ކައިރި ފެނުމުގެ މައްސަލަ ހައްލުކޮށް އައިކެއާއިން ފުރަތަމަ ފަހަރަށް ވިޓްރެކްޓަމީގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފި

ކޮމްބައިންޑް ބެލްޓް ބަކްލް އަދި ވިޓްރެކްޓަމީގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރި ޑރ. އަމޯގް އަސްގަވޮންކާ އާއި އޭނާގެ ޓީމް --- ފޮޓޯ: އައިކެއާ

ކައިރި ފެނުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ކޮމްބައިންޑް ބެލްޓް ބަކްލް އަދި ވިޓްރެކްޓަމީގެ އޮޕަރޭޝަން ރާއްޖޭގައި ކާމިޔާބުކަމާއެކު ފުރަތަމަ ފަހަރަށް ކޮށްފިއެވެ.

އައިކެއާއިން ބުނީ، މިދިޔަ އާދީއްތަ ދުވަހު އައިކެއާ ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރީ އުމުރުން 51 އަހަރުގެ މީހެއްގެ ކަމަށެވެ.

މި އޮޕަރޭޝަން ކުރެއްވީ އެ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ވިޓްރިއޯ-ރެޓިނަލް ސާޖަން، ޑރ. އަމޯގް އަސްގަވޮންކާ އާއި އޭނާގެ ޓީމުން ކަމަށް، އައިކެއާއިން ބުންޏެވެ.

މި އޮޕަރޭޝަންކުރީ ކައިރި ފެނުމުގެ މައްސަލަ ހުރި ލޮލެއްގައި ދިމާވެފައިވާ ރެޓިނަލް ޑިޓެޗްމަންޓްގެ ބޮޑު މައްސަލައެއް ހައްލުކުރުމަށް ކަމަށް، އައިކެއާއިން މައުލޫމާތުދެއެވެ. ރެޓިނަލް ޑިޓެޗްމަންޓަކީ ލޮލުގެ ފަހަތުގައި އިންނަ ތުނި ފަށަލަ އެ އިންނަ ދިމާލުން ނެއްޓިގެން ދިއުމުންނެވެ. ރެޓިނަލް ޑިޓެޗްމަންޓްގެ މައްސަލަ އާންމުގޮތެއްގައި 40 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންނަށް ދިމާވެއެވެ.

މި ހާލަތުގެ ނާޒުކުކަމަށް ބަލާއިރު، ކޮމްބައިންޑް ބެލްޓް ބަކްލް އަދި ވިޓްރެކްޓަމީގެ އޮޕަރޭޝަން އޮޕަރޭޝަން ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން އައިކެއާއިން ފާހަގަކުރެއެވެ.

މިއީ މުޅި ރާއްޖޭގައިވެސް މި ބާވަތުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށް، މިއީ އެ ހޮސްޕިޓަލަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އައިކެއާއިން ބުންޏެވެ. އެހެންކަމުން މިއީ ރާއްޖޭގެ ލޮލުގެ ފަރުވާގެ ދާއިރާގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް، އައިކެއާއިން ބުންޏެވެ.

އައިކެއާއިން ބުނީ، ކޮމްބައިންޑް ބެލްޓް ބަކްލް އަދި ވިޓްރެކްޓަމީގެ އޮޕަރޭޝަން ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރެވެން ފެށުމުގެ ސަބަބުން ދިވެހި ބަލިމީހުން ރާއްޖޭގައި ތިބެގެން ޒަމާނީ ރެޓިނާ އޮޕަރޭޝަންކުރުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

comment ކޮމެންޓް