ވާނުވާ ބަންދު އުވާލަން ''ފެންހިފޭ'' އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރޭ: މެންބަރުން

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް: ވާނުވާ ބަންދު އުވާނުލާތީ ދެ ބޭފުޅުންވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ ---

ވާނުވާ ބަންދުގައި ތިބި މީހުންގެ އާއިލާއިން އަންނަނީ ހިތްދަތިކަން ތަހައްމަލުކުރަމުން ކަމަށާއި، ވާނުވާ ބަންދު އުވާލަން މި ސަރުކާރުން "ފެންހިފޭ" އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް އެންގޭ އިތުރު ހާލަތްތަކާ އެކީ، އެ މައުލޫމާތު ހާމަކުރުމަށް ހައިކޯޓަށް އަމުރު ނެރެވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، ވާނުވާ ބަންދުގައި އެއްވެސް ބަޔަކު ބައިތިއްބަން މީހުން ނޭދޭ ކަމަށެވެ.

"ކީއްވެގެންތޯ ވާނުވާގަ އެ އޮތީ؟ ފަނޑިޔާރުންނަށް ރަނގަޅު އިމާރާތްތައް ނުލިބިގެންތޯ، ނޫނީ ފަނޑިޔާރުންނަށް ބޭނުންވާނެ ގާނޫނުތައް މި އިއްޒަތްތެރި މަޖިލީހުން ހައްދަވައިނުދެއްވަނީތޯ، ނޫނީ ދިވެހި ސަރުކާރުން އެކަމަށް ހުރަސްއަޅުއްވަނީތޯ، ނުވަތަ ޕީޖީ އެކަމަށް ހުރަސްއަޅަނީތޯ؟" އައްބާސް ސުވާލު އުފެއްދެވިއެވެ.

ވާނުވާ ބަންދު އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރުވަމުން އަންނައިރު، ވާނުވާ ބަންދުގައި ތިބި މީހުންގެ އާއިލާތަކުން ހިތްދަތިކަން ތަހައްމަލުކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުގެ ދާއިރާގައި ތިން ކުދިންގެ މަންމައަކު ބައްޕައަކާ ނުލާ އެ އުޅެނީ ވަރަށް ވޭނުގަ ވަރަށް ހާލުގަ އިއްޒަތްތެރި ރައީސް، އެ އާއިލާ ޓަކިނުޖަހާ ދޮރެއް ޓަކިނުޖަހާ ދިމާލެއްނެތް، އެކަމަކު އިންސާފެއް ނުލިބުނު، އެހެން ނަމަވެސް ފެނިގެން ދަނީ އިއްޔެ ހުށަހަޅާ މައްސަލަ ފަޓާސް ބަރިއެއްހެން ނިންމާލާ ތަން، އެއީ އިއްޒަތްތެރި ބޭފުޅުން ވީމަ،" ވާނުވާ ބަންދުގައި މީހަކު އޮތުމުން އޭނާގެ ދާއިރާގެ ރަށެއްގައި އާއިލާއެއް ދިރިއުޅެމުންދާ ހާލު ހިއްސާކުރައްވައި އައްބާސް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ވެގެންދާއިރު ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަށްޓަކައި ފެންހިފޭ އެއްވެސް މަސައްކަތެއް ސަރުކާރުން އަދި ނުކުރާ ކަމަށެވެ.

"ފުރާޅެއްގެ މައްޗަށް ވެއްޓިފަ އޮތް ޒުވާނެއްގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ތިން ދުވަސް، މުޒާހަރާކުރީމާ އޭނާގެ ބަންދަށް 15 ދުވަސް, ބައިނަލްއަގުވާމީ އެއާޕޯޓެއްގައި ބޭންކުގެ މުވައްޒަފުންތަކެއް ފޭރިގަތީމާ އިއްޒަތްތެރި ރައީސް އެ މީހުންގެ ބަންދަށް ފަސް ދުވަސް، ބަނޑުހައިވެގެން ކެފޭއަކުން ކާ މީހެއްގެ ބަންދަށް 10 ދުވަސް," މީކާއިލް ވިދާޅުވިއެވެ.

މިހާތަނަށް ސަރުކާރުން ކުރި ހަމައެކަނި ކަމަކީ ސުޕްރީމް ކޯޓުގެ މިނިވަންކަން ގެއްލުވާލައި އެ ކޯޓު ރޫޅާލުން ކަމަށް، މީކާއީލް ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި، ނުވަތަ "ވާނުވާ ބަންދު" ޖަހާފައި ތިބި މީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ ރައީސްގެ ވައުދުފުކެވެ. އަދި، ރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގާއިމުކުރެވުމަކީ ވެސް ރައީސްގެ މެނިފެސްޓޯގައި އިސްކަންދީފައިވާ ކަމެކެވެ.

comment ކޮމެންޓް