ޖަޕާނުގެ މަޝްހޫރު ގޭމިން ކުންފުނި ނިންޓެންޑޯއިން ނެރުނު އެންމެ ފަހުގެ ގޭމް ކޮންސޯލް، "ނިންޓެންޑޯ ސްވިޗް 2"، ވިއްކަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިހަ މިލިއަނަށްވުރެ ގިނަ ޔުނިޓް ވިކިފައިވާކަމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.
މި ބޮޑު ކާމިޔާބީއާއެކު، ނިންޓެންޑޯއިން ވަނީ މި އަހަރުގެ މާލީ އަހަރަށް ލަފާކުރާ ވިއްކުމުގެ އަމާޒުތައް ވެސް މަތިކޮށްފައެވެ.
އެ ކުންފުނިން އާންމުކުރި އެންމެ ފަހުގެ މާލީ ރިޕޯޓްތައް ދައްކާގޮތުން، ޖޫން މަހުގެ ފަސް ވަނަ ދުވަހު ބާޒާރަށް ނެރުނު ސްވިޗް 2، ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް ޖުމްލަ 10.36 މިލިއަން ޔުނިޓް ވަނީ ވިކިފައެވެ. މީގެ އިތުރުން، މި ކޮންސޯލަށް ހާއްސަ ގޭމް ސޮފްޓްވެއާގެ 20.62 މިލިއަން ޔުނިޓް ވިކިފައިވެއެވެ.
މި ހަލުވިކަމާއެކު ނިންޓެންޑޯ ސްވިޗްގެ ވިޔަފާރި ކުރިއަށް ދިއުމުގެ ސަބަބުން، ނިންޓެންޑޯއިން ވަނީ 2026 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް، ކުރިން ލަފާކުރި 15 މިލިއަން ޔުނިޓްގެ ބަދަލުގައި، މިހާރު 19 މިލިއަން ޔުނިޓް ވިއްކޭނެކަމަށް އަންދާޒާކޮށްފައެވެ. މިއީ ހަތަރު މިލިއަން ޔުނިޓްގެ އިތުރުވުމެކެވެ. ހަމައެއާއެކު، ސޮފްޓްވެއާ ވިއްކުމުގެ ލަފާ ވެސް ވަނީ ތިން މިލިއަން ޔުނިޓް އިތުރުކޮށް 48 މިލިއަން ޔުނިޓަށް ބޮޑުކޮށްފައެވެ.
ސްވިޗް 2, ވިއްކުން އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ކޮންސޯލާއެކު ނެރުނު މަޝްހޫރު ގޭމްތަކެވެ. އޭގެ ތެރެއިން "މާރިއޯ ކާޓް ވޯލްޑް" 9.57 މިލިއަން ޔުނިޓް ވިކިފައިވާއިރު، "ޑޮންކީ ކޮންގް ބަނާންޒާ" ވަނީ 3.49 މިލިއަން ޔުނިޓް ވިއްކާފައެވެ.
މި ކާމިޔާބީގެ ސަބަބުން، ނިންޓެންޑޯގެ ވީޑިއޯ ގޭމް ވިޔަފާރީގެ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 119.7 އިންސައްތަ އިތުރުވެފައިވެއެވެ. އާ ކޮންސޯލަށް އޮތް ބޮޑު ތަރުހީބާ ގުޅިގެން، ކުންފުނިން އަންނަނީ އުފެއްދުންތެރިކަން ވެސް އިތުރުކުރަމުންނެވެ. އެގޮތުން، މާލީ އަހަރު ނިމޭއިރު 25 މިލިއަން ޔުނިޓް އުފެއްދުމަށް އަމާޒު ހިފާފައިވާކަމަށް ނިންޓެންޑޯއިން ބުނެއެވެ.
ސްވިޗް 2 އަށް އިސްކަންދިނުމުގެ ގޮތުން، ނިންޓެންޑޯއިން ވަނީ ބާޒާރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އަދި މިހާތަނަށް 154 މިލިއަނަށްވުރެ ގިނަ ޔުނިޓް ވިކިފައިވާ ފުރަތަމަ ނިންޓެންޑޯ ސްވިޗްގެ އަހަރީ ވިއްކުމުގެ ލަފާ ދަށްކޮށްފައެވެ. އެގޮތުން، ކުރިން ލަފާކުރި އަދަދުން 0.5 މިލިއަން ޔުނިޓް އުނިކޮށް، މިހާރު ލަފާކުރަނީ ހަތަރު މިލިއަން ޔުނިޓް ވިއްކޭނެ ކަމަށެވެ.