ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގައި ބައިވެރިވާ ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޓީމަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ، ލަންކާއާ ދެކޮޅަށް އަންގާރަ ދުވަހު ކުޅޭ މެޗަކީ ސްކޮޑުގައި މިހާރު ތިބި ކުޅުންތެރިންގެ ފުރަތަމަ ބައިނަލްއަގުވާމީ މެޗަށް ވުމެވެ.
އެ ގޮންޖެހުމާއެކު ވެސް ކޯޗު މުނާ މުނީރު (މުންނަ) ހުރީ އުންމީދީ ކަންތައްތަކެއް ހާސިލުކުރުމުގެ އަޒުމުގައެވެ. އަދި ޓީމުގެ ފަރާތުން މުސްތަގުބަލަށް ވިސްނާއިރު ރަނގަޅު ކަންތައްތަކެއް ފެންނާނެކަމުގެ ކުލަވަރުތައް ޓީމުން ފެންނަމުން އަންނަކަމަށް ވެސް ކޯޗު ބުންޏެވެ.
މުބާރާތް ބާއްވާ ލަންކާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ކުރިން ވާހަކަދައްކަމުން ކޯޗު ބުނީ އެހެން ޓީމުތަކުގައި ތިބީ ރާއްޖެއާ އަޅައިބަލާއިރު އިސްކޮޅުން ދިގު ކުޅުންތެރިން ނަމަވެސް އުންމީދުކުރަނީ އެ ކުޅުންތެރިންނާ ދެކޮޅަށް ދިވެހި ޓީމުން ހިތްވަރުގަދަ ކުޅުމެއް ފެނުން ކަމަށެވެ. އަދި އެކަން ވެއްޖެނަމަ އެއީ ހާސިލުވާނެ ބޮޑު ކަމެއް ކަމަށް ވެސް ކޯޗު ބުންޏެވެ.
"ދިވެހި ޓީމުގެ ގިނަ ކުދިންނަކީ ފަހުގެ ވޮލީގެ ފޯމެޓަށް ޕްރެކްޓިސްކޮށްފައި ތިބި ބައެއް ނޫން، އެހެންވީމަ އެއީ އަންނާނެ ޗެލެންޖެއް، މިހާރު މަސައްކަތްކުރަނީ މަޑުމަޑުން ފަހުގެ ވޮލީއަށް ބަދަލުކޮށްގެން ކުޅެން، އެޗީވްމަންޓަކަށް ވާނެ އެ ކުދިންނަށްވުރެ އިސްކޮޅުން ދިގު ބައެއް ކައިރިން މަސައްކަތްކޮށްގެން ކުޅެފިއްޔާ،" ކޯޗު މުންނަ ބުންޏެވެ.

ލަންކާގައި އަންހެން ވޮލީ ޓީމުން ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: ވީއޭއެމް
މި މެޗަކީ ގިނަ ކުޅުންތެރިންގެ ފުރަތަމަ ބައިނަލްއަގުވާމީ މެޗުކަން ފާހަގަކޮށް ކޯޗު ބުނީ އަމާޒަކީ މި މާހައުލަށް ހޭނި، މިހާތަނަށް މި މުބާރާތަށް ތައްޔާރުވުމަށް ކުޅުންތެރިންނަށް ދަސްކޮށްދިން ހުނަރުތަކުގެ ބޭނުންކޮށްގެން މޮޅު ކުޅުމެއް ކުޅޭތަން ފެނުން ކަމަށެވެ.
ލަންކާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު ކުޅޭނީ މާދަމާ ރާއްޖެ ގަޑިން 14:30 ގައެވެ. އޭގެކުރިން މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ ރާއްޖެގަޑިން 13:30 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ކިރްގިސްތާނާއި ނޭޕާލެވެ.
ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހު ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. މި މެޗު ވެސް ކުޅޭނީ ރާއްޖެގަޑިން 14:30 ގައެވެ. އަދި ހައެއް ނޮވެމްބަރުގައި ކުޅޭ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއެވެ.
ރައުންޑް ރޮބިން އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ހަތްވަނަ ދުވަހު އޮންނާނީ ރޭންކިން މެޗުތަކެވެ. އެއަށްފަހު ސެމީ ފައިނަލް މެޗުތައް އޮންނާނީ އަށެއް ނޮވެމްބަރުގައެވެ. އަދި ފައިނަލް މެޗު އޮންނާނީ ނުވައެއް ނޮވެމްބަރުގައެވެ.
ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ އެސިސްޓަންޓު ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ މަރިޔަމް ހަލީމް (ޕޮކޯ)، އާއި ހަސަން އާމިރެވެ.
ޖުމްލަ 11 ކުޅުންތެރިން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރެއެވެ. މީގެތެރޭގައި މިހާރު ރާއްޖޭގައި އެންމެ އަރަމުން އަންނަ ކުޅުންތެެރިން ހިމެނެއެވެ. ޓީމުގެ ކެޕްޓަނަކީ އާމިނަތު މާނާ ނާޒިމެވެ. ވައިސް ކެޕްޓަނަކީ މިންހަތު އަހުމަދެވެ.