ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަން ވަރަށް އަވަހަށް ވެއްޓޭނެ: ޓްރަމްޕް

ޓްރަމްޕް އަދި މަދޫރޯ

ވޮޝިންޓަން (3 ނޮވެންބަރު 2025) : ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ވެރިކަން ދެން މާގިނަ ދުވަހު ދެމިނޯންނާނެ ކަމަށާއި އޭނާގެ ވެރިކަމަށް އޮތީ މަދު ދުވަސްތަކެއްކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މަދޫރޯއަށް އިންޒާރު ދެއްވައިފިއެވެ.

އެމެރިކާގެ ރިޔާސީ ޖެޓް އެއާފޯސް ވަން ގައި ހުންނަވައި ގެން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ މަދޫރޯގެ ވެރިކަން ވެއްޓެން އޮތީ މަދު ދުވަސްތަކެއްކަން އޭނާ ހަނދާން ކުރަންވާނެ ކަމުގައެވެ.

މަދޫރޯއަކީ އެމެރިކާގެ މަސްލަހަތަށް ހުރި ނުރައްކަލެއްކަން ބަޔާން ކުރައްވައި އެމެރިކާގެ ރައީސް ޓްރަމްޕް، ވެނެޒުއެލާގެ ރައީސް މަދޫރޯއަށް ބިރުދެއްކެވި ނަމަވެސް މަދޫރޯގެ ވެރިކަން ވައްޓާލުމަށްޓަކައި އެމެރިކާ އަސްކަރީ ގޮތުން ވެނެޒުއެލާއަށް އަރައިގަތުމުގެ ވިސްނުމެއް ނެތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕަކީ ދެ ފަހަރު ދެގޮތަށް ވާހަކަ ދައްކަވައި ފުށުއަރާގޮތަށް ބަޔާންތައް ދެއްވުމުގައި ދުނިޔެއަށް ނަން މަޝްހޫރު ބޭފުޅެކެވެ. އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށްވެސް ހަމަލާދިނުމުގެ ވިސްނުން ނުގެންގުޅޭކަމަށް ބައެއްފަހަރު ޓްރަމްޕް ވިދާޅުވެފައިވާއިރު، އަނެއްބައި ފަހަރު ހަމަލާދޭނެކަމަށް ވިދާޅުވެފައިވެއެވެ.

ޓްރަމްޕްގެ އަމުރަށް އެމެރިކާ ސިފައިން މިދިޔަ ޖުލައިމަހު އީރާނުގެ ނިއުކްލިޔާ ބައެއް މަރުކަޒުތަކަށް ވަނީ ބޮންއަޅާފައެވެ.

އިސްރާއީލުން އީރާނަށް އިސްވެ ހަމަލާދިނީވެސް ޓްރަމްޕްގެ ރުހުން ލިބިގެންކަމަށްވަނީ ބެލެވިފައެވެ. ޓްރަމްޕްގެ އަމުރަށް އެމެރިކާ ގެންދަނީ ވެނެޒުއެލާގެ ކައިރިއަށް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ފޮނުވައިގެން އެގައުމަށް ބިރުދައްކައި ބުލީކުރަމުން ގެންދާއިރު މިއީ އެމެރިކާ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވައިދާ އަދި އުސޫލުތަކާ ޚިލާފުވެ ބައިނަލްއަގްވާމީ ނިޒާމަށް ގޮންޖެހުމުގެ އަމަލެއްކަމަށް ވެނެޒުއެލާއިން ބުނެއެވެ.

އެމެެރިކާ ވެނެޒުއެލާއާ ދެކޮޅަށް މިކަން ކުރަނީ ލެޓިން އެމެރިކާގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް ވެނެޒުއެލާ ސަރުކާރުން މަސައްކަތް ނުކުރާކަމަށް ބުނެ ބަހަނާތަނެއް ދައްކައިގެންނެވެ.

ނަމަވެސް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވާގޮތުގައި އެމެރިކާ އޭނާގެ ގައުމުގެ ކައިރިއަށް ހަނގުރާމައިގެ ގުރާބުތައް ފޮނުވައިގެން ބިރުދައްކަނީ އޭނާގެ ވެރިކަމުގައި ވެނެޒުއެލާގެ ތެލާއި އެނޫންވެސް ގުދްރަތީ ރެސޯސްތަކަށް އަތްގަދަ ކުރުމުގެ ފުރުސަތު އެމެރިކާއަށް ނުލިބޭތީއެވެ.

އެމެރިކާގެ ބޭނުމަކީ އޭނާގެ ވެރިކަން ވައްޓާލައި ވެނެޒުއެލާގެ ވެރިކަމަށް އެމެރިކާގެ ގޮނޑިކޮއްކޮ އަކު ގެނަސްގެން ވެނެޒުއެލާގެ ތެލާއި އެނޫންވެސް ގުދްރަތީ ރެސޯސްތަކަށް ވެރިވެގަތުންކަމަށް މަދޫރޯ ވަނީ ތުހުމަތު ކުރައްވާފައެވެ.

އެމެރިކާއަކީ ލެޓިން އެމެރިކާގައި ވެރިކަންކުރި އެމެރިކާއަށް ވަފާތެރި ޑިކްޓޭޓަރުންގެ ވެރިކަންތައް ދިފާއު ކުރުމުގެ ތާރީޚެއް އޮތްގައުމެކެވެ. 1970 ގެ އަހަރުތަކުގައި ޗިލީގައި އޮތް ޑިމޮކްރެޓިކް ސަރުކާރު ވައްޓާލައި އަސްކަރީ ޑިކްޓޭޓަޝިޕެއް ގާއިމް ކުރީ އެމެރިކާގެ އެހީގައެވެ. މިކަން ކުރެއްވި ޗިލީގެ ކުރީގެ އަސްކަރީ ޑިކްޓޭޓަރު ޖެނެރަލް އޮގަސްޓޯ ޕިނޮޝޭއެވެ. އޭނާއަކީ އެމެރިކާގެ މަދަދުގާރެކެވެ.

ލެޓިން އެމެރިކާގެ އެެހެން ގައުމެއްކަމަށްވާ އެލްސެލްވަޑޯގެ ރައީސް ކާލޮސް ހަމްބާޓޯ ރުމޭރިއޯ ގެ ވެރިކަން 1979 ވަނަ އަހަރު ވައްޓާލި އަސްކަރީ ވެރިޔާ ޖެނެރަލް ޖޯސޭ ނަޕޯލިޔަން ޑުއާޓޭގެ ފަހަތުގައިވެސް އޮތީ އެމެރިކާއެވެ. ޖޯސޭ ނަޕޯލިޔަން އަކީ އަނިޔާވެރި ޑިކްޓޭޓަރޝިޕެއް އެލްސަލްވަޑޯގައި ހިންގެވި ޑިކްޓޭޓަރެކެވެ.

އެމެރިކާ ވަނީ ވެނެޒުއެލާއަށް ބިރުދައްކާގޮތަށް ކޮލަންބިއާއަށްވެސް މިހާރު ބިރުދައްކަން ފަށާފައެވެ. ކޮލަންބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އަކީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާއި ޖެނޮސައިޑް އާ ދެކޮޅަށް ފާޅުގައި ބަސްބުނާ ދުނިޔޭގެ މަދު ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

އޭނާވަނީ އިސްރާއީލާ ގުޅުންތައް ކަނޑާލައްވައި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރާނެ ބައިނަލްއަގްވާމީ ލަޝްރެއް އުފެއްދުމަށް ގޮވާލައްވާފައެވެ.

ވެނެޒުއެލާއާއި ކޮލަންބިއާ އަދި އީރާންފަދަ ގައުމުތަކާ ދެކޮޅަށް އެމެރިކާ ބިރުދެއްކިނަމަވެސް ޗައިނާއާއި ރަޝިއާ ފަދަ އެމެރިކާއަށް ސީދާ ގޮތެއްގައި ރައްދުދީ އެމެރިކާއަށް ބޮޑު ގެއްލުމެއް ދެވޭވަރުގެ ގައުމަކާ ދެކޮޅަށް ބިރުދައްކަން އެމެރިކާއަށް މިހާތަނަށް ކެރިފައެއް ނުވެއެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަނީ އެމެރިކާގެ ބިރުދެއްކުންތަކާއި ބުލީ ކުރުންތަކުގެ ކުރިމަތީގައި އަމާން ނުދޭނެކަމާއި އެމެރިކާއަކީ ބައިނަލްއަގްވާމީ ޓެރަރިޒަމް ސްޕޮންސާކުރާ ގައުމެއްކަމަށް ތުހުމަތު ކުރައްވާފައެވެ.

comment ކޮމެންޓް