އެފްއެސްއެމްއިން ވަގަށް ތެޔޮ ވިއްކާ މައްސަލަ އިތުރުވާތީ ބާޖުތަކުގައި ސީސީޓީވީ ހަރުކުރަނީ

ޖެޓް ފިޔުލް އުފުލަން ހާއްސަކޮށްގެން ގެނައި އެފްއެސްއެމްގެ ތެޔޮ ބާޖެއް: ވަގަށް ތެޔޮ ވިއްކާ މައްސަލަ އިތުރުވެ ބާޖުތަކުގައި ސީސީޓީވީ ހަރުކުރަނީ --

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެފައިވާތީ، އެކަން ހައްލުކުރުމުގެ ގޮތުން އެ ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިފިއެވެ.

އެފްއެސްއެމްއަކީ މީގެ ކުރިން ވެސް ވަގަށް ތެޔޮ ވިއްކުމުގެ އެތައް މައްސަލައެއް ފެންމަތިވެފައިވާ ކުންފުންޏެކެވެ. ބާޖުތަކުގައި މަސައްކަތް ކުރާ މީހުން މުސާރައާއި ނުބައްދަލު އެތައް ނުހައްގު މުއްސަނދި ކަމެއް ހޯދާ ކަމުގެ ތުހުމަތު ކުރެވޭތާ އެތައް ޒަމާނެއް ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވީ ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ މިހާރު ބޮޑުވެފައިވާ ކަމަށެވެ. އެފަދަ މައްސަލަތައް އިތުރުވެފައިވާތީ މިފަހުން ދެ ބާޖެއްގެ ހުރިހާ ފަޅުވެރިން ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޝާން ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި މިހާރު ޕައިލެޓް ޕްރޮޖެކްޓެއް ވަނީ ފަށައިފައެވެ. މި މަސައްކަތުގެ ތެރެއިން ސީސީޓީވީއާއެކު ވަގުތުން މަންޒަރުތައް ބަލައިލެވޭނެ 'މޮޑަމް'އެއް ވެސް ހަރުކުރާނެކަން އޭނާ ފާހަގަކުރެެއްވިއެވެ.

އާޝާން ވިދާޅުވި ގޮތުގައި މިހާރު ވެސް އެ ކުންފުނީގެ ދެ ބާޖެއްގައި ވަނީ މޮޑަމް ހަރުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ބާޖުތަކުގައި ވެސް ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ބޯޑުން ވަނީ ފާހަގަކުރައްވާފައި ވަރަށް އަވަހަށް ސީސީޓީވީ ކެމެރާ ހަރުކުރަން. ސީސީޓީވީ ކެމެރާ ހަރުކުރީމާ އަޅުގަނޑުމެން ބޭނުންވެއްޖެ ހިނދެއްގައި [ލައިވްކޮށް] ވަގުތުން 'މޮޑަމް' މެދުވެރިކޮށް ބަލާލެވޭނެ އެ ހަރަކާތެއް ހިނގަމުންދާ ގަޑީގައި، އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން

ތެޔޮ ބާޖުތަކުގައި ސީސީޓީވީ ހަރުކުރުމުގެ އިތުރުން އެ މައްސަލަ ހައްލުކުރުމަށް ބާޖުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ކޮންމެ ތިން މަހަކުން ބަދަލުކުރުމަށް ނިންމާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަގަށް ތެޔޮ ވިއްކުމުގެ ތާރީޚެއް އެބައޮތްކަން ފާހަގަކުރައްވައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ އެފްއެސްއެމްގެ ތެރޭގައި އެކަން ކިހާ މިންވަރަކަށް ހިނގާތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވައި އާޝާން ވިދާޅުވީ އެފްއެސްއެމްގެ ތެރެއިން އެކަން ހިނގާ ވަރެއް ސީދާ ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ވަރަށް ކައިރިން އެކަންކަން ބަލަމުން އައިއިރު ބައެއް ބާޖުތަކުގައި އެ މައްސަލަ އިތުރުވަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެގޮތަށް އެކަން ވަނީ މިހާތަނަށް އެކަށީގެންވާ ފިޔަވަޅު ނޭޅި އޮތުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.

އާޝާން ވަނީ އެ މައްސަލަ ކުރިއަށް އޮތްތަނުގައި ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ސީރިއަސްކަމާއެކު ބަލާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި ވެސް މެއެވެ.

އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް މަނީ ލޯންޑާކުރި މައްސަލައެއް މިދިޔަ އަހަރު ފެންމަތިވިއެވެ. އެ މައްސަލައިގައި އެ ކުންފުނީގެ އިސްވެރިންނާއި ގިނަ މުވައްޒަފުންތަކެއް އޭރުވެސް ވަކިކުރިއެވެ.

comment ކޮމެންޓް