355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުން ބުނެފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެތައް ބިލިއަން ރުފިޔާއަށް އަގުއަރާ، މަސްތުވާތަކެތީގެ ޝިޕްމަންޓެއް ނަގައިގެން، ސްރީލަންކާއަށް ދިޔަ "ސީދޭވީ"، އެ ގައުމުގެ ހުޅަނގު އައްސޭރިން އިއްޔެ އަތުލައިގަތް ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ޚަބަރާ ގުޅިގެން ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާއެކު އިއްޔެ ލަންކާއިން އަތުލައިގަތް މަސް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ލަންކާ ފުލުހުން، ދިވެހިން ފުލުހުންނަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ލަންކާ ފުލުހުން ހިފެހެއްޓި މަސްތުވާތަކެތި---ފޮޓޯ: ޑެއިލީ ނިއުސް. އެލްކޭ
ނިއުސް ފަސްޓް ލަންކާއިން ރިޕޯޓުކުރި ގޮތުގައި އިއްޔެ ލަންކާ ސިފައިން ވަނީ ގޭލް ސަރަހައްދުން މަސްވެރިކަން ކުރާ އުޅަނދެއް ހުއްޓުވައި، އެގައުމުގެ ޑިކޮވިޓާ ބަނދަރަށް އެ އުޅަނދު ގެންގޮސްފައެވެ.
ލަންކާ ފުލުހުން ބުނީ މި ބޯޓުން މަސްތުވާތަކެތި ބަރުކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށެވެ. މި ބޯޓުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތަމްފެޓަމިން (އައިސް)ގެ 251 ކިލޯ އާއި 85 ކިލޯ ހެރޮއިން ފެނިފައިވާ ކަމަށް ލަންކާގެ ކޯސްޓު ގާޑް ސިފައިން ބުނެފައިވެއެވެ. އޭގެ މަގުމަތީ އަގު 5000 މިލިއަން ރުޕީސްއަށް އަރާ ކަމަށް ވެސް ބުނެފައިވެއެވެ.
މި އުޅަނދުގެ ވެރިފަރާތް އޭނާގެ ޅިޔަނަށް ބޯޓު ދިނީ މަސްވެރިކަން ކުރަންކަމަށާއި ޑުރަގު އެތެރެކުރުމުގެ އޮޕަރޭޝަނެއް އުޅަނދުން ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ލަންކާގެ ފުލުހުންނަށް އޭނާ ބުނެދީފައިވެއެވެ. އަދި ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ބޯޓުން ކުރި ދަތުރުގައި އެއްވެސް ވަރަކަށް މަސްވެރިކަމެއް ވެސް ކޮށްފައެެއް ނުވެއެވެ.
ތަހުގީގަށް އެނގުނު ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ދުބާއީގައި އުޅޭ ދިނޫކާގެ ނަމުން މަޝްހޫރު، ކުށްކުރާ ގްރޫޕަކުން ކަމަށް ލަންކާ ފުލުހުން ބުނެފައިވެއެވެ. ފުލުހުންނަށް މި ކަން ހާމަވީ އުޅަނދުގެ ވެރިފަރާތާއި ފަޅުވެރިންނާ ސުވާލުކުރުމުގެ ތެރެއިންނެވެ.
އެ އުޅަނދު އަތުލައިގަތް އިރު އެ އުޅަނދުގައި ތިބި ހަ މަސްވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ފަހުން ލަންކާ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން ހިންގި އޮޕަރޭޝަނެއްގައި ވަނީ މި ކުށުގައި ތުހުމަތުކުރެވޭ މައިގަނޑު މީހާ ހައްޔަރުކޮށްފައެވެ.
ލަންކާ ފުލުހުން ކަށަވަރުކޮށްދިން ގޮތުގައި މިކުށުގައި ޝައްކު ކުރެވޭ މީހާއާ ސުވާލު ކުރުމަށް އޭނާ ހަތް ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައިވެއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ގިނަ ބަޔަކު ރާވައިގެން ހިންގާފައިވާ ކުށުގެ އަމަލެކެވެ.