ހުޅުމާލެއަށް ވަކި ސިޓީ ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން މަޖިލީހަށް ގަރާރެއް ހުށަހަޅަނީ

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު: ހުޅުމާލެ، މާލެ ސިޓީ ކައުންސިލުން ވަކިކުރުމަށް ގަރާރެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަމްހީދު ވިދާޅުވި--- ސަން ފޮޓޯ/ ނާއިޝް ނާހިދު

ހުޅުމާލެ، މާލެ ސިޓީ ކައުންސިލުން ވަކިކުރުމަށް އެދި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ޝަމްހީދު މިފަދައިން ވިދާޅުވީ އިއްޔެ އޭނާ އެކްސްގައި ކުރެއްވި ޓްވީޓަކާ ގުޅުވާފައެވެ. އެހެން ނަމަވެސް މި ގަރާރާ ބެހޭ އިތުރު މައުލޫމާތެއް ޝަމްހީދު ހިއްސާކުރައްވާފައި ނުވެއެވެ.

ޝަމްހީދު އިއްޔެ ލިޔުއްވިގޮތުގައި މާލެއާ އަޅައިބަލާއިރު ހުޅުމާލެއަކީ ޚާއްސަ ސިފަތަކެއް ލިބިގެންވާ، ތަފާތު ތަނެކެވެ.

"ހުޅުމާލެއަށް ހައްގީ މާލެއާ ވަކިން، މިނިވަން ސިޓީ ކައުންސިލެއް، މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހުޅުމާލެއަށް ދޭންޖެހޭ ވަރަށް އިސްކަން ނުދީފާނެ، އަދި އެހެން ސިޓީއެއްގެ ކައުންސިލަރުން ހުޅުމާލޭގެ ކަންކަމަށް ބަސް ކިއުމަކީ އެންމެ ރަނގަޅު އުސޫލެއްނޫން،" ޝަމްހީދު ލިޔުއްވާފައިވެއެވެ.

ޝަމްހީދެކޭ އެއްގޮތަށް ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް ވެސް ވަނީ މި ޚިޔާލަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. މާލެ ސިޓީގެ އިހްތިސާސުން ވަކިވެ، ވަކި ސިޓީއެއްގެ ގޮތުގައި ހުޅުމާލެ އޮންނަން ތާއީދުކުރައްވާކަމަށް އިއްޔެ އޭނާ ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ހުޅުމާލެ އޮތް ނަމަވެސް، ސިޓީ ކައުންސިލަކަށް އެއްވެސް ބާރެއް ނޯވެއެވެ. ހުޅުމާލޭ ސަހަރާ ފިޔަވައި، ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހައުސިން ޑިވޮލްޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައްވެސް ބަލަހައްޓަނީ އެޗްޑީސީއިންނެވެ.

، ޝަމްހީދު މިފަދައިން ގޮވާލައްވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލްގައި ދެމިއޮތުމާ މެދު އެ ސިޓީގެ ފޭދުއާއި ހުޅުދުއާއި މީދޫގައި ވޯޓެއް ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައިފައިވާ ދަނޑިވަޅެއްގައެވެ.

https://sun.mv/213435

އެ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދުއާއި މީދޫ އައްޑޫ ސިޓީ ކައުންސިލާ ވަކިވާން ނިންމިއިރު، ފޭދޫން ނިންމީ ކައުންސިލްގައި ދެމި އޮތުމަށެވެ.

comment ކޮމެންޓް