ދެކުނު ކޮރެއާއިން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން އިއްޔެ ސްކޯލާޝިޕްގެ ފުރުސަތުތައް ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، ސަރުކާރާއި ކޮރެއާ އިންޓަނޭޝަނަލް އޭޖެންސީ (ކޮއިކާ) ގުޅިގެން ވަނީ ދެކުނު ކޮރެއާގައި ފަސް ދާއިރާއަކުން ފަސް ޔުނިވާސިޓީއެއްގައި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެ ދާއިރާތަކަކީ ޖެންޑާ އީކުއަލިޓީއާއި ސްމާޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީއާއި ގްލޯބަލް އެޑިއުކޭޝަން ލީޑާޝިޕާއި ޓެކްސް އެންޑް ފީސަލް ޕޮލިސީއާއި ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯމެވެ.
މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ދަރިވަރުންނަށް ސްކޯލާޝިޕްގެ ފުރުސަތުތައް ލިބެނީ އެވްހާ ވިމެންސް ޔުނިވާސިޓީންނާއި ހަންޔަން ޔުނިވާސިޓީންނާއި ކޮރެއާ ނެޝަނަލް ޔުނިވާސިޓީ އޮފް އެޑިއުކޭޝަނުންނާއި ކޮރެއާ ޔުނިވާސިޓީގެ އިތުރުން ސެއޯލް ނެޝަނަލް ޔުނިވާސިޓީންނެވެ.
އިއުލާނުގައިވާ ގޮތުން މި ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން އެ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗެލާސް ހާސިލްކޮށްފައިވާ ދަރިވަރުންނަށް ވާން ޖެހޭނެއެވެ. މި ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހަށް 35 އަހަރު ނުފުރޭ ދަރިވަރުންނަށް ވުމުގެ އިތުރުން، މިނިސްޓްރީއާއި ޔުނިވާސިޓީގެ އެހެނިހެން ޝަރުތުތައްވެސް ފުރިހަމަވާން ޖެހޭނެއެވެ.
އަދި ޓެސްޓް އޮފް އިންގްލިޝް ފޮރިން ލެންގުއޭޖް (ޓީއޯއެފްއެލް) އިން 570އަށް ވުރެ މަތިން ލިބިފައިވުން، ނުވަތަ އިންޓަނޭޝަނަލް އިންގްލިޝް ލެންގުއޭޖް ޓެސްޓް ސިސްޓަމް (އައިލެޓްސް) އިން މަދުވެގެން އޯވަރޯލް ސްކޯގެ ގޮތުގައި ހައެއް ލިބިފައިވުން، ނުވަތަ އެ ދަރިވަރަކު ކުރިމަތިލާ ޔުނިވާސިޓީގެ މިންގަނޑުތަކާ އެންގޮތަށް އިނގިރޭސި އެނގެން ޖެހޭނެ ކަމަށް، ޝަރުތުތަކުގައިވެއެވެ.
ހަމަ އެހެންމެ، މި ކޯސްތަކަށް ކުރިމަތިލެވޭނީ ކިޔެވުމަށް ލޯނެއް ނަގައިފިނަމަ އެ ލޯނެއް ގަވައިދުން ދައްކަމުންދާ ދަރިވަރުންނަށެވެ.
މިނިސްޓްރީން ބުނީ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން އެ ދަރިވަރުންގެ ތައުލީމީ ސެޓްފިކެޓުތަކާއި ފުލް ޓްރާންސްކްރިޕްޓްތަކާއި މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއަކާއި ޕާސްޕޯޓު ކޮޕީއަކާއި ކޭއޯއައިސީއޭގެ ފޯމާއި ވަޒީފާގެ ތަޖުރިބާގެ ލިއުމާއި މެޑިކަލް ރިޕޯޓާއި ވަނަވަރާއި ކަމާގުޅުންހުރި އެންމެހާ ލިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.
ސްކޯލާޝިޕްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ކޮންމެ ޕްރޮގްރާމަކަށް ހަތަރު ދަރިވަރުން ނޮމިނޭޓްކުރެވޭނެ ކަމަށާއި، އެ ދަރިވަރުންގެ ފޯމުތައް ހުށަހެޅުމުން ސްކޯލާޝިޕް ލިބޭ ދަރިވަރު ކަނޑައަޅާނީ ކޯސް އިންތިޒާމުކުރާ ފަރާތްތަކުން ކަމަށްވެސް، މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 17ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ނިޔަލަށެވެ، އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ހާޑްކޮޕީ ހުށަހެޅުމަށް ހުޅުވާލާފައިވަނީ މި މަހުގެ 18ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށެވެ.