ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމަށް ޖުމްހޫރީ މައިދާން ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށްފި

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން---ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމަށް ޖުމްހޫރީ މައިދާން ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށްފިއެވެ.

ފުލުހުން އިއްޔެ އިއުލާންކުރިގޮތުގައި މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ބައެެއް މަގުތައް ސައިކަލާއި ކާރުތަކަށް ނުވަދެވޭ ގޮތަށް ބަންދުކުރުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން، ފުލުހުން އާންމުކުރި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދު ރޭ 08:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުވާނެ ކަމަށް ފުލުހުން އިއުލާންކޮށްފައިވެއެވެ.

ޗާޓުން ދައްކާގޮތުގައި މަސައްކަތްކުރުމަށްޓަކައި ބަންދުކޮށްފައިވަނީ މާރުކޭޓު ސަރަހައްދުން ފެށިގެން ރައީސް އޮފީސް ކައިރީގައި އޮންނަ ޕާކިން ޒޯނާ ހަމައަށެވެ. އަދި އެ ސަރަހައްދު ކައިރި މަގުތަކުގައި ޕާކް ކުރުން ވެސް މިވަގުތަށް ވަނީ މަނާކޮށްފައެވެ.

ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓު 22 ގައެވެ. އެއް އަހަރާއި ތިން މަހުގެ ތެރޭ ނިންމާ ގޮތަށް ސަރުކާރުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މިއީ 144.5 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއުއެކެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅާނެ ކަމަށާއި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް، އެމްޓީސީސީން ބުނެފައިވެއެވެ.

އެ ސަރަހައްދުގައި ތާރު އަޅައިނިމޭއިރު، ފެން ހިންދާ ނިޒާމެއް ވެސް ގާއިމުކުރެވޭނެތީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ޑްރެއިނޭޖް ސާވިސް ލައިން އެޅުމާއި މަގު ބައްތިއާއި ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

https://sun.mv/210264

މާލޭގެ މަގުތައް ހެދުމުގެ މަސައްކަތްތަކުގެ ދަށުން ރަށުގެ ވަށައިގެންފައިވާ ބައެއް ހިސާބުތަކުގައި ތާރު އަޅާފައިވާއިރު، އެހެން ބައެއް ސަރަހައްދުތަކުގައި އަދިވެސް އޮންނަނީ ގާ އަތުރައިފައެވެ.

comment ކޮމެންޓް