ބަލި ދެނެގަތުމަށް މައިކްރޯސޮފްޓުން 'ސުޕައިންޓެލިޖެންސް' ޓީމެއް!

މައިކްރޯސޮފްޓުން ދަނީ އޭއައި ދާއިރާއަށް އިންގިލާބެއް ގެނައުމަށް މަސައްކަތްކުރަމުން ---

މައިކްރޯސޮފްޓުން މެޑިކަލް ޑައިގްނޯސިސްއަށް ހާއްސަ "ސުޕަ އިންޓެލިޖެންސް" ޓީމެއް އުފައްދައިފިއެވެ.

މައިކްރޯސޮފްޓް ކުންފުނިން، ވަކިވަކި ދާއިރާތަކުގައި އިންސާނުންނަށް ވުރެ މާ ޤާބިލު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފެއްދުމަށް ޚާއްސަ ޓީމެއް އުފައްދާފައިވާއިރު، 'އެމްއޭއައި ސުޕައިންޓެލިޖެންސް' ގެ ނަން ދީފައިވާ މި ޓީމުގެ ފުރަތަމަ އަމާޒަކީ ބަލި ދެނެގަތުމުގެ (މެޑިކަލް ޑައިގްނޯސްޓިކްސް) ދާއިރާއިން އިންޤިލާބެއް ގެނައުމެވެ.

https://sun.mv/213474

މައިކްރޯސޮފްޓްގެ އޭއައިގެ އިސްވެރިޔާ، މުސްތަފާ ސުލައިމާން ވިދާޅުވީ، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، "މެޑިކަލް ސުޕައިންޓެލިޖެންސް" އެއް އުފެއްދިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. މި ޓެކްނޮލޮޖީގެ މައިގަނޑު މަޤްސަދަކީ، ބަލިތައް ކުރިއާލާ ދެނެގަނެ، އިންސާނުންގެ ސިއްހަތު ރަނގަޅުކޮށް، އުމުރު ދިގުކުރުމަށް އެހީތެރިވުމެވެ.

މި މަޝްރޫޢުގެ ފަލްސަފާއަކީ ހުރިހާ ކަމެއް ކުރެވޭ 'ޖެނެރަލިސްޓް' އޭއައިއެއް އުފެއްދުމުގެ ބަދަލުގައި، އިންސާނިއްޔަތަށް ފައިދާހުރި ވަކި މައްސަލަތަކެއް ހައްލުކުރުމެވެ.

ސުލައިމާން ފާހަގަކުރެއްވި ގޮތުގައި، މައިކްރޯސޮފްޓުން އަމާޒު ހިފަނީ ބެޓެރީ ސްޓޯރޭޖް ރަނގަޅުކުރުން ނުވަތަ އައު މޮލިކިއުލްތައް އީޖާދުކުރުން ފަދަ ކަންކަމަށް ޚާއްސަ އޭއައި މޮޑެލްތައް ތަރައްޤީކުރުމަށެވެ.

މި މަޝްރޫޢަށް ބޮޑެތި މާލީ އިންވެސްޓްމަންޓްތަކެއް ކުރަން ނިންމާފައިވާ ކަމަށް ސުލައިމާން ވިދާޅުވިއެވެ.

އާ ޓީމުގެ ޗީފް ސައިންޓިސްޓަކަށް ހަމަޖައްސާފައިވަނީ ކަރެން ސިމޮނިޔަން އެވެ.

ޓެކްނޮލޮޖީގެ ދުނިޔޭގައި އޭއައި ތަރައްޤީ ކުރުމުގެ ވާދަވެރިކަން ވަނީ އިންތިހާއަށް ގަދަވެފައެވެ. ގޫގުލް، އޯޕަންއޭއައި، އަދި މެޓާ ފަދަ ކުންފުނިތައް މި ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުން އަންނައިރު، މައިކްރޯސޮފްޓަކީ ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައިގެ މައި ޕާޓްނަރެވެ. ނަމަވެސް، މި އާ ޓީމު އުފެއްދުމަކީ ހަމައެކަނި ޕާޓްނަރޝިޕްތަކަށް ބަރޯސާވުމުގެ ބަދަލުގައި، ކުންފުނީގެ ތެރޭގައި އޭއައިގެ އެންމެ ކުރީ ސަފުގެ ދިރާސާތައް ހިންގުމަށް މައިކްރޮސޮފްޓުން އަޒުމުކަނޑައަޅާފައިވާކަމުގެ ހެއްކެކެވެ.

މި މަސައްކަތުގެ އިސްވެރިޔާ، މުސްތަފާ ސުލައިމާން އަކީ ގޫގުލްގެ ޑީޕްމައިންޑް އުފެއްދުމުގައި ބައިވެރިވި، އޭއައިގެ ދާއިރާގެ ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ. އޭނާގެ ފަލްސަފާއަކީ އިންސާނުންނަށް ކޮންޓްރޯލް ނުކުރެވޭފަދަ "ޖެނެރަލް" އޭއައިއެއް އުފެއްދުމުގެ ބަދަލުގައި، އިންސާނިއްޔަތުގެ މައްސަލަތައް ހައްލުކުރުމަށް އަމާޒުކުރާ ޓެކްނޮލޮޖީއެއް ބިނާކުރުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު