މި ސަރުކާރުގައި އައްޑޫ ސިޓީގެ ހުޅުދުއާއި މީދޫ ވާނީ، އިގުތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރައިފައިވާ ސިޓީތަކުގެ ތެރޭގައި ހިމެނޭ، ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީއާއި އަބޫދާބީއަށް ކަމަށް ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރާއްޖޭގެ އެންމެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުގެ ތެރެއިން މިއަދު ވަނީ ހުޅުދުއާއި މީދުއަށް ވަޑައިގެންފައެވެ. އެއީ ރައީސްގެ ގަރާރަކުން އިއުލާންކުރެއްވި ޚިޔާލު ހޯދުމުގެ ވޯޓުގައި، ހުޅުދުއާއި މީދޫން ވަކި ކައުންސިލެއް ހަދަން ބޭނުންވާ ކަމަށް މިދިޔަ މަހުގެ 15ގައި ވޯޓު ދިން ފަހުން، އެ މަނިކުފާނު އެ ދެ ރަށަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، ހުޅުދުއާއި މީދުއަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ނެގި ވޯޓަކީ އެކަމުގެ ހެއްކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ރައްޔިތުން ބޭނުންވި ނަމަވެސް، މިހާތަނަށް އެއްވެސް ވެރިޔަކު ދެއްވި ފުރުސަތެއް ނޫން ކަމަށެވެ.
ޝާހިދު ވިދާޅުވީ، އައްޑޫގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ ހުޅުދުއާއި މީދޫއަކީ ވަރަށް ނިކަމެތި ދެ ރަށް ކަމަށް ބައެއް މީހުންނަށް ހީވެދާނެ ކަމަށެވެ. އެހެންނަމަވެސް އެއީ ރާއްޖޭގެ ފަސްވަނައަށް އެންމެ ބިން ބޮޑު ދެ ރަށް ކަމަށާއި ދެ ރަށުގައި އޮންނަނީ ހަވަނައަށް އެންމެ ބޮޑު އާބާދީކަން އޭނާ ފާހަގަކުރެއްވިއެވެ.
އަށާރަ ވަނަ މަޖިލީހުގައި ވެސް ހުޅުދޫ ދާއިރާގެ މެންބަރުކަން ކުރެއްވި ޝާހިދު ވިދާޅުވީ، އޭނާގެ ސިޔާސީ ހަޔާތުގައި މިހާތަނަށް ރައީސް މުއިއްޒު ފަދަ، އިޚުލާސްތެރި، ތެދުވެރި، ވަފާތެރި، ރައްޔިތުންނާ ގާތް ރައީސަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ މިއަދުގެ ސަރުކާރު، ﷲ އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މި ދެ ރަށް ވެގެންދާނީ ދުބާއީއާއި އަބޫދާބީއަށޭ. މިއީ ސަމާސާ ވާހަކައެއް ނޫން
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
އޭނާ ވިދާޅުވީ ހުޅުދުއާއި މީދޫގެ ރައްޔިތުންނަކީ ވަރަށް އެކުވެރި، ސަރުކާރަށް އެއްބާރުލުން ދޭ ބަޔެއް ކަމަށެވެ. އަދި ރައީސްގެ ހިތްޕުޅުގައި އެ ދެ ރަށުގެ ރައްޔިތުންނާ މެދު އޮންނަ ލޯބި އެނގިވަޑައިގަންނަވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ދެ ރަށަށް ރައީސް ވެވަޑައިގެންފައިވާ ވައުދުގެ އިތުރަށް ވެސް ކަންތައްތައް ކޮށްދޭނެ ކަމަށާއި އެ ދެ ރަށުގެ ރައްޔިތުން ސަރުކާރާއެކު ނަމޫނާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުގައި އެ ދެ ރަށަށް ކުރިއެރުން ހޯދައިދީފައިނުވާ ކަމަށް ވެސް ޝާހިދު ވިދާޅުވެފައެވެ.
"ސިޔާސީ ބޭފުޅުން އަޅުގަނޑުމެން އައްޑު އަތޮޅުގެ މީހުން ބޭނުންކުރީ އެ މީހުންގެ ހަތިޔާރަކަށް، މުޅި އައްޑު އަތޮޅު ހަލާކުކޮށް ސުންނާފަތި ކުރީ،" އޭނާ ވިދާޅުވިއެވެ.
ހުޅުދުއާއި މީދޫގައި ވަކި ކައުންސިލް ހެދުމާ ގުޅޭ ގޮތުން ނެގި ވޯޓަށް ދެ ރަށުގައި ކެމްޕެއިން ކުރިއިރު، މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ ވަނީ އެކަމަށް ތާއިދުކުރައްވައި ވާހަކަދައްކަވައިފައެވެ. އަދި ރަށު ކައުންސިލާއެކު މީދޫ ފެންނާނީ ކުޑަ ދުބާއީއެއްގެ ގޮތަށް ކަމަށް އޭނާ ވިދާޅުވި ކަމަށް އައްޑޫ އޮންލައިންގައި ރިޕޯޓުކޮށްފައިވާއިރު، އެ ވާހަކައަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި، އައްޑޫ ވޯޓުގެ ނަތީޖާއިން ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،355 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،436 މީހުންނެވެ. އޭގެ ތެރެއިން ވަކި ކައުންސިލެއް ހެދުމަށް ވޯޓުދިނީ 616 މީހުން (25.67 ޕަސެންޓް) މީހުން ކަމަށްވާއިރު އެއާ ދެކޮޅަށް 1784 މީހުން (74.33 ޕަސެންޓް) ވޯޓު ދިނެވެ.
މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،008 މީހުންނެވެ. އޭގެ ތެރެއިން 85.47 ޕަސެންޓް މީހުން ވަކި ކައުންސިލެއް ހަދަން ތާއީދުކުރިއިރު އެކަމާ ދެކޮޅުވީ 14.53 ޕަސެންޓް މީހުންނެވެ.
ހުޅުދޫން 2،864 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،069 މީހުންނެވެ. އޭގެ ތެރެއިން 68.73 ޕަސެންޓް މީހުން ވަކި ކައުންސިލެއް ހަދަން ބޭނުންވާ ކަމަށް ބުނިއިރު، ސިޓީ ކައުންސިލުގެ ބަޔެއްގެ ގޮތުގައި އޮތުމަށް 31.27 ޕަސެންޓް މީހުން ވޯޓު ދިނެވެ.
އެ ވޯޓުގެ ނަތީޖާއާ ގުޅިގެން ރައީސް ވަނީ އައްޑޫ ސިޓީ ކައުންސިލުން ހުޅުދުއާއި މީދޫ ވަކިކުރައްވައިފައެވެ.