އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދު ކުރަން ދެކޮޅު ހެދި ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރުމުން އެހެން ގާޒީއަކާއެކު، ލަމްހާގެ ބަންދާމެދު އަލުން ގޮތެއް ނިންމަން ތާވަލުކޮށްފިއެވެ.
ދެ މަސް ދުވަހަށް ފާއިޒް ސަސްޕެންޑްކޮށްފައިވާއިރު، ބަންދުން ދޫކޮށްލާފައި ހުރި ލަމްހާގެ ބަންދާމެދު އަލުން ގޮތެއް ނިންމުން އޮތީ މާދަމާއަށް ތާވަލުކޮށްފައެވެ.
މޭރީގެ މަރާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން، މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ދައުލަތުން އޭނާ އަލުން ބަންދު ކުރިއެވެ.
ލަމްހާ، ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023 އެވެ. އެ ފަހަރު ވެސް ދައުލަތުން މައްސަލަ އިސްތިއުނާފުކުރިއެވެ. އޭގެ ފަހުން ވެސް ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ދިޔައެވެ.
ލަމްހާ ބަންދު ކުރަން ދެކޮޅު ހެދި ގާޒީ، ފާއިޒް މިހާރު ހުރީ ސަސްޕެންޑްކޮށްފައެވެ.
އިތުބާރު ހުރި ގޮތަކަށް "ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިޒްއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލަތަކުގެ ތެރޭގައި މަތީ ކޯޓުން އެންގުމުން ވެސް ލަމްހާ ބަންދު ކުރަން ދެކޮޅު ހެދުން ހިމެނެއެވެ.
އެކަމަކު އެކަމާ ގުޅޭ ގޮތުން ޖޭއެސްސީން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ލަމްހާގެ މައްސަލައިގައި ގާޒީ ފާއިޒް ކުރިން ވިދާޅުވީ މިހާރު ބަންދުން ދޫކޮށްލާފައިހުރި ލަމްހާ، އަލުން ބަންދުކުރުމާމެދު ގޮތެއް ނިންމޭނީ އޭނާގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކާ ބެލުމަށް އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށެވެ. އެ އެސެސްމަންޓް ހަދަން ދައުލަތަށް އަންގާފައި ވިޔަސް، އެންމެ ފަހުން އޮތް އަޑު އެހުމާ ހަމައަށް އެކަން ކޮށްފަނުވާކަން ގާޒީ އޭރު ފާހަގަ ކުރެއްވިއެވެ. ފަހުން އެ ފަދަ އެސެސްމެންޓެއް ހެދިކަމެއް އެނގިފައެއް ނުވެއެވެ.
ލަމްހާ އަލުން ބަންދު ކުރުމަށް ބޭނުންވާ އެސެސްމެންޓާ ގުޅޭ ގޮތުން ދައުލަތުން އޭރު ބުނީ، އެ އެސެސްމަންޓް ހަދާފައި ނުވަނީ ބަންދުކޮށްދޭން އެދޭ ހާލަތުގައި އެފަދަ އެސެސްމަންޓެއް ހެދުމަށް ވަކި އިންތިޒާމުތަކެއް ނުވަތަ އުސޫލުތަކެއް ހަމަޖެހިފައި ނެތުމުން ކަމަށެވެ.
ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގެ މައްސަލައިގައި ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27ވަނަ ދުވަހެވެ. އެއަށްފަހު މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށް ތުހުމަތުކުރެވޭ ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16ވަނަ ދުވަހެވެ.