މާލެއިން ބޭރުގައި އަޅާ ފުރަތަމަ ނެޝަނަލް ލައިބްރަރީ ފުވައްމުލަކުގައި

ނެޝަނަލް ލައިބްރަރީގައި ޒުވާނުންތަކެއް ފޮތް ކިޔަނީ-- ފޮޓޯ: ގައުމީ ކުތުބުހާނާ

ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމު ކުރުމަށް އިއްޔެ ބިންގާ އަޅައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މަޝްރޫއުގެ ބިންގާ އެޅުއްވީ, ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި ފުވައްމުލަކުގެ މަޖިލިސް މެންބަރުންނެވެ.

މިއީ މާލެއިން ބޭރުގައި އަޅާ, ނެޝަނަލް ލައިބްރަރީގެ ފުރަތަމަ ގޮތްޕެވެ. އާއްމު ގޮތެއްގައި ގައުމުތަކުގައި ނެޝަނަލް ލައިބްރަރީގެ ގޮތުގައި ހުންނާނީ އެންމެ ތަނެކެވެ. ދެން ހަދާނަމަ ހަދާނީ ޕަބްލިކް ލައިބްރަރީތަކެވެ.

ޔޫތު މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން 11,250 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް އަޅާނެއެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 5625 އަކަފޫޓު ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 15.18 މިލިއަން ރުފިޔާއަށެވެ.

ފޮތްކިޔުމުގެ އާދަ ވަރަށް ބޮޑަށް ދަށްވެފައިވާ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ލައިބްރަރީތައް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. މިހާރުވެސް ބައެއް ސިޓީތަކާއި ރަށްތަކުގެ ކައުންސިލްތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުން ލައިބްރަރީތައް ހިންގައެވެ.

comment ކޮމެންޓް