2އޮފްއަސް އިން "ޑްރީމް ބިޔޯންޑް ބޯޑާސް"ގެ ނަމުގައި މެލޭޝިއާގައި ބާއްވާ ކޮންސަޓްގެ ޓިކެޓުތައް މެލޭޝިއާގެ ޓިކެޓިން އޭޖެންސީއެއް ކަމަށްވާ "ވަންޓިކްސް"އިން މިއަދުން ފެށިގެން ލިބޭނެ ކަމަށް އެ ބޭންޑުން ހާމަކޮށްފިއެވެ.
މި ހަފުތާގެ ހުކުރު ދުވަހުގެރޭ މެލޭޝިއާގެ ވެރިރަށް ކުއަލާލަމްޕޫރުގެ ޕީޖޭ ލައިވް އާޓްސް ތިއޭޓަރުގައި އޮންނަ ކޮންސަޓާ ގުޅޭގޮތުން 2އޮފްއަސްއިން ބުނީ، ޓިކެޓުތައް ވަންޓިކްސް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި، ޓިކެޓުތައް ވިއްކަން ހުންނާނީ މެލޭޝިއާ ރިންގިޓްއިން ކަމަށެވެ. ވަންޓިކްސްގެ ވެބްސައިޓުގައިވާ ގޮތުން ޓިކެޓުތަކުގެ އަގުތައް އުޅެނީ 56 ރިންގިޓުން 156 ރިންގިޓަށެވެ.
އެއް މެލޭޝިއާ ރިންގިޓަކީ 3.64 ދިވެހި ރުފިޔާއެވެ.
2އޮފްއަސްއިން ބުނީ، މި ކޮންސަޓަކީ ރާއްޖޭގެ މިއުޒިކާއި ސަގާފަތް ދުނިޔެއަށް ދައްކުވައިދޭން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
މި ކޮންސަޓްގައި 2އޮފްއަސް ހެޑްލައިން ކުރާއިރު ސަޕޯޓިން ބޭންޑުތަކުގެ ގޮތުގައި ހިމެނެނީ ރާއްޖޭގެ ފަސީލައިވްއާއި ސްޕިޓްބޯލްއާއި އެންސެމްބްލްގެ އިތުރުން، މެލޭޝިއާގެ ބޭންޑެއް ކަމަށްވާ ޓޯން ކޮންސްޕިރޭޓާސް އާއި ރާއްޖޭގެ ހޭވައްލާ ބޮޑުބެރު ގްރޫޕެވެ. އަދި ގެސްޓް ފަންނާނުންގެ ގޮތުގައި ރާއްޖޭގެ ބައެއް ފަންނާނުންގެ އިތުރުން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ފަންނާނެއްވެސް ބައިވެރިވެއެވެ.
2އޮފްއަސްގެ ކޮންސަޓާ ގުޅޭގޮތުން ބޭންޑް އުފެއްދި އެއް މެންބަރު އަދި ލީޑް ވޯކަލިސްޓް އަހްމަދު އަދުހަމް ބުނީ، މި ކޮންސަޓުން އެއްބައިވަންތަކަމާއި އަޒުމް ދައްކުވައިދޭ ކަމަށާއި، އަދި އެކި ސަގާފަތްތައް ގުޅުވާލަދޭ ކަމަށެވެ. މި ކޮންސަޓަކީ ދިވެހީން ފަޚުރުވެރިވާނެ ކޮންސަޓެއް ކަމަށް އަދުހަމް ބުންޏެވެ.
"މި ކޮންސަޓަކީ ހަމައެކަނި 2އޮފްއަސްއަށް އެޅޭ މުހިންމު ފިޔަވަޅެއްނޫން، މިއީ ދިވެހިރާއްޖޭގެ މުޅި މިއުޒިކް އިންޑަސްޓްރީއަށް ލިބޭ ބޮޑު ކުރިއެރުމެއް، މި ކޮންސަޓުގެ ސަބަބުން ރާއްޖެއަކީ ސަގާފީ އަދި ފަންނީ މަންޒިލެއްކަން ދުނިޔެއަށް ދައްކުވައިދޭ،" އޭނާ ބުންޏެވެ.
ޓޫ އޮފް އަސްގެ މި ޝޯގެ ޓައިޓަލް ސްޕޮންސަރަކީ ކޮންސިއާޖް ގްރޫޕު މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑެވެ. މި ކޮންސަޓް ޝޯއަކީ ވިޒިޓް މޯލްޑިވްސް، އައިލެންޑް ޕާފިއުމްސް، މޯލްޑިވްސް ސެންޓާ، މާލެ ސިޓީ ކައުންސިލު، މީ2 ފިލްމްސް، އެސްއެސް ޓީވީ، ފެޓް ކެޓްޒް އިވެންޓްސް، ކްރެއިޕް ރަނާ، ހުޅުލޭ އައިލެންޑް ހޮޓެލް، މާގިރި ހޮޓެލް، އެޒިޑޮން އަދި އައިސީސީއާރް ގުޅިގެން ބާއްވާ ޝޯއެކެވެ.