ދުނިޔޭގެ އެންމެ މަޝްހޫރު މެސެޖިންގ އެޕްލިކޭޝަން ވަޓްސްއެޕުން، ފޯނު ނަންބަރު ބޭނުންނުކޮށް މީހުންނާ ގުޅޭނެ އާ ފީޗާއެއް ތަޢާރަފްކުރުމަށް ތައްޔާރުވަމުން އެބަދެއެވެ.
މިފީޗާއިން 'ޔޫޒާނޭމް' ބޭނުންކޮށްގެން، އެޕްގެ ކޯލްސް ޓެބްގައިވާ ސާޗް ބާ އިން އެހެން މީހުންގެ ޔޫޒާނޭމް ހޯދައި، ވޮއިސް ނުވަތަ ވީޑިއޯ ކޯލް ކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ މިހާތަނަށް ހަމައެކަނި ފޯނު ނަންބަރު މެދުވެރިކޮށް ގުޅޭ ގޮތަށް އޮތް ވަޓްސްއެޕަށް އަންނަ ވަރަށް ބޮޑު އަދި ފަސޭހަ ބަދަލެކެވެ.
ޔޫޒާނޭމް މެދުވެރިކޮށް ގުޅުމުގެ ފުރުސަތު ލިބުމުން ސްޕޭމް ނުވަތަ ބޭނުންނުވާ ކޯލްތައް އިތުރުވެދާނެ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ވަޓްސްއެޕުން ވަނީ އެކަން ހުއްޓުވުމަށް ޚާއްސަ ފީޗާއެއްވެސް ތަރައްޤީކުރަން ފަށާފައެވެ.
'ޔޫޒާ ނޭމް ކީ' ގެ ނަން ދީފައިވާ މި ފީޗާއަކީ އިޚްތިޔާރީ ސެކިއުރިޓީ ފިޔަވަޅެކެވެ. މި ފީޗާ އެކްޓިވޭޓްކޮށްފައިވާނަމަ، ނޭނގޭ މީހަކު ގުޅަން މަސައްކަތް ކުރާނަމަ، ގުޅުމުގެ ކުރިން ޚާއްސަ 'ކީ' އެއް ޖަހަން ޖެހޭނެއެވެ.
މި ބަދަލުތަކުގެ އިތުރުން، ވަޓްސްއެޕުން ދަނީ ޕްރޮފައިލްގައި ކަވަރު ފޮޓޯއެއް ލެވުމާއި، ޗެޓްތަކުގެ ސްޓޯރޭޖް މެނޭޖްކުރުން ފަސޭހަކުރުމާއި، މީޑިއާ އާއި ސްޓިކާތައް ފިލްޓާކުރުމުގެ ފުރުސަތު ދިނުން ފަދަ އިތުރު ގިނަ ފީޗާތަކެއް ތަރައްޤީކުރަމުންނެވެ. އޭގެ ތެރޭގައި އާ ޗެޓްތަކަށް މެސެޖް ލިމިޓް ކަނޑައެޅުމުގެ ގާބިލިއްޔަތުވެސް ހިމެނެއެވެ.
މި ހުރިހާ ފީޗާތަކެއްވެސް އަދި ހުރީ ތަރައްޤީކުރުމުގެ މަރުހަލާގައެވެ. އަދި އާންމުންނަށް މި ފީޗާތައް ދޫކޮށްލާނެ ވަކި ތާރީޚެއް ވަޓްސްއެޕުން އަދި ހާމައެއް ނުކުރެއެވެ.