އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކުރަން ރައީސް ނިންމަވައިފި

މިދިޔަ އަހަރުގެ މާޗް މަހު ޑްރޯން ލޯންޗުކޮށްދެއްވުމަށް ފަހު ރައީސް ޑރ. މުއިއްޒު ބައްލަވައިލައްވަނީ: ރައީސް ވަނީ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކުރައްވަން މިއަދު ނިންމަވައިފަ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކޮށް ޚިދުމަތް ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސްގެ ގަރާރަކުން މި ނިންމެވުން ނިންމެވީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރާއި އިޚްތިޔާރާއި ސިފައިންގެ ގާނޫނުން ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުންނެވެ.

އެމަނިކުފާނު ނެރުއްވި ގަރާރުގައިވާ ގޮތުން އެއާ ސްޓޭޝަނެއް ގާއިމްކޮށް ޚިދުމަތް ފަށަން ނިންމެވީ ސިފައިންގެ ވައިގެ ބާރެއް ރާއްޖޭގައި ގާއިމްކޮށް ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ސިފައިންނަށް ހޯދައިދީ، ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމުގައި އަމިއްލަ ގާބިލުކަން ހުރި ބަޔަކަށް ހެދުމުގެ މަގްސަދުގައެވެ.

އެ ގަރާރުގައިވާ ގޮތުން އެއާ ކޯގެ މަގްސަދަކީ ރާއްޖޭގެ މިނިވަންކަމާއި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި އެސްއީޒެޑު ބަލަހައްޓައި، ރާއްޖޭގެ ސަރަހައްދުގައި ވައިގެ މަގުން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި ރާއްޖެ ވައިގެ މަގުން ރައްކާތެރިކުރުމެވެ.

"...ދިވެހި އަސްކަރިއްޔާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ރެއާއި ދުވާލު 24 ގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި، ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކޮށް އެ އެއާ ސްޓޭޝަންގެ ޚިދުމަތް ފެށުމަށް ދިވެހި ސިފައުންގެ މައްޗަށް އަންގައި އަމުރުކޮށް މި ގަރާރު އެކަށައެޅީމެވެ." އެމަނިކުފާނުގެ ގަރާރުގައިވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގެނައި ޑްރޯންތައް އިފްތިތާހުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15ގައެވެ.

ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ މި ޑްރޯންތަކުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. އަދި، 150 ކިލޯގެ ޕޭލޯޑް ކެޕޭސިޓީއެއް ލިބިގެންވެއެވެ.

އެންމެ ޒަމާނީ އާލާތްތަކާ އެކު އުދުއްސޭ މި ޑްރޯން 70 އާއި 120 ނޮޓުގެ ސްޕީޑުގައި 27 ގަޑިއިރަށް ވުރެ ގިނައިރު ދުއްވޭނެއެވެ. އަދި، 25،000 ފޫޓަށްވުރެ މަތިން ދުއްވުމުގެ ގާބިލުކަން ވެސް މި ޑްރޯންގައި ހުރެއެވެ.

ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓްކުރަނީ އެމްއެންޑީއެފްގެ އެއާ ކޯއިންނެވެ.

comment ކޮމެންޓް