ދިގު މުއްދަތުގައި ނޭދެވޭ އަސަރުކުރާނެކަމަށް ބުނެ، ކަށިމިޔަރު ހިފުމަށް ފުރުސަތު ނުދޭން ގޮވާލައިފި

ކަށިމިޔަރު ހިފުމަށް ފުރުސަތު ނުދޭން ގޮވާލައްވައި ގަރާރު ހުށަހެޅުއްވި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް -- ފޮޓޯ: މަޖިލިސް

ރާއްޖޭގައި ކަށިމިޔަރު ހިފުމަށާއި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ގަރާރުގައި ބުނީ، މިޔަރުގެ އާއިލާގެ ބާވަތްތަކަކީ ލަހުން ބޮޑުވާ، ދަރިމައިވާ، އަދި ވިހާ ފަހަރަކު މަދު އަދަދެއް ވިހާ ބާވަތްތަކެއް ކަމަށެވެ.

ކަނޑުގެ ނިޒާމުގައި މިޔަރުގެ ބާވަތްތައް މުހިންމު ދައުރެއް އަދާކުރާ ކަމާއި، އެގޮތުން ކަނޑުގެ އެހެނިހެން ދިރުންތައް ކޮންޓްރޯލްކޮށް ކަނޑުގެ ސިއްހަތު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކޮށް އެ ގަރާރުގައި ބުނީ ކަށިމިޔަރުގެ މަސްވެރިކަމުގެ ސަބަބުން މިޔަރުގެ އާބާދީ ދަށްވާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މަސްމަހާމެހީގެ އާބާދީއަށް ބަދަލު އައިސް ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ ހަމަޖެހުން ގެއްލި، ދިގު މުއްދަތުގައި މަސްވެރިކަމަށް އަސަރުކުރާނެ ކަމަށް ގަރާރުގައިވެއެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފިނަމަ ދިވެހި މަސްވެރިކަމުގެ އިތުރުން، ފަތުރުވެރިކަމަށް ވެސް ގެއްލުންވެ، ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަން ކިލަނބުވެގެން ދާނެ ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.

ނަތީޖާއެއްގެ ގޮތުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބޭރުގެ އެކި ޖަމިއްޔާތަކާއި އެކްޓިވިސްޓުންގެ ފާޑުކިއުން އަމާޒުވެ، ރާއްޖެއަށް ބޮޑެތި ގެއްލުންވާނެކަމަށް ވެސް އެ ގަރާރުގައިވެއެވެ.

އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ކުރު މުއްދަތެއްގައި ފައިދާވިޔަސް، ދިގު މުއްދަތެއްގައި ބޮޑެތި ގެއްލުން ވާނެ ކަން ފާހަގަކޮށް އައްބާސްގެ ގަރާރުގައި ގޮވާލީ ކަށިމިޔަރު ހިފުމަށާއި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ފުރުސަތު ނުދިނުމަށެވެ.

ކަށިމިޔަރުގެ މަސްވެރިކަމަށް މި މަހު ހުއްދަ ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ކުޅުދުއްފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީން އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލާފައިވާ ކަމަށާއި، އެކަން ހުއްދަކުރެވިގެން ދިޔުމާއެކު އެއީ ހުޅުވިގެންދާ ވަރަށް މުހިންމު ދޮރަކަށްވާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށް ކަމަށް ކަނޑައަޅައި، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު އާންމުކޮށް، އަމަލުކުރަން ފެށީ މި ނިމުުނު މަހުގެ 31 ވަނަ ދުވަހެވެ.

މިޔަރުގެ މަސްވެރިކަން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

comment ކޮމެންޓް