މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން 21 މިލިއަން ރުފިޔާއަށް ހުޅުމާލޭން 5,700 އަކަފޫޓުގެ ބިމެއް ގަނެފިއެވެ.
އެޗްޑީސީއަށް 21،510،876.80 ރުފިޔާ ދައްކައިގެން ހުޅުމާލޭން ފުރަތަމަ ފިޔަވަހިން ހައްޖު ކޯޕަރޭޝަނުން މި ބިން ގަނެ، މިހާރު ވަނީ ޝަރީއަތް މެދުވެރިކޮށް ބިމުގެ މިލްކުވެރިކަން ވެސް ހޯދާފައެވެ.
ސިވިލް ކޯޓުން ބުރާސްފަތި ދުވަހު މި މައްސަލަ ނިންމީ އެ ކޯޓުގެ އިސްގާޒީ މަރްޔަމް ވަހީދާއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ 2013 ވަނަ އަހަރު ރަޢީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
މި ކުންފުނީގެ މައިގަނޑު އަމާޒަކީ ހައްޖާއި އުމްރާއަށް ދާން ގަސްތުކުރާ ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ލުއި ފަސޭހަކަމާ އެކު މި މަތިވެރިއަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ދުރާލައިރާވައިގެން ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ޤާއިމުކުރުމެވެ.
ހުޅުމާލޭން، 21 މިލިއަނަށް ހައްޖު ކޯޕަރޭޝަނުން ބިމެއް ގަތްއިރު، އެ ކޯޕަރޭޝަނުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ފަތުރުވެރިކަމަށް ވަނުމަށްޓަކައި އެ ކޯޕަރޭޝަނުންވަނީ މާލެ އަތޮޅު މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައެވެ.
ބެލެވޭ ގޮތުގައި ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭން ބިމެއް ގަތީ، އެ ކޯޕަރޭޝަންގެ އޮފީސް އިމާރާތް އަޅާށެވެ.
ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ ގޮތަށް ޕްރޮޖެކްޓު ގެންދަން ނިންމާފައިވަނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ)ގެ ދަށުންނެވެ. އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.