ރާއްޖޭގެ ދިފާއަށް އަޅާނުލެވި އޮތްއޮތުން 15 އަހަރަށްފަހު ނިމުމަކަށް ގެނައީ މި ސަރުކާރުން: ޣައްސާން

ރައީސް ޑރ. މުހައްމަދު މުއިއްޒު ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާނާ ސަލާމްކުރައްވަނީ: ޣައްސާން ވިދާޅުވީ ދިފާއަށް އަޅާނުލެވި އޮތް އޮތުން ނިމުމަކަށް ގެނައީ މި ސަރުކާރުން ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ދިފާއަށް އަޅާނުލެވި އޮތް އޮތުން 15 އަހަރަށްފަހު ނިމުމަކަށް ގެނައީ މި ސަރުކާރުން ކަމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގައި މިހާރު ކުރިއަށްދާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، 1988ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިވެހީން އެކަތިގަނޑެއްހެން ހަމްދާއި ޝުކުރުން ފުރިފައި ތިބި ހާލު މި ފާހަގަކުރަނީ އުދުވާނެއްގެ މައްޗަށް ދިވެހީން ހޯދި ކާމިޔާބާއި ނަސްރު ކަމަށެވެ.

"ޖެހިލުމެއްނެތި ގައުމުގެ ދިފާއުގަ ފުރާނަ ގުރުބާންކުރެއްވި ޝަހީދުންގެ ގުރުބާނީ، ދިރިއުޅުމުގެ އެކި ވައްޓަފާޅިތަކުން ނުކުމެގެން އައި ދިވެހި ލޮބުވެތި ރައްޔިތުން އެ ދުވަހު ދެއްކި ކެތްތެރިކަމާއި އިޚުލާސްތެރި އަޒުމް،" ޣައްސާން ވިދާޅުވިއެވެ.

"މިއަދު އެންމެ ހޫނު މަރުހަބާއަކާއި ޝުކުރެއް ހައްގުވަނީ އެ ދުވަހު މީގެ 37 އަހަރުކުރިން މި ގައުމުގެ ހާލުގެ ދުލުން ވަތަނުގެ ދިފާއަށް ސަމާލުވުމަށް ގޮވާލި ގޮވާލުމަށް 15 ވަރަކަށް އަހަރު އަޅާނުލެވި އޮތް އޮތުން 17 ނޮވެމްބަރު 2023ގައި ނިމުމަކަށް ގެންނަވައި، އެ ގޮވާލުމަށް އިޖާބަދެއްވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލުގެ ހިމާޔަތުގައި ނުހަނު ފަލަ ރަތް ރޮނގެއް ދަންމަވައި، ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ދިފާއީ ސިޔާސަތެއްގެ ދަށުން ރާވަވައި އެ ފަލަ ރަތް ރޮނގު ހިމާޔަތްކުރެވޭ ފަދަ ޒަމާނީ އަސްކަރިއްޔާއަކަށް އަޅުގަނޑުމެންގެ ދިފާއީ ބާރު ބަދަލުކުރައްވަން ފަށްޓަވައި ރެއާއި ދުވާލު ކެނޑިނޭޅި އެ މަސައްކަތުގައި ޝާމިލްވެ އުޅުއްވައި ހޯއްދަވަމުން ގެންދަވާ ގިނަގުނަ ކާމިޔާބީތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް،"މުހައްމަދު ޣައްސާން މައުމޫން - ޑިފެންސް މިނިސްޓަރު

މި ދެ އަހަރު ތެރޭ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރެވިއްޖެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަށީގެންވާ މިންވަރަކަށް ޝަހީދުންގެ އާއިލާތަކަށް އިނާޔަތް ދޭނެ ކަމަށް އިއުލާނުކޮށް ސަރުކާރުން އެކަން ފަށާފައިވާ ކަމަށާއި، އާ ސިފައިން ނެރުމުގެ މަސައްކަތް ފެށުމުގެ އިތުރުން ދިވެހި ގައުމީ ދިފާއީ ބާރުގެ މެރިން ކޯ އާއި ކޯސްޓްގާޑު ވަރުގަދަކުރުމަށް ގެނައި އުޅަނދުފަހަރު މިއަދު އާންމުންނަށް ފެނިގެން ދާނެ ކަމަށެވެ.

ގައުމީ ސަލާމަތީ ޚިދުމަތާ އަލަށް ގުޅޭ ކުދިންނާ މުޚާތަބުކުރައްވައި ޣައްސާން ވިދާޅުވީ، އެ ކުދިން މިއަދު ތައްޔާރުވަނީ ކޮން ޒިންމާއަކާ ހަވާލުވާން ކަން ވިސްނާލަން އެންމެ ރަނގަޅު އެއް ދުވަހަކީ މިއީ ކަމަށާއި، ރަނގަޅު ހެޔޮ ގޮތުގައި އެ ކުދިން ދެމިތިބެއްޖެ ނަމަ މި ގައުމު މިނިވަންކަމަށް ވާސިލްކޮށްދޭ ޖީލަކަށް އެ ކުދިން ވާނެ ކަމަށެވެ.

ސިފައިންނާ މުޚާތަބުކުރައްވައި ޣައްސާން ވިދާޅުވީ، މިއީ ދިވެހި ސިިފައިންގެ ލަޝްކަރު އަލުން ރުކުރުވާލައި، ސިފައިންގެ ފަޚުރާއި ޝަރަފް އުފުލާލައި ދުނިޔެއަށް ދައްކާލަންވީ ދުވަސް ކަމަށެވެ.

ޣައްސާން ވަނީ ރާއްޖެ ދެމިއޮތްހާ ހިނދަކު، ސިފައިންގެ ހުވަޔާ އެއްގޮތަށް އެންމެ ފަހު ލޭ ތިކި އޮހޮރާލައިގެންވެސް ފުރާނައިން ގުރުބާންވެ، ސިފައިން ގައުމު ދިފާއުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް