އުފަންދުވަހު ޝާހުގެ ފޭނުންނަށް 'ކިންގް'ގެ ޓީޒާ

ބޮލީވުޑްގެ ކިންގް ޚާންގެ ނަމުން ގިނަ ބަޔަކު މުޚާތަބްކުރާ އެކްޓަރު ޝާހްރުކް ޚާންގެ 60 ވަނަ އުފަންދުވަހު ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެކްޓަރުގެ އާ ފިލްމު "ކިންގް"ގެ ޓީޒާއެއް ދައްކާލައިފިއެވެ.

މި ފިލްމަކީ ޝާހުގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކުގެތެރޭ ހިމެނޭ "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުނި މާފްލިކްސް ޕިކްޗާސް އާއި ރެޑް ޗިލީޒް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ ވެސް ސިދާތު އާނަންދުއެވެ.

ދީޕިކާ ޕަދުކޯން ލީޑް ބަތަލާގެ ގޮތުގައި ފެންނާނެ މި ފިލްމުގައި ޝާހު ކުޅޭ ކެރެކްޓާގައި އެކްޓަރު ފެންނާނެ ގޮތްވެސް ޓީޒާއިން ވަނީ ދައްކާލާފައެވެ.

ފިލްމު "ކިންގް"ގެ ޓީޒާއިން ޝާހު ފެންނަނީ ވަރަށް ރަހުމް ކުޑަގޮތަކަށް މީހުން މަރަމުންދާ ޝިކާރަވެރިއެއްގެ ގޮތުގައެވެ. ޓީޒާއިން ފެންނަ ގޮތުގައި ފިލްމު "ކިންގް"ގައި ޝާހު ދެ ކެރެކްޓާއަކުން ދައްކާލާނެއެވެ.

ޝާހްރުކް ޚާން ދަރިފުޅު ސުހާނާ ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ

މި ފިލްމުން ޝާހުއާ އެކު އަންހެން ދަރިފުޅު ސުހާނާ ޚާން ވެސް ވަރަށް މުހިއްމު ރޯލަކުން ފެންނާނެއެވެ. ނަމަވެސް މިހާތަނަށް ސުހާނާ ކުޅޭ ކެރެކްޓާއާ ގުޅޭ މައުލޫމާތު ވަނީ ސިއްރުކޮށްފައެވެ.

ޝާހު އާއި ދީޕިކާގެ އިތުރުން "ކިންގް"ގެ ކާސްޓުގައި ހިމެނޭ އިތުރުން ތަރިންގެތެރޭ ރާނީ މުކަރުޖީ، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު، އަރުޝަދު ވަރުސީ، ޖެކީ ޝްރޮފް، ސޯރަބް ޝުކްލާ، ރާގަވް ޖުޔަލްގެ އިތުރުން އަބޭ ވަރުމާ އަދި ޖައިދީޕް އަހްލަވާތު ހިމެނެއެވެ.

ޝާހުއަށް ސަޕޯޓުކުރާ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމު "ކިންގް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރު ކަމަށްވިޔަސް ފިލްމު ރިލީޒްކުރާނެ ތާރީޚެއް ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް