އެފްބީ ޕްރައިވެޓް ގްރޫޕްތައް މިހާރު ޕަބްލިކް ގްރޫޕްތަކަށް ބަދަލުކުރެވޭނެ!

ފޭސްބުކްގައި މީގެ ކުރިން ނުހުންނަ ފީޗާތައް ދަނީ އިތުރުކުރަމުން ---

ފޭސްބުކް (އެފްބީ)ގައި ކުރިން ހަދާފައި ހުރި ޕްރައިވެޓް ގްރޫޕްތައް މިހާރު ޕަބްލިކް ގްރޫޕްތަކަށް ބަދަލުކުރެވޭނެގޮތް ހަދައިފިއެވެ.

ފޭސްބުކްގެ މައި ކުންފުނި، މެޓާއިން ވަނީ ފޭސްބުކް ގްރޫޕްތަކަށް އިންގިލާބީ ބަދަލެއް ގެނެސް، ޕްރައިވެޓް ގްރޫޕްތައް ޕަބްލިކް ގްރޫޕްތަކަށް ބަދަލުކުރުމުގެ ފުރުސަތު އެޑްމިންއިންނަށް ހުޅުވާލާފައެވެ.

މި އާ ފީޗާގެ އެންމެ މުހިންމު އެއް ސިފައަކީ، ގްރޫޕް އާންމުކުރި ނަމަވެސް، އެ ބަދަލުގެ ކުރިން މެންބަރުން ހިއްސާކޮށްފައިވާ ޕޯސްޓްތަކާއި މައުލޫމާތުތަކުގެ ސިއްރުކަން ރައްކާތެރިކުރެވޭ ކަމެވެ.

މި ފަސޭހައިގެ ސަބަބުން، ކުރިން ކުޑަކޮށް ފެށިގެން އައިސް، މިހާރު ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާން ބޭނުންވާ ގްރޫޕްތަކަށް، އަލުން ގްރޫޕެއް ހަދަން ނުޖެހި، މިހާރު ހުރި ގްރޫޕްގެ މެންބަރުންނާއެކު އާންމުންނާ ހަމައަށް ވާސިލްވުމުގެ މަގު ފަހިވެގެންދާނެއެވެ.

ޕަބްލިކް ގްރޫޕެއް ޕްރައިވެޓް ކޮށް އަލުން ޕަބްލިކް ވެސް ކުރެވޭނެ --

ގްރޫޕެއް ޕަބްލިކްކުރުމަށް ބަދަލުކުރި ނަމަވެސް، އެ ބަދަލުގެ ކުރިން ހިއްސާކޮށްފައިވާ ހުރިހާ ޕޯސްޓްތަކާއި، ކޮމެންޓްތަކާއި، ރިއެކްޝަންތަކުގެ ޕްރައިވެސީ ރައްކާތެރިކުރެވިފައި ވާނެއެވެ. އެގޮތުން، މިފަދަ ކޮންޓެންޓް ފެންނާނީ ހަމައެކަނި ގްރޫޕް ޕަބްލިކްކުރުމުގެ ކުރިން މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށާއި، އެޑްމިންސް އަދި މޮޑެރޭޓަރުންނަށް އެކަންޏެވެ.

މީގެ އިތުރުން، ގްރޫޕްގެ މެންބަރުންގެ ލިސްޓް ވެސް އާންމުވެގެން ނުދާނެއެވެ. އެ ލިސްޓް ބެލުމުގެ އިޚްތިޔާރު ލިބިގެންވަނީ ހަމައެކަނި ގްރޫޕްގެ އެޑްމިންސްއަށާއި މޮޑެރޭޓަރުންނަށެވެ.

ނަމަވެސް، ގްރޫޕް ޕަބްލިކްކުރުމަށް ފަހު ހިއްސާކުރާ ކޮންމެ ޕޯސްޓަކާއި ކޮމެންޓެއް، އެހެން ޕަބްލިކް ގްރޫޕްތަކެކޭ އެއްފަދައިން، ފޭސްބުކް ބޭނުންކުރާ އަދި ބޭނުންނުކުރާ ހުރިހާ ފަރާތްތަކަށް ފެންނަން ހުންނާނެއެވެ.

ގްރޫޕްގެ ޕްރައިވެސީއަށް ބަދަލު ގެނައުމުގެ ހުއްދަ ލިބިގެންވަނީ ގްރޫޕްގެ އެޑްމިންއިންނަށެވެ. އެޑްމިންއަކު މި ބަދަލު ގެނައުމަށް ހުށަހެޅުމުން، އެހެން އެޑްމިންއިންނަށް އެކަން އެންގި، އެ ބަދަލު ކެންސަލްކުރުމަށް ތިން ދުވަހުގެ މުއްދަތެއް ލިބިގެންވެއެވެ.

ގްރޫޕްގެ އާންމު މެންބަރުންނަށް ވެސް މި ބަދަލުގެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި ގްރޫޕް ޕަބްލިކްވުމަށް ފަހު، މެންބަރަކު ފުރަތަމަ ފަހަރަށް ޕޯސްޓެއް ނުވަތަ ކޮމެންޓެއް ކުރަން އުޅުމުން، ގްރޫޕްގެ ސްޓޭޓަސް ބަދަލުވެފައިވާކަން ހަނދާންކޮށްދޭ ނޯޓިފިކޭޝަނެއް ފެންނާނެއެވެ.

އެޑްމިންއިންނަށް ބޭނުންވެއްޖެ ހިނދެއްގައި، ޕަބްލިކްކޮށްފައިވާ ގްރޫޕެއް އަލުން ޕްރައިވެޓްކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. މިގޮތަށް ގްރޫޕްތައް ޕަބްލިކްކުރުމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ، ގޫގުލް ފަދަ ސާޗް އިންޖީންތަކުން ވެސް ގްރޫޕްގެ ކޮންޓެންޓް ފެނި، ގިނަ ބަޔަކަށް ގްރޫޕް ހޯދައިލަން ފަސޭހަވެގެން ދިއުމެވެ.

comment ކޮމެންޓް