެއް ކަމަށްވާ އާޑްވާކް ބިމުގެ އަޑިން ކާނާ ހޯދުމަށް ފުން ވަޅުގަނޑުތައް ކޮންނަ ފަދައިން، ކޯޑުގެ އެންމެ ފުނުގައިވާ މައްސަލަތައް ހޯދައި ނެރުމުގެ ޚިޔާލަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ.

މި އޭޖެންޓު މަސައްކަތް ފަށަނީ މުޅި ސޮފްޓްވެއާ ކޯޑު ރިޕޮސިޓަރީ ދިރާސާކޮށް، އެއިން ނުރައްކަލެއް ކުރިމަތިވެދާނެ ގޮތްތަކުގެ "ތްރެޓް މޮޑެލް" އެއް އުފައްދައިގެންނެވެ. އެއަށްފަހު، ކޯޑަށް ގެނެވޭ ކޮންމެ ކުޑަ ބަދަލެއް ވެސް ވަގުތުން ދިރާސާކޮށް، އޭގައި ސެކިއުރިޓީގެ މައްސަލައެއް ހުރިތޯ ބަލައެވެ. ޝައްކުކުރެވޭ މައްސަލައެއް ފެނިއްޖެނަމަ، އެއީ ހަގީގީ ނުރައްކަލެއްތޯ ކަށަވަރުކުރުމަށްޓަކައި، އެހެން ނިޒާމުތަކަށް އަސަރުނުކުރާނެ ގޮތަށް ޚާއްޞަ "ސޭންޑްބޮކްސް އެންވަޔަރަންމަންޓެއް" ގައި ޓެސްޓުތައް ހިންގައެވެ.

މައްސަލައެއް ހުރިކަން ކަށަވަރުވުމުން، އާޑްވާކް އިން އޯޕަންއޭއައިގެ ކޯޑު ޖެނެރޭޓްކުރާ ނިޒާމެއް ކަމަށްވާ "ކޯޑެކްސް" ބޭނުންކޮށްގެން އެ މައްސަލަ ހައްލުކުރާނެ ގޮތް ހުށަހަޅައެވެ. އަދި އެ ހައްލު ރިވިއުކޮށް، ސޮފްޓްވެއާއަށް އެޅުމުގެ އެންމެ ފަހުގެ މަރުޙަލާ ކުރިއަށް ގެންދަނީ އިންސާނެކެވެ.

އޯޕަންއޭއައި އިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އަމިއްލަ ނިޒާމުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް މިހާރުވެސް އާޑްވާކް ބޭނުންކުރަމުން އަންނައިރު، އެއިން ވަނީ ގިނަ އަދަދެއްގެ މައްސަލަތައް ހޯދައި ހައްލުކޮށްފައެވެ. މިހާރު މި އޭޖެންޓް ވަނީ ހޮވާލެވުނު ބައެއް ބައިވެރިންނަށް ޓެސްޓުކުރުމަށް "ޕްރައިވެޓް ބީޓާ" އެއްގެ ދަށުން ފުރުސަތު ހުޅުވާލާފައެވެ.

ދުވަހެއް ދުވަހަކަށް ސޮފްޓްވެއާތައް ދަނީ ވަރަށް ބޮޑަށް "ކޮމްޕްލެކްސް" ވަމުންނެވެ. އެހެންކަމުން، އިންސާނުންނަށް އެކަނި ހުރިހާ ސަލާމަތީ މައްސަލައެއް ހޯދައި ހައްލުކުރުމަކީ ބޮޑު ގޮންޖެހުމަކަށް ވެފައިވާއިރު، އާޑްވާކް ފަދަ އޭއައި އެޖެންޓުތަކަކީ މި ދާއިރާއަށް ވަރަށް ބޮޑު ބޭނުމެއް ޖެހިފައިވާ އެއްޗެއް ކަމަށް އޯޕަންއޭއައި އިން ފާހަގަކުރެއެވެ.

ސައިބަރ ސެކިއުރިޓީގެ ތަޖުރިބާކާރުން ދެކޭގޮތުގައި މިއީ، މި ދާއިރާގައި އޭއައިގެ ބޭނުން ހިފައިގެން ކުރިއަށް ދެވޭނެ ވަރަށް މުހިންމު ދޮރެއް ހުޅުވިގެން ދިޔުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު