ޓެކްނޮލޮޖީއާއި ފެޝަން އެއްކޮށްލާފައިވާ، މެޓާގެ މަގުބޫލު "ރޭ-ބަން މެޓާ ސްމާޓް އައިނު"، އޮންލައިން ޕްލެޓްފޯމްތަކުން ވިއްކަން ފަށާނެކަން މެޓާ ކުންފުނިން ކަށަވަރުކޮށްދީފިއެވެ.
މެޓާއިން ހާމަކޮށްފައިވާ ގޮތުގައި، މި ސްމާޓް އައިނު ނޮވެމްބަރު 21 ވަނަ ދުވަހުން ފެށިގެން އެމެޒޯން، ފްލިޕްކާޓް، އަދި ރިލަޔަންސް ޑިޖިޓަލް ފަދަ ވެބްސައިޓްތަކުން ގަންނަން ލިބޭނެއެވެ. މި އައިނުގެ އަގު ފެށެނީ 350 ޑޮލަރުންނެވެ.
މި އައިނު ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ނޮވެމްބަރު މިއަދުން ފެށިގެން މި ޕްލެޓްފޯމްތަކުގައި 'ނޮޓިފައި މީ' އެލާޓަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
މި އައިނު މީގެކުރިން މިއަހަރުގެ މޭ މަހު އިންޑިއާގެ ބާޒާރަށް ތަޢާރަފްކޮށްފައި ވީނަމަވެސް، މިހާތަނަށް ލިބެން ހުރީ ހަމައެކަނި ރޭ-ބަންގެ ރަސްމީ ވެބްސައިޓާއި، ހޮވާލެވިފައިވާ މަދު ފިހާރަތަކަކުންނެވެ.
އެސިލޯލަކްސޮޓިކާ އާ ގުޅިގެން އުފައްދާފައިވާ މި ސްމާޓް އައިނުގައި އަތްނުލާ ފޮޓޯއާއި ވީޑިއޯ ނެގުމަށް 12-މެގަޕިކްސަލްގެ އަލްޓްރާ-ވައިޑް ކެމެރާއެއް ހަރުކޮށްފައިވެއެވެ. މީގެ އިތުރުން، ކޮލިޓީ ރަނގަޅުކޮށް އަޑު ފޯރުކޮށްދިނުމަށް އޯޕަން-އިޔާ ސްޕީކަރުތަކަކާއި، ފޯނުކޯލުތަކަށް ޚާއްސަ ފަސް މައިކްރޯފޯނުގެ ނިޒާމެއްވެސް ހިމެނެއެވެ.
މި އައިނުގެ އެންމެ ޚާއްސަ އެއް ފީޗާ އަކީ 'ހޭ މެޓާ' އޭ ކިޔައިގެން އެކްޓިވޭޓް ކުރެވޭ މެޓާގެ އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓް (މެޓާ އޭއައި) އެވެ.
މިއައިނަށް ވީޑިއޯ ލައިވް ސްޓްރީމް ކުރުމުގެ ގާބިލުކަން ލިބިފައިވާއިރު، މި އައިނު ބިނާކޮށްފައިވަނީ ސްނެޕްޑްރެގަން އޭއާރު1 ޖެން 1 ޕްލެޓްފޯމްގެ މައްޗަށެވެ.
އެއްފަހަރު ޗާޖުކޮށްގެން ގާތްގަނޑަކަށް ހަތަރު ގަޑިއިރު ބޭނުންކުރެވޭ މި އައިނު ގަންނަން ލިބޭނެ ދުވަހަކަށް ގިނަބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.
ރޭ-ބަން މެޓާ ސްމާޓް އައިނަކީ، ފޭސްބުކްގެ މައި ކުންފުނި މެޓާ އާއި، ރޭ-ބަންގެ ވެރިފަރާތް އެސިލޯލަކްސޮޓިކާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްޞަދަކީ، މީގެ ކުރިން ނުކުތް ސްމާޓް ގްލާސްތަކަށް ކުރިމަތިވި 'ޓެކީ' ނުވަތަ 'އާދަޔާޚިލާފު' ގޮންޖެހުންތަކުން އަރައިގަނެ، އާންމު ދިރިއުޅުމުގައި ފަސޭހައިން ބޭނުންކުރެވޭ، ސްޓައިލިޝް އާލާތެއްގެ ގޮތުގައި މިފަދަ އުފެއްދުންތައް ތަޢާރަފްކުރުމެވެ.
މިއީ މެޓާގެ މެޓަވާސް އަދި އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) ގެ ދުރު ރާސްތާ ވިސްނުމުގެ މުހިންމު ބައެކެވެ. އެގޮތުން، މިފަދަ އައިނުތަކަކީ މުސްތަގުބަލުގައި އަންނާނެ މޮޅު އޭއާރު އައިނުތަކަށް މީހުން އަހުލުވެރިކުރުވުމަށް އެޅޭ ފުރަތަމަ ފިޔަވަޅުތައް ކަމުގައި ބެލެވެއެވެ.