ގޯއްޗާއި ފުލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރަނީ: ގޯއްޗާއި ފުލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ކުރީ ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތަކާއި ގޯތިތައް ދޫކުރުން ލަސްވާތީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ބޭރުކޮށްލައިފިއެވެ.

އެމްޑީޕީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި އެ ގަރާރު ބަލައިގަތުމަށް ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 40 މެންބަރަކު ވޯޓު ދެއްވިއެއެވެ.

ނަމަވެސް ޕީއެންސީއަށް ނިސްބަތްވާ ދެ މެންބަރަކު ވަނީ ވަކިކޮޅަކަށް ވޯޓު ދޭން ދެކޮޅު ހައްދަވައިފައެވެ. އެއީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު -- ފޮޓޯ/ މަޖިލިސް

މައުރޫފް ހުށަހެޅުއްވި ގަރާރުގައި މައިގަނޑުގޮތެއްގައި ހިމަނާފައިވާ ކަންބޮޑުވުންތަކަކީ:

  • 4،000 ފުލެޓުގެ ހައްގުވެރިންނަށް ފުލެޓު ހަވާލުކުރުމުގައި ސަރުކާރުން އިހުމާލުވެފައިވުން.
  • ގުޅިފަޅު، ހުޅުމާލެ ފޭސް ތިނެއް އަދި ގިރާވަރުފަޅު ހަވާލުނުކޮށް ލަސްކުރަމުންދާ ދިޔުން.
  • އުތުރުތިލަފަޅުން ގޯއްޗާއި ހުޅުމާލެއިން ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމު އިވެލުއޭޓްނުކޮށް ލަސްކުރަމުންދާ ދިޔުން.

މައުރޫފް ވަނީ އެ ތަންތަނުގެ މަސައްކަތް ތަފާތު އުޒުރުތައް ދެއްކުމަށްފަހު ހުއްޓާލާފައިވާތީ ނުރުހުން ފާޅުކުރައްވައިފައެވެ. އަދި ސަރުކާރަށް ދެ އަހަރުވެގެންދާއިރު އެތަންތަނުގެ އަމަލީ މަސައްކަތް މަޑުޖެހިފައިވާ އަސްލު ސަބަބު ނާންގައި، އަލުން 600 މިލިއަން ޑޮލަރު ޚަރަދުކޮށް، މުޅިން އައު މަޝްރޫއެއް ހިންގާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އިސްކަންނުދީ އެހެން މަޝްރޫއުތައް އަލުން ފަށައިގެން ކުރިއަށް ގެންދާތީ އެކަން ކުށްވެރިކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީން ވަނީ މިފަހުން ބޯހިޔަވާހިކަމާ ގުޅޭ ހަ ޑިމާންޑެއް ސަރުކާރަށް ހުށަހަޅައި، އެ ޑިމާންޑުތަކަށް އަމަލުކުރަން ސަރުކާރަށް ދެ އަހަރުވާ ދުވަހަށް މުއްދަތު ދީފައެވެ.

https://sun.mv/213394

އެ ޕާޓީން ހުށަހެޅި ޑިމާންޑުތަކަށް ބަލާއިރު، ހުޅުމާލެ ތިން ފިޔަވައްސާއި ގިރާވަރު ފަޅާއި ގުޅީފަޅާއި އުތުރުތިލަފަޅުގެ ބިން ހިއްކުމަށް ފަހުގައި ނޫނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށް ވަނީ ގޮވާލާފައެވެ.

އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭނެ ކަމަށް އެމްޑީޕީ ސަރުކާރުގައި ކަނޑައަޅައި، އެއްބަސްވުން ހެދި މީހުންނަށް ލިސްޓުގައިވާ ގޮތަށް ފުލެޓު ދިނުމަށާއި ބާކީ ތިބި 9،763 މީހުންނަށް ފުލެޓު ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭންސް ހަމަޖައްސައި، ކުރިން ހަވާލުކޮށްފައިވާ 7،000 ފުލެޓްތަކުގެ މަސައްކަތް ފެށުމަށް އެ ޕާޓީން ގޮވާލިއެވެ.

ބޯހިޔާވަހިކަމަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާއިރު، ގިނަ ބަޔަކު މި ސަރަހައްދުގައި ދިރިއުޅެނީ ކުއްޔަށެވެ. އެކަމަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު، ޖަމިއްޔާތަކާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ގޯއްޗާއި ފުލެޓުތައް ހަވާލުކުރަން ސަރުކާރަށް ގޮވާލަމުންނެވެ.

comment ކޮމެންޓް