ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ތަންފީޒުކުރަން ޕާޓާއާއެކު މަޝްވަރާކޮށްފި

ޕާޓާއާ ރާއްޖެއާ ދެމެދު ބޭއްވި ބައްދަލުކުރެއްވުން: ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ތަންފީޒުކުރަން މަޝްވަރާކުރި -- ފޮޓޯ/ އެކްސް: މިނިސްޓަރު ތޯރިގު

މުޖުތަމައުގެ ތަރައްގީއަށް އިސްކަންދީގެން ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ އުސޫލުތައް ތަންފީޒުކުރުމަށް ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)އާ ދިވެހިރާއްޖެއާ ދެމެދު މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު އިބްރާހީމް ތޯރިގާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޕާޓާގެ ފަރާތުން ސީއީއޯ ނޫރު އަހުމަދު ހަމީދު ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުން ބާއްވާފައި ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.

މި ބައްދަލުވުމުގެ މައިގަނޑު އެއް މަގުސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިމާވެދާނެ ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެ، އެ ދާއިރާގެ ދެމެހެއްޓެނިވި ކުޅަދާނަކަން އިތުރުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުން ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ އުސޫލުތައް ތަންފީޒުކުރުމާއި، މުޖުތަމައީ ތަރައްގީއަށް އިސްކަންދިނުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށްޓަކައި ޕާޓާއާ ގުޅިގެން ކުރެވިދާނެ އިތުރު މަސައްކަތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ދެ ފަރާތުން ވެސް އެފަދަ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެ ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް