މަސްވެރިންގެ ލައިސަންސަށް އެދި ހަމައެކަނި ކެޔޮޅު ވެބް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ގޮތަށް ބަދަލުކޮށްފިއެވެ.
ފިޝަރީސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، އެއީ، އެ މިނިސްޓްރީން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ގެނައި ބަދަލެއް ކަމަށެވެ.
މިގޮތުން، މިއަދުން ފެށިގެން މަސްވެރިކަމުގެ ލައިސަންސަށް އަލަށް ހުށަހެޅޭނީ ކެޔޮޅު ވެބް ޕޯޓަލުން ކަމަށް މިނިސްޓްރީން ބުނެއެވެ.
މަސްވެރިކަމުގެ ލައިސަންސް އައު ކުރުމަށް ހުށަހަޅާ ފޯމު އެ ވެބްސައިޓުން ބަލައިގަންނަން ފަށާނީ މިމަހު 23އިން ފެށިގެން ކަމަށް އިއުލާނުގައިވެއެވެ.
އޭގެއިތުރަށް، މި ފަހުން ހުއްދަ ކުރި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ލައިސަންސަށް ހުށަހަޅަން ޖެހޭނީ އެ ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މަސްވެރިންތަކެއް: މިހާރު މަސްވެރިންގެ ލައިސަންސަށް ހުށަހެޅޭނީ ކެޔޮޅު ވެބް ޕޯޓަލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ޕޯޓަލްއަށް ލޮގިން ވެވޭނީ އީފާސް މެދުވެރިކޮށް ކަމަށްވާއިރު، 'ކެޔޮޅު' ޕޯޓަލްއަކީ މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާއި ކުންފުނިތަކުން ގަންނަ މަހުގެ ތަފުސީލު ގަވާއިދުން ފިޝަރީސް މިނިސްޓްރީއަށް ފޮނުވުމަށާއި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށް މިނިސްޓްރީން ބޭނުންކުރާ ޕޯޓަލެވެ.
ފާހަގަކުރެވޭ ގޮތުގައި، ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ މީލާދީ ކޮންމެ އަހަރެއްގެ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަން މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.
ކަށިމިޔަރުގެ މަސްވެރިކަމާ ބެހޭ ގަވައިދުގައިވާ ގޮތުން، ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނ،ީ އެންމެ ގިނަވެގެން 40 އުޅަނދަށެވެ. އެ މަސްވެރިކަން ކުރުމަށް އެދި، ކަނޑައަޅައިފައިވާ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފި ނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަންނޯޓުކޮށް، ދަފުތަރު ކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.