ފަލަސްތީނު ގައިދީއަކަށް އަނިޔާކުރާ ވީޑިއޯއެއް ލީކު ކޮށްލުމުން އިސްރާއީލުން ސިފައިންގެ ކުރީގެ ވަކީލު ހައްޔަރުކޮށްފި

ވީޑިއޯ ލީކުވުމާ ގުޅިގެން އިސްރާއީލުން ހައްޔަރުކުރި ކުރީގެ ވަކީލު ޔިފާތު ތޯމަރް-ޔަރް ޝަލްމީ. ފޮޓޯ/އައިޑީއެފް

އިސްރާއީލުން ބަންދުކޮށްފައި ހުރި ފަލަސްތީނުގެ ގައިދީއަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުކޮށްލުމާ ގުޅިގެން އިސްރާއީލުގެ ކުރީގެ އަސްކަރީ ޕްރޮސެކިއުޓާ ޔިފާތު ތޯމަރް-ޔަރުޝަލްމީ ހައްޔަރުކޮށްފިއެވެ.

އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި ހޯމަ ދުވަހުގެ ރޭ މޭޖާ ޖެނެރަލް ޔިފާތު ތޯމަރް-ޔަރުޝާލްމީ ބަންދުކުރީ ވީޑިއޯއެއް ލީކުކޮށް އިސްތިއުފާ ދެއްވައި އޭގެ ފަހުން ގެއްލުނު މައްސަލައާ ގުޅިގެންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ވީޑިއޯ ލީކުވުމަކީ އިސްރާއީލު އުފެދުނު ފަހުން އިސްރާއީލަށް ދިން އެންމެ "ޕަބްލިކް ރިލޭޝަންސް ހަމަލާ" ކަމަށް ވިދާޅުވެފައެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އިސްރާއީލުގެ އެތެރޭގެ ހަމަނުޖެހުން ވަނީ ވަރަށް ބޮޑުވެފައެވެ.

ތޯމަރް-ޔަރްޝަލްމީ އިސްތިއުފާ ދިންކަން އިއުލާން ކުރުމަށްފަހު އެތައް ގަޑިއިރެއް ވަންދެން ޚަބަރެއް ނުވެ ހޭދަވަގެން ގޮސްފައިވާއިރު، އޭނާ އަމިއްލައަށް މަރުވީ ކަމަށް ބުނެވެސް އަޑު ފެތުރުނެވެ.

އިސްރާއީލުގެ މީޑިއާތަކުން ހުކުރު ދުވަހު އާންމުކުރި ތޯމަރް-ޔަރްޝަލްމީގެ އިސްތިއުފާ ސިޓީގެ ކޮޕީއެއްގައިވާ ގޮތުން އޭނާ ވަނީ އޭނާގެ އޮފީހުން މިދިޔަ އަހަރު އެ ވީޑިއޯ މީޑިއާއަށް އާންމުކޮށްފައިވާ ކަމަށް އެއްބަސްވެފައެވެ. އަދި އެކަން ކުރީ މީޑިއާގައި އެ ހާދިސާއާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް، ސައްހަ ނޫން މައުލޫމާތު ފެތުރެމުން ދާތީ އެކަން ހުއްޓުވައި ހަގީގަތް ހާމަކުރަން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ގައިދީއަކަށް އަނިޔާކުރި އެ މައްސަލައިގައި ރިޒާވް ސިފައިންގެ ފަސް މީހަކަށް މިދިޔަ އަހަރު ދައުވާކޮށްފައިވެ އެވެ. އެ ގައިދީގެ ފުރަގަސްފަރާތާ ކައިރިއަށް ތޫނޫ އެއްޗެއް ހަރައި ޒަހަމްކޮށްލި ކަމަށް އެ މީހުންނަށް ކުރި ދައުވާތަކުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ ގައިދީއަކަށް އަނިޔާކޮށް ޖިންސީ ގޯނާކުރާ ކަމަށް ބެލެވޭ މަންޒަރު ފެންނަނީ ޖަލުގެ ސީސީޓީވީ ފުޓޭޖަކުންނެވެ. އެ ފުޓޭޖުގައި، ސިފައިން ގައިދީއަކަށް ކުރަނީ ކޮން ކަމެއްކަން ކެމެރާއަށް ނުފެންނާނެ ގޮތަށް ސިފައިންގެ ބަޔަކު ޝީލްޑުން ނިވާކޮށްގެން ތިބެއެވެ. ނަމަވެސް އެއިން ފެންނަ ގޮތުގައި އެ ގައިދީއާ މެދު ޖިންސީ އަމަލުތަކެއް ހިންގާ ކަމަށް ބެލެވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބަންދުގައި ތިބި މީހުންނަށް އަނިޔާކޮށް ގޯނާކުރާކަމުގެ ރިޕޯޓްތައް އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އިސްރާއީލުން އެންމެ ފަހުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައަށް ފަހު އެކަން އިތުރުވެފައިވާއިރު، އިސްރާއީލުގެ ބައެއް ސިޔާސީ މީހުން ވެސް ވަނީ އެފަދަ އަމަލުތައް ދިފާއުކޮށްފައެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން ގާތްގަޑަކަށް 75 މީހަކު މަރުވެފައިވާ ކަމަށް އދ ން ބުނެއެވެ.

އިސްރާއީލުން އަނބުރާ ގެނައި ފަލަސްތީނުގެ މީހުންގެ ހަށިގަނޑުގައި ވެސް އަނިޔާގެ އަލާމާތްތައް ފެންނަން ހުރިއިރު، ބައެއް މީހުންގެ އަތުގައި ބިޑި އަޅުވާފައިހުރި ތަންތަންނުގެ ނިޝާނާއި، އަތާއި ދަތްތައް ފަދަ ގުނަވަންވަންތައް ނެތް މީހުންވެސް ތިބި ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

comment ކޮމެންޓް