ގުރޫޕަކާ ނުލައި ވަކިން, އަގުހެޔޮކޮށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިނިސްޓްރީން ޚާއްސަ ޕެކޭޖުތަކެއް ލޯންޗުކޮށްފިއެވެ.
"ނުސޫކު އުމްރާ"ގެ ނަމުގައި ސައޫދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ލޯންޗްކުރި މި ޚިދުމަތާއެކު، ކޮންމެހެން ސީދާ އެމްބަސީއަށް ނުގޮސް އޮންލައިންކޮށް އެ މީހަކަށް ފަސޭހަ ޕެކޭޖެއް ނެގޭނެއެވެ.
މި ޚިދުމަތުގެ ބޭނުންހިފައި އުމްރާއަށް ދާ މީހުންގެ ކަންކަން ސައޫދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ބެލެހެއްޓުމުގެ އިތުރުން، އެ މީހުންނަށް އިންޝުއަރެންސް ލިބޭނެ ކަމަށް، އެ މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވެއެވެ.
"ނުސޫކް އުމްރާ"ގެ ވެބްސައިޓުގައިވާ ގޮތުން ސައޫދީއަށް އުމްރާއަށް ގޮސް އެ ގައުމުން ފުރުމާ ހަމައަށް އުމްރާވެރިންނަށް ރައްކާތެރިކަންދީ، ތަފާތު ތަޖުރިބާއެއް ލިއްބައިދޭނެކަމުގެ ޔަގީންކަން ދެއެވެ. އެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު ކުޑަ ޚަރަދަކުން ވިސާއާއި ހުރުމާއި ދުވާލުގެ ކެއުމާއި ދަތުރުފަތުރާއި ތަންތަނަށް ޒިޔާރަތްކުރުމުގެ ކަންކަން ހަމަޖެހިގެން ދެއެވެ.

ނުސޫކު އުމްރާ ވެބްސައިޓުގެ ސްކްރީންޝޮޓެއް ---
މި ގޮތަށް ދިއުމަށް އެންމެ ފުރަތަމަ ޖެހޭނީ ނުސޫކް އުމްރާގެ ވެބްސައިޓަށް ވަދެ ރަޖިސްޓްރީކޮށްލާށެވެ. އެގޮތުން އެ މީހަކު މިހާރު ދިރިއުޅޭ ގައުމާއި ނިސްބަތްވާ ގައުމާއި އީމެއިލް އެޑްރެސް ދީ ރަޖިސްޓާކޮށްލުމުން އެވަގުތު ނެގެން ހުރި ޕެކޭޖުތަކުގެ މައުލޫމާތު ވެބްސައިޓުން ފެންނާނެއެވެ.
ނުސޫކު އުމްރާގެ ބައެއް ތަފްސީލުތައް:
- ވިސާ ނުވަތަ ވިސާ ނުހިމެނޭ، 65 ޕެކޭޖަކުން ބޭނުން ޕެކޭޖެއް އިޚްތިޔާރުކުރެވޭނެ
 - ޕެކޭޖުތަކުގެ އަގުތައް އުޅެނީ 2،500 ރިޔާލު (10،269.08 ރުފިޔާ)އިން 14،573.60 ރިޔާލު (59،863 ރުފިޔާ)އާ ދެމެދު
 - މަދުވެގެން އެކަކަށް، ގިނަވެގެން އަށް މީހުންނަށް އެއްފަހަރާ ޕެކޭޖެއް ނެގޭނެ
 - ޕެކޭޖުތަކުގެ މުއްދަތުތަކަކީ ފަސް ދުވަހާއި ތިން ހަފުތާއާ ދެމެދު
 - އުމްރާ ދަތުރުގައި ހަމައެކަނި މައްކާގައި ނުވަތަ މައްކާއާއި މަދީނާގައި މަޑު ކުރެވޭނެ
 - މި ޚިދުމަތް ސައޫދީގެ 15 ޖަމާއަތަކުން ދޭނެ