ބަނގުރަލާއެކު ހައްޔަރުކުރި ބަޔެއްގެ ތެރޭގައި އަންހެން ފުލުހެއް؛ ވަކިކުރަން ލަފާދީފި

އަންހެން ފުލުހެއް މަގުމަތީގައި: ބަނގުރަލާއެކު ހައްޔަރުކުރި ބަޔެއްގެ ތެރޭގައި އަންހެން ފުލުހެއް ހިމެނޭތީ އޭނާ ވަކިކުރަން ބޯޑުން ވަނީ ލަފާދީފައި -- ފޮޓޯ/ ފުލުހުން

ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އަންހެން ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ކ. ތުލުސްދޫގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އެ އޮޕަރޭޝަނުގައި އެ ރަށުގެ ގެސްޓްހައުސްއެއް ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނުނީ 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެން ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މީހުން ތިބި ގެސްޓްހައުސްއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ދެ ފުޅިއާއި ތައްޓެއް ފެނުނު ކަމަށާއި ނަމަވެސް އެ މީހުން ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލި ކަމަށެވެ. އަދި އެ މީހުން މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައިވާ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ، ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެން ފުލުހަކު ހިމެނޭ ކަމަށެވެ. ކޮންސްޓެބުލް މަގާމުގައި ހުރި އެ އަންހެން މީހާ އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ބޯޑަށް ހުށަހެޅުމުން އޭނާ ވަޒީފާއިން ވަކިކުރުމަށް ލަފާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުން ޝާމިލުވުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ. އެފަދަ މައްސަލަތަކުގައި އެ މީހުން މަގާމުން ވަކިވެސް ކޮށްފައިވެއެވެ.

comment ކޮމެންޓް