ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގި ތަހުގީގާ އެކު، މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކުރުމަށް ފަހު، އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަޙްމަދު ޔާމީން މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާފައިވަނިކޮށް، އެޗްޑީސީން އެ މަގާމު އުވާލައިފިއެވެ.
ބިޒްނަސް އޮފިސަރުގެ މަގާމް އެޗްޑީސީން އުވާލިކަން އެނގުނީ، އެ މައްސަލަ އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން މިއަދު އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް އަމަލުކުރުން ހުއްޓުވުމަށް ނެރުނު އަމުރުންނެވެ.
އެ އަމުރުގެ ފުޓްނޯޓްގައި، އިއާދަކޮށްދޭން އަމުރުކޮށްފައިވާ މަގާމު އުވާލާފައިވާކަން އެޗްޑީސީގެ އިސްތިއުނާފާ ހަވާލާދީ ބަޔާންކޮށްފައިވެއެވެ. ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުނު އަމުރަކުންވަނީ، ޓްރައިބިއުނަލްގެ ނިންމުން ހުއްޓުވާފައެވެ. ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުން ހުއްޓުވާފައިވަނީ ހައިކޯޓުން އެ މައްސަލައިގައި މައުޟޫއީ ގޮތުން ގޮތެއް ނިންމަން ދެނެވެ.
އެޗްޑީސީން ބަލަހައްޓާ ހުޅުމާލެއިން، ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ގޯތިތަކެއް ދިން ކަމުގެ ތުހުމަތުތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިވިއެވެ. އެ މައްސަލައިގެ ތަހުގީގުތައް ފުލުހުންނާއި, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ފެށިއިރު، އެ މައްސަލައިގައި އެޗްޑީސީގެ 15 މުވައްޒަފަކު މަގާމުން ވަކިކުރިއެވެ.
އޭގެ ތެރެއިން، ޔާމީން މަގާމުން ވަކިކުރީ، މި އަހަރުގެ ކުރީކޮޅެވެ. އޭނާއާއެކު އެ ކުންފުނީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު އަބްދުﷲ ފާއިދުވެސް މަގާމުން ވަކިކުރިއެވެ. އެ ދެ މީހުން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ ޓްރައިބިއުނަލުން އަންގައިފައިވަނީ ޔާމީން މަގާމުން ވަކިކުރި މައްސަލައިގައި، އޭނާއަށް ގެއްލުމުގެ ބަދަލުގައި 144،000 ރުފިޔާ ދިނުމަށެވެ. އެއީ ޔާމީންގެ މުސާރަ ކަމަށްވާ 24،000 ރުފިޔާގެ މަގުން ހަ މަސް ދުވަހުގެ މުސާރައެވެ.
އޭގެ އިތުރުން ރޯދަ މަހުގެ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާއާއި، މިދިޔަ އަހަރުގެ ބޯނަސް ވެސް އޭގެ ތެރޭގައި ހިމަނައިފައިވެއެވެ. އަދި މި މައްސަލައިގައި ޓްރައިބިއުނަލްގައި ޔާމީންގެ ފަރާތުން ލީގަލް ޓީމެއް ނަގާފައިވާތީ، ލީގަލް ފީގެ ގޮތުގައި 20،000 ރުފިޔާ ނަގައިދިނުމަށްވެސް ޓްރައިބިއުނަލުން އެންގިއެވެ.
ޓްރައިބިއުނަލުން އަންގާފައިވަނީ ޔާމީނަށް ދޭން ޖެހޭ ބަދަލާއި ބޯނަސް އަދި ރޯދަ އިނާޔަތާއި ލީގަލް ފީ ދެ މަސް ދުވަހުގެ ތެރޭގައި ދިނުމުގެ އިތުރުން ވަޒީފާ އަލުން އިއާދަކޮށްދިނުމަށެވެ.
ޓްރައިބިއުނަލްގެ މި ނިންމުން ތަންފީޒުކުރުމުގެ ބަދަލުގައި އެޗްޑީސީން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.
ބިންވެރިޔާ ސްކީމާ ގުޅިގެން ދޫކުރި ގޯތިތަކުގެ މައްސަލައިގައި ތުހުމަތުކުރެވިގެން 24 މީހެއްގެ ޕާސްޕޯޓު ފުލުހުން ހިފެހެއްޓިއެވެ. ނަމަވެސް މި އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހު ފުލުހުން ބުނި ގޮތުގައި އެ އެންމެންގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.