އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ހޯމަ ދުވަހު ވައިޓް ހައުސްގައި ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ސީރިއާގެ ރައީސް އަހުމަދު އަލް ޝާރާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެދި އދ ގެ ސަލާމަތީ މަޖިލީހަށް ޑްރާފްޓް ގަރާރެއް އެމެރިކާއިން ހުށަހަޅައިފިއެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހުށަހެޅުމުގައި ސީރިއާގެ އިންޓީރިއާ މިނިސްޓަރު އަނަސް ޚައްތާބުގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އުވާލުމަށް ވަނީ އެދިފައެވެ. ނަމަވެސް އެ ހުށަހެޅުމަށް ވޯޓަށް އަހާނީ ކޮން އިރަކު ކަމެއް ސާފެއް ނޫނެވެ. ގަރާރެއް ފާސްކުރުމަށް މަދުވެގެން ނުވަ ވޯޓު ބޭނުންވާއިރު، ވީޓޯ ކުރުމުގެ ބާރު އޮންނަ ރަޝިޔާ، ޗައިނާ، އެމެރިކާ، ފްރާންސް ނުވަތަ އިނގިރޭސިވިލާތުން ގާރާރު ވީޓޯ ކޮށްފިނަމަ އެ ގަރާރެއް ފާހެއް ނުވާނެއެވެ.
ސީރިއާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ވޮޝިންޓަނުން 15 މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހަށް އިލްތިމާސް ކުރަމުން އަންނަތާ މަސްތަކެއް ވެއްޖެއެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު އިސްލާމިސްޓް ހަޔާތު ތަހުރީރު އަލް ޝާމް (އެޗްޓީއެސް) އިސްކޮށް އޮވެ، ދިން ހަމަލާތަކުގައި، ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވަނީ ވައްޓާލާފައެވެ.
ކުރިން ނުސްރާ ފްރަންޓްގެ ނަމުން މަޝްހޫރުވި އެޗްޓީއެސް އަކީ ސީރިއާގައި އަލްގައިދާގެ ރަސްމީ ވިންގުގައި އޮތް ޖަމިއްޔާއެކެވެ. ދެހާސް ސާދަ ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ ޖަމާއަތަކީ އދ ގެ ސަލާމަތީ މަޖިލީހުގެ އަލްގައިދާ އާއި އިސްލާމިކް ސްޓޭޓްގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނިފައިވާ ޖަމާއަތެކެވެ.
އަލް ޝަރާ އާއި ޚައްތާބު ހިމެނޭހެން އެޗްޓީއެސްގެ ގިނަ އަދަދެއްގެ މެމްބަރުންނަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، ދަތުރު ކުރުން މަނާކުރުމާއި އެސެޓް ފްރީޒްކުރުމާއި ހަތިޔާރު މަނާކުރުންވެސް އޭގެތެރޭގައި ހިމެނެއެވެ.
ޝަރާއަށް މިއަހަރު ސަލާމަތީ މަޖިލީހުގެ ދަތިކުރުމުގެ ފިޔަވަޅުތަކާބެހޭ ކޮމިޓީއަކުން އާންމުކޮށް ދަތުރު އިސްތިސްނާ ދީފައިވާތީ، އެމެރިކާއިން ހުށަހެޅި ގަރާރު ހޯމަ ދުވަހުގެ ނިޔަލަށް ފާސް ނުކުރިޔަސް ސީރިއާގެ ރައީސްއަށް ވައިޓް ހައުސްއަށް ޒިޔާރަތް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.