ދިއްލީގެ ނަން "އިންދްރަޕްރަސްތާ" އަށް ބަދަލު ކުރުމަށް އެދެފި

އިންޑިއާގެ ވެރިރަށް ނިއު ދިއްލީ: ދިއްލީގެ ނަން 'އިންދްރަޕްރަސްތާ' އަށް ބަދަލު ކުރުމަށް ވަނީ އެދިފައި -- ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގެ ނަން 'އިންދްރަޕްރަސްތާ' އަށް ބަދަލުކުރުމަށް އެދި ވިޝްވާ ހިންދޫ ޕެރިޝާޑް (ވީއެޗްޕީ) އިން އާދީއްތަ ދުވަހު ދިއްލީގެ ސަގާފަތާބެހޭ މިނިސްޓަރު ކަޕިލް މިޝްރާއަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ ސިޓީގައި ދިއްލީގެ އިތުރުން އިތުރުން އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް އެ ސިޓީގެ އެހެން ބައެއް ތަންތަނުގެ ނަން ވެސް ހަމަ އެ ނަމަށް ބަދަލު ކުރުމަށް އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ވީއެޗްޕީގެ ދިއްލީގެ ޕްރަންޓް ސެކްރެޓަރީ ސުރެންދްރާ ކުމާރު ގުޕްތާ ސިޓީގައި ވިދާޅުވީ ދިއްލީގެ ނަން އަނބުރާ އިންދްރަޕްރަސްތާއަށް ބަދަލުކުރަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން އިންޑިއާގެ ގަދީމީ ތާރީޚާއި ސަގާފަތާ ގުޅުވައިދޭނެ ކަމަށެވެ.

"އިންދްރަޕްރަސްތާ" އަކީ ހިންދޫންގެ ދީނީ ގަބޫލުކުރުންތަކާ ގުޅިފައިވާ ފަސް ޝަހުސިއްޔަތެއް ކަމަށްވާ "ޕާންޑަވާ" އިން ޔަމުނާ ކޯރުގެ އައްސޭރިފަށުގައި ގާއިމުކުރި އެ މީހުން ވެރިރަށުގެ ނަން ކަމަށް ހިންދޫން ގަބޫލުކުރެއެވެ.

"ނަންތަކަކީ ހަމައެކަނި ބަދަލުތަކެއް ނޫން. އެއީ ގައުމެއްގެ ހޭލުންތެރިކަން ދައްކުވައިދޭ ނަންތަކެއް. ދިއްލީ ކިޔާއިރު ފެންނަނީ 2،000 އަހަރުގެ މުއްދަތެއް. ނަމަވެސް އިންދްރަޕްރަސްތާ ކިޔާއިރު ގުޅެނީ 5،000 އަހަރު ދުވަހުގެ ޝަރަފުވެރި ތާރީހަކާ." ޕީޓީއައި އިން ސިޓީއާ ހަވާލާދީ ބުނެފައިވެއެވެ.

ދިއްލީގެ ތަރިކަ ދައްކާލުމުގައި ހިންދޫ ރަސްރަސްކަލުންގެ ކިއްލާތަކާއި ފައްޅިތަކާއި އާސާރީ ބިނާތައް ހިމަނަން ޖެހޭ ކަމަށްވެސް ވީއެޗްޕީގެ ލީޑަރު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް