ދޮޅު އަހަރު ތެރޭގައި ވަކިވެގެން އެ ދިޔައީ: ބައްޕަ, މަންމަ, އެންމެ ހަގު ފިރިހެން ދަރިފުޅު!

މާލޭ، އެމްޕީއެލްއާ ދިމާ ބޭރުގައި އިއްޔެ މެންދުރުފަހު، ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހަދިސާގައި ހާލު ދެރަވި ދިވެހި ޒުވާނާ މިއަދު ހެނދުނު މަރުވެފައިވާއިރު މިއީ އެކުގައި މަސައްކަތް ކުރި މީހުންނާއި އެ ޒުވާނާ ނިސްބަތްވާ ގއ. ގެމަނަފުއްޓަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އެ ހިތާމަ އެހާ ބޮޑުވާ އަނެއް ސަބަބަކީ ކައިރި ކައިރީގައި އެ އާއިލާގެ ތިން މީހުން މަރުވެގެން ދިއުމެވެ.

އެމްޕީއެލްގައި މަސައްކަތް ކުރާ, އުމުރުން އެންމެ 25 އަހަރުގެ އަލީ އަފްލާހް އަބްދުﷲ މިއަދު މަރުވިއިރު ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި އޭނާގެ ބައްޕަ އާއި މަންމަ ވެސް ވަނީ ދުނިޔެ ދޫކޮށްފައެވެ.

https://www.sun.mv/213445

ގެމަނަފުށިން "ސަން" އަށް މައުލޫމާތު ދިން, އެ ރަށު ކައުންސިލްގެ އެގްޒެކްޓިވް މުޙައްމަދު ޝިޔާމް ވިދާޅުވިގޮތުގައި އަފްލާހްގެ ބައްޕަ އަބްދުالله މުޙައްމަދު, މަރުވީ މިދިޔަ އަހަރުގެ މޭ މަހުގެ 25 ވަނަ ދުވަހު, ކެންސަރު ބަލީގައި އެ ރަށުގައި ކަމަށެވެ.

އަބްދުاللهއަކީ ވަރަށް ހުނަރުވެރި މަސައްކަތްތެރިއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން އެކިއެކި އިލެކްޓްރޯނިކްސް ސާމާނުން ފެށިގެން އިންޖީނިއަރިން ތަކެތި މަރާމާތު ކުރަން އަބްދުالله ވަރަށް ފަރިތަ ކަމަށް ވިދާޅުވިއެވެ. އުމުރުން 67 އަހަރުގައި ކެންސަރު ބަލީގައި އަބްދުالله މަރުވިއިރު އޭނާ އެންމެ ފަހުން ކުރަމުން އައީ ފައިބަރު މަސައްކަތެވެ.

އަފްލާހްގެ މަންމަ ސަލީމާ އިބްރާހީމް މަރުވީ, މިއަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހެވެ. އެއީ ހާޓްއެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށެވެ. އޭރު ސަލީމާގެ އުމުރުން 56 އަހަރެވެ.

ކުއްލި ގޮތަކަށް އަފްލާހް މިއަދު އެ މަރުވީ މަންމަ މަރުވިތާ ހަތް މަސް ތެރޭގައެވެ. އަދި އަފްލާހް ކައިވެންޏެއް ކުރިތާ ވެސް މިވީ އަހަރެއްހާ ދުވަސް ކަމަށް އެ ރަށުން މައުލޫމާތު ދިން މީހުން ބުނެއެވެ.

އަފްލާހުގެ ސޯޝަލް މީޑިއާ ބަލާލިއިރު މިދިޔަ މޭމަހުގެ ދެ ވަނަ ދުވަހު އޭނާ ޝެއާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭނާގެ ފާފަ ފުއްސެވުމަށް ފަހު ފުރާނަ ގެންދެވުމަށް ދުއާ ކޮށްފައެވެ.

އަފްލާހްގެ ބައްޕަ އެެހެން ބަނޑަކަށް ހަތަރު ކުދިން ތިބޭއިރު, އަފްލާގެ މަންމައަށް ނުވަ ކުދިން ތިބެއެވެ. އޭގެ ތެރެއިން އަފްލާހަކީ އެންމެ ހަގު ފިރިހެން ކުއްޖާއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އަފްލާހު ކުރިން އެ ކައުންސިލްގައި ޑްރައިވަރެއްގެ ވަޒީފާ އަދާ ކުރިއެވެ. އަދި އޭނާ މާލެ ބަދަލުވިތާ އެހާ ގިނަ ދުވަސްތަކެއް ނުވާނެ ކަމަށާއި އޭނާއަކީ ވަރަށް އަހުލާގު ރަނގަޅު ވަރަށް މަޑުމައިތިރި ޒުވާނެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަފްލާހަކީ ވެސް އޭނާގެ ބައްޕަ ފަދައިން ވަރަށް މަސައްކަތް ދަންނަ ޒުވާނެއް. އެކަމަކު އޭނާ ބޮޑަށް މަޝްހޫރު ވެފައިވަނީ ފޮޓޯގްރާފަރެއްގެ ގޮތުގައި. ކައިވެނި ހަފްލާތަކާއި އިވެންޓްތައް ފޮޓޯ ނަގާނެ ވަރަށް," ޝިޔާމް ވިދާޅުވިއެވެ.

އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 15:44ހާއިރެވެ. ފުލުހުން ބުނީ ކޮޅުވެއްޓީގައި 14 މީހުން ތިބި ކަމަށެވެ. އެ އެންމެން ވެސް ފެނުނުއިރު އޭގެ ތެރެއިން، ހަ މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. އެއީ ހަތަރު ދިވެހީންނާއި ދެ ބިދޭސީންނެވެ. އޭގެ ތެރެއިން މަރުވީ އަފްލާހާއި ބިދޭސީއެކެވެ.

comment ކޮމެންޓް