އާބާދީ ވަރަށް މަދު ހދ. ހިރިމަދޫން މީހުން ބަދަލު ކުރާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް އެ ރަށުގައި ބޮޑު ޕްރޮޖެކްޓެއް ހިންގަން ސަރުކާރުން އިއްޔެ އަމިއްލަ ކުންފުންޏަކާ ހަވާލުކުރީ، މީހުން އަދިވެސް ދިރިއުޅޭތީ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން އިއްޔެ ވަނީ 206 މަޝްރޫއެއް ހިންގަން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައެވެ. މިއީ ތަރައްގީގައި ރެކޯޑެއް ކަމަށް ސަރުކާރުން ބުނެއެވެ.
އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިރިމަރަދޫގައި, "ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް" ގާއިމު ކުރުމަށް ވަނީ, "ބިލްޑްޓެކް" ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ.
ސަރުކާރުން ބުނާގޮތުގައި އެ ޕްރޮޖެކްޓްގެ އަގަކީ 4.1 މިލިއަން ރުފިޔާއެވެ.
މިކަން ސަރުކާރުން އިއްޔެ ކޮށްފައިވާއިރު މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި, ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމުމާއެކު، އެ ރަށުން ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
މި ޔަގީންކަން ރައީސް ދެއްވައިފައިވަނިކޮށް، ބޮޑު ޚަރަދެއް ކޮށް، ކުނި މެނޭޖުކުރާ ސެންޓަރެއް އެ ރަށުގައި އަޅަން ނިންމީ ކީއްވެގެންތޯ ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "ސަން"އަށް ވިދާޅުވީ، އެ ޕްރޮޖެކްޓު ހިންގަނީ އެ ރަށުގައި އަދިވެސް މީހުން ދިރިއުޅޭތީ ކަމަށެވެ.
އަދި މީހުން ދިރިއުޅޭހާ ހިނދަކު ސަރުކާރުން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ގާއިމްކުރާނެކަމަށް ހީނާ ވިދާޅުވިއެވެ.
"ހދ. ހިރިމަދޫގައި މީހުން ދިރިއުޅެމުންދާހާ ހިނދަކު ސަރުކާރުން ޤާއިމްކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުންދާނެ،" ހީނާ ވިދާޅުވިއެވެ.
ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައިވަނިކޮށް، ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ މިއަހަރުގެ ފެބްރުއަރީ ހަތަރެއްގައެވެ.