އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން، ސަން ސިޔާމް ގްރޫޕްގެ ފަރާތުން ދެ ލައްކަ ޑޮލަރު އެ ގައުމަށް ހަދިޔާކުރަން ނިންމައިފިއެވެ.
ސްރީލަންކާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާ މިއަދު ބައްދަލު ކުރައްވައި އެހީގެ ރަމްޒީ ޗެކް، ސަފީރަށް ހަވާލުކޮށްދެއްވީ ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދެވެ. މިއަދު ވަނީ އެ ދެ ލައްކަ ޑޮލަރުގެ ތެރެއިން 75،000 ޑޮލަރު ހަދިޔާ ކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފައިސާ ހަވާލު ކުރައްވަން ވަނީ ނިންމަވައިފައެވެ.
އެއަށްފަހު ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި، ދެ ގައުމުގެ ހަރުދަނާ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވައިފައެވެ.
އެގޮތުން ސިޔާމް ވިދާޅުވީ، ސްރީލަންކާގެ ރައްޔިތުންގެ ފަރާތުން ދިވެހީންނަށް ވަރަށް ގިނަ ފަސޭހަތައް ލިބެމުން އަންނަކަމަށެވެ. އެގޮތުން ޓީޗަރުންނަށް ބެލިކަމުގައިވީ ނަމަވެސް ނުވަތަ އިގްތިޞާދީ މަސައްކަތްތަކަށް ބެލި ނަމަވެސް ލަންކާ ރައްޔިތުންގެ އެހީތެރިކަން ދިވެހީންނަށް ލިބޭކަން ފާހަގަކުރެއްވިއެވެ. އަދި ލަންކާއަކީ އަވައްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ގާތް ގުޅުން އޮންނަ އެއް ގައުމުކަން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރާއްޖެއަށް ދިމާވި ކޮންމެ ކާރިސާއެއް ނުވަތަ ހާދިސާއެއްގައި އެންމެ އަވަހަށް އެހީވެދިން އެއް ގައުމަކީ ލަންކާ ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ. އަދި އެ ކަމުން ރަމްޒުކޮށްދެނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގާތް ގުޅުންކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ސްރީލަންކާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާއި، ސަން ސިޔާމް ގްރޫޕްގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދު މަޝްވަރާ ކުރައްވަނީ --- ސަން ފޮޓޯ: މުޙައްމަދު އަފްވާން
އެހެންކަމުން ކާރިސާގެ މި ފަދަ ވަގުތެއްގައި އެހީއަށް ބޭނުންޖެހިފައިވާ ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދީނީ ގޮތުން ވެސް ދިވެހީންނަށް ލާޒިމް ކަމެއް ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ވެސް މުސްތަގުބަލުގައި ސަލާމަތްކަން ލިބޭނީ މިފަދަ ކާރިސާތައް ދިމާވެގެން އުޅޭ ބޭފުޅުންގެ އަތުގައި ހިފައިގެން،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ މާދަމާއިން ފެށިގެން، ސަން ސިޔާމް ގްރޫޕުގެ ދަށުން ހިންގާ ކުންފުނިތަކާއި ރިސޯޓުތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑްރެއިޒްކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މީގެ އިތުރުން ސިޔާމް ވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކައަށް، މި ދަތި ހާލަތާ ގުޅުވައި، ހިތްވަރު ދެއްވައި، އެކުގައި ތިބިކަން ޔަގީންކޮށްދެއްވުމަށް ޚާއްސަ ސިޓީފުޅެއް ވެސް ރައްދުކުރައްވައިފައެވެ.
މި ބައްދަލު ކުރެއްވުމުގައި ލަންކާ ސަފީރު ރިޒްވީ ވަނީ ސަން ސިޔާމް ކުންފުނީގެ ފަރާތުން ވެދެއްވި އެހީތެރިކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި، އަގުވަޒަން ކުރައްވާކަމަށް ވިދާޅުވެފައެވެ.
"މިއީ ކުޑަ ކަމެއް ނޫން، އަޅުގަނޑުމެންނަށް ދިވެހީން އެހީވެ ދިނުމަކީ ކުޑަ ކަމެއް ނޫން،" ރާއްޖެއާއި ލަންކާގެ ރައްޔިތުންގެ މެދުގައި އޮތީ އުޚްވަތްތެރިކަމުގެ ގުޅުމެއްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ ލަންކާ ރައްޔިތުންނާއި، ދިވެހީންނާ ދެމެދު އޮތް ގާތް ގުޅުން މި ދަނޑިވަޅުގައި ފެނިވަޑައިގެންފި ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ސިޔާމް ވަނީ ޚާއްސަ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.
ސްރީލަންކާއަކީ ސަން ސިޔާމް ކުންފުނީގެ ރިސޯޓެއް ހިންގަމުން އަންނަ ގައުމެކެވެ. ސްރީ ލަންކާގައި ހިންގާ ފަސް ތަރީގެ ލަގްޒަރީ ރިޒޯޓެއް ކަމަށްވާ ސަން ސިޔާމް ޕާސިކުޑާއިން ވަނީ، ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސް އެވޯޑްސްއިން ބެސްޓް އޮފް ދަ ބެސްޓް އެވޯޑް ވެސް ހާސިލުކޮށްފައެވެ.