މަސްގަނޑު ބަލަން ބުޅަލާ ހަވާލުކުރީމާ ވާނީ ކިހިނެއް ހެއްޔެވެ؟
ތެދުވެރި ބުޅާ ވެސް އުޅޭނެއެވެ. ރައްޔިތުން އިންތިޚާބުކުރީމާ، އެ ރައްޔިތުން ހަވާލުކުރި މަސައްކަތަށް ވަފާތެރިވާނެ ބުޅާ ވެސް އުޅޭނެއެވެ. އެކަމަކު، ބުޅާ ވާނީ ބުޅަލަށް ނޫންބާއެވެ؟ އެ ބުޅަލުގެ ތެދުވެރިކަމަށް ބަރޯސާވެގެން ގައުމެއްގެ ނިޒާމު ބައްޓަންކުރާން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟
ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް ވެސް ވެފައި މި އޮތީ އެހެން ނޫން ހެއްޔެވެ؟
މިނިވަން މުއައްސަސާތަކާއި ޝަރީއަތް ކޮންޓްރޯލްކުރަން އެންމެ ބޮޑަށް ފޫގަޅާނެ ބަޔަކީ ސިޔާސީންނެވެ. އެ މީހުންގެ ބާރުވެރިކަމާ ގުޅިފައި އޮންނަނީ އެ 'މިނިވަން' މުއައްސަސާތަކާ އޮތް ގުޅުމާއެވެ. އެހެންވެ، ސިޔާސީ މީހުން، އެ މީހުންގެ ކޮންޓްރޯލް ދޫކޮށްލާކަށް ބޭނުމެއް ނުވާނެއެވެ. ކޮންމެ ބަޔަކު ވެސް ޝަރުއީ ދާއިރާ މިނިވަންކުރަން ވައުދުވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި, މި ހިނދުން މިނިވަންވިއްޔޭ އިއުލާނު ވެސް ކުރެއްވިއެވެ.
އެކަމަކު، ކަން އޮތީ ކިހިނެއް ހެއްޔެވެ؟ ސަރުކާރުން ނުރުހިއްޖެ ނަމަ، މަގާމުގައި ހުރެވެނީ ކާކަށް ހެއްޔެވެ؟ މިހާރު އެ ފޯރުވަނީ ނުފޫޒު ނޫން ނަމަ، އެއަށް ދެން ކިޔާނީ ކޮން ނަމެއް ހެއްޔެވެ؟ އަނިޔާ ހެއްޔެވެ؟
މަޖިލީހުގެ އަތްދަށުގައި އޮއްވާ މިނިވަނެއް ނުވާނެ
ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރު، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) މީގެ ކުރިން 'ސަން'ގެ އެޑިޓަރުގެ ސުވާލު ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅެއްގައި ވަރަށް ތަފުސީލުކޮށް ޖޭއެސްސީ އެކުލަވާލާފައި އޮތް ގޮތް ކިޔައިދެއްވިއެެވެ. އެއީ، ސިޔާސީ ވާނެކަން ދެނެގެން، 'ބެލެންސް'ކޮށްފައި އޮތް ކޮމިޝަނެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
މިހާރު ޖޭއެސްސީ އެކުލަވާލާފައި އޮތީ ތިން ބާރުން، ކޮންމެ ބާރަކުން ތިން މެންބަރުން ހޮވައިގެންނެވެ.
އެއީ، މަޖިލީހުން އެ ތަނުގެ ރައީސާއި، މެންބަރަކާއި އެ ބޭފުޅުން ހޮއްވަވާ އާންމު މެންބަރެކެވެ. އަދި، ސަރުކާރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާ ހޮއްވަވާ މެންބަރަކާއި ބަންޑާރަނައިބެވެ. ދެން، ޝަރުއީ ދާއިރާއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.
އެކަމަކު، ލިޔުމުގައި ކިތަންމެ ރީތި ބެލެންސެއް އޮތް ނަމަވެސް ކަން ހިނގަނީ ކިހިނެެއް ހެއްޔެވެ؟
މަޖިލީހަކީ ވެސް ސަރުކާރެވެ. ފާއިތުވި 15 އަހަރަށް ބެލިޔަސް، ދިވެހި ސިޔާސީ ހަގީގަތަކީ އެއީއެވެ. ނިޒާމު ފަރުމާކުރުމުގައި އެ ނޫން ގޮތަކަށް ދުށުމަކީ ހެދޭ ގޯހަކަށް ނޫނީ ނުވާނެއެވެ. އެހެންވެ، ޖޭއެސްސީ ހަގީގަތުގައި ބެލެންސެއް ނުވެއެވެ. އެ ތަނުގެ 67 އިންސައްތައަކީ ސަރުކާރުގެ 'ކޮންޓްރޯލް' އޮންނާނެ ބޭފުޅުންނެވެ. ނުވަތަ، ސިޔާސީ ނުފޫޒުގައި ތިއްބަވާނެ ބޭފުޅުންނެވެ. އެހެންވީމާ، ޖޭއެސްސީގެ މެޖޯރިޓީ އެ އޮތީ ސިޔާސީވެފައެވެ.
އިލްމީ ނަޒަރަކުން ބަލާއިރު، ގާނޫނުއަސާސީގައި އޮތް އެންމެ ބޮޑު ކޮރުކަމަކީ މަޖިލީހަކީ 'ވޮޗްޑޯގް' ނުވަތަ ފާރަވެރިވާނެ ތަނެއް ކަމުގައި ދެކުމެވެ. އަމުދުން ސިޔާސީ ކޮންޓްރޯލް ވަރުގަދަ ނަމަ އެއީ ނުވާނެ ކަމެއްކަން ދިރާސާތަކުން ހެކިދެއެވެ.
ރާއްޖެއަކީ އެ ކަމުގެ ދިރިހުރި ދަލީލެކެވެ. މި ފަދަ ނިޒާމުތައް ހުރި އެހެން ގައުމުތަކުން ވެސް ފެންނަނީ ހަމަ މި ހަގީގަތެވެ. މަޖިލީހުން ޖަވާބުދާރީކުރުވާ އެއްވެސް މިނިވަން މުއައްސަސާއެއް ފަންކްޝަންވޭ ހެއްޔެވެ؟ ނުވާނެއެވެ. މަޖިލީހަކީ ވެސް ހިނގާ ތަނެއް ނޫނެވެ. އެއީ ވެސް، އެ އިރެއްގައި އޮންނަ ސަރުކާރަކުން މަޑު ފުއްގަނޑެއްހެން ބޭނުން ގޮތަކަށް މޮޑޭ ތަނެކެވެ. ރައްޔިތުން އާރެއް ބާރެއް އޮތް ތަނެއް ނޫނެވެ. އެހެންވީމާ ސަރުކާރުގެ އެދުމާ އެއްގޮތަށް, އާ ގާނޫނުއަސާސީއަށް މިވީހާ ދުވަހު މަޖިލީސްތަކުން ކުރާ ކަމަކީ މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވުމެއް ނޫނެވެ. އެ ތަންތަން 'ކޮންޓްރޯލް'ކުރުމެވެ.
އެހެންވެ، މަޖިލީހުގެ އަތްދަށުގައި އޮއްވާ އެއްވެސް ތަނެއް މިނިވަންވާނެ ކަމަށް ދެކުމަކީ މޮޔަ ކަމެކެވެ.
ފަނޑިޔާރުން އައްޔަންކުރަނީ ވެސް ވަކިކުރަނީ ވެސް ސިޔާސީ ބޭފުޅުންނެވެ. ނިޒާމީ ހިނގަމުން އަންނަ ގޮތަށް ބަލާނަމަ، ސަރުކާރުންނެވެ. ފަނޑިޔާރުންނަށް އަންނާނީ ސަރުކާރުން އައްޔަންކުރެއްވި ބޭފުޅެކެވެ. ސަރުކާރުން ނުރުހިއްޖެ ނަމަ ވަކި ވެސް ކޮށްލަންވީއެވެ. އެ ފަދަ ނިޒާމެއްގައި ފަނޑިޔާރުން މިނިވަންވާނީ ކިހިނެއް ހެއްޔެވެ؟
ޖޭއެސްސީ އެކަންޏެއް ނޫން، ބޭނުމީ ރީސެޓެއް
ދުނިޔޭގައި އެންމެ ޝަރީއަތް މިނިވަން ގައުމުތަކަށް ބަލާއިރު، އެ މީހުންގެ މޮޑެލްތަކުގައި ބައިވަރު ތަފާތުތައް އެބަހުއްޓެވެ. އެހެންވެ، ދިވެހި ޖުޑިޝަރީއަކީ ވެސް އެންމެ ބަދަލަކުން ކުއްލިއަކަށް އިސްލާހުވާނެ ބާރެއް ނޫނެވެ. އަދި، ބޭރުގެ މޯޑެލްއެއް ކޮޕީކޮށްގެން ވެސް އެ ކަމެއް ނުވާނެއެވެ. އެކަމަކު، މިހާރު މި އޮތް ނިޒާމު ފަންކްޝަން ނުކުރާކަމާއި، އެހެން ގޮތެއް ޓެސްޓްކުރަން ޖެހޭކަން މެޖޯރިޓީ މީހުން އިއްތިފާގުވާނެއެވެ.
އެންމެ ޝަރުއީ ދާއިރާ މިނިވަންކަމަށް ދިރާސާތަކާއި ހޯދުންތަކުން ފެންނަ ޑެންމާކް، ނޯވޭ، ސިންގަޕޫރު، ނެދަލެންޑްސް ފަދަ ގައުމުތަކުގެ ތަޖުރިބާއިން ބަލައިގެން ޖޭއެސްސީއަށް ގެނެވިދާނެ ބައެއް ބަދަލުތައް އެބަހުއްޓެވެ. އެއީ:
- ޖޭއެސްސީގެ 30 އިންސައްތައަކީ ފަނޑިޔާރުން ކަމަށް ހެދުން
- ގާނޫނީ ވަކީލުން އިންތިޚާބުކުރާ 20 އިންސައްތަ ބޭއްވުން
- އޮޑިޓް އޮފީހާއި، އޭސީސީ އަދި ޔުނިވާސިޓީތަކުގެ ގާނޫނީ އިލްމުވެރިން ހިމެނޭހެން އިންތިޚާބުކުރާ 30 އިންސައްތަ ބޭއްވުން
- މިނިވަން މުއައްސަސާތަކުން އިންތިޚާބުކުރާ 20 އިންސައްތަ ބޭއްވުން
މިއީ ވެސް ދުނިޔޭގެ ކާމިޔާބު ޖުޑިޝަރީތަކުގައި އޮންނަ ގޮތެކެވެ. އޮނިގަނޑަށް މި ޒާތުގެ ބަދަލެއް ގެންނައިރުގައި ކަނޑައަޅަންޖެހޭ މުހިންމު ޝަރުތުތައް ވެސް ހުރެއެވެ. އޭގެ ތެރޭގައި:
- މިހާރު ވެސް އޮތްގޮތަށް އެ ބަޔަކު އައްޔަންކުރާ މެންބަރެއް ވަކިކުރާނީ އެ ބައެއް
- ވަރަށް ވަރުގަދައަށް ތައުލީމާއި ތަޖުރިބާ (މިސާލަކަށް 15 އަހަރުގެ) ލިބިފައިވާ ބޭފުޅުންނަށްވުން
- ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ހިނގާފައިވާ ބޭފުޅަކަށް ނުވުން
- ސިޔާސީ ކަމެއްގައި ވަކި މުއްދަތަކަށް އުޅެފައިނުވުމާއި، ވަކިވުމަށް ފަހު ވެސް ނޫޅެވުން (މިސާލަކަށް 5 އަހަރު)

ފަނޑިޔާރުން އައްޔަންކުރަން ބޭއްވި ޖަލްސާއެއްގައި އުއްތަމަފަނޑިޔާރާއި ޖޭއެސްސީގެ 'ސިޔާސީ' ރައީސް: ޖޭއެސްސީ ރިފޯމްކުރަން ވައުދުވި ނަމަވެސް ސަރުކާރުތަކުން އެ ކަމެއް ނުކުރޭ -- ފޮޓޯ/ ޖޭއެސްސީ
އެއަށް ފަހު، ކޮމިޝަންގެ ތެރޭގައި ވެސް ހަރުދަނާ އުސޫލުތައް ހުންނަން ޖެހެއެވެ. މުޅި ކޮމިޝަންގެ 40 އިންސައްތައަށް ވުރެ ގިނަ ބައެއްގެ ދައުރު އެއް ފަހަރާ ހަމަވާހެން އޮވެގެން ނުވާނެއެވެ. އެއް ބޭފުޅަކަށް އަބަދު ހުރެވިގެން ވެސް ނުވާނެއެވެ.
މުއައްސަސާއެއްގެ މިނިވަންކަމަށް އެންމެ މުހިންމީ ދެ ކަމެކެވެ. އެއީ، އަންނަ ގޮތާއި ވަކިވާ ގޮތެވެ.
އެހެންވެ، ޖޭއެސްސީއަށް ވެސް އޮނިގަނޑުގެ ތެރެއިން އަންނަ މެންބަރުން ވާންވާނީ ފާޅުކަން ބޮޑު އިންތިޚާބެއްގެ ތެރެއިން އަންނަ މެންބަރުންނަށެވެ. ވަކިކުރާނީ ވެސް އެ ފަދަ ހަރުދަނާ އުސޫލަކުންނެވެ. ސިޔާސީ އެއްވެސް ބޭފުޅަކަށް އެ ކަމުގައި ބަހެއް ބުނުމުގެ ފުރުސަތު އޮވެއްޖެ ނަމަ، ގަޑުބަޑުކުރާނެއެވެ.
ކޮމިޝަނަށް އައުމަށް ފަހުގައި ވެސް ބޭނުން އެއްޗެއް ނުހެދޭނެއެވެ. އޮނިގަނޑު އިސްލާހުކުރުމަކުން ނުނިމޭނެއެވެ. ކޮމިޝަންގެ މެންބަރުންނާއި ޑިޕެންޑެންޓުންގެ މާލީ ބަޔާން ގަވާއިދުން ހާމަކުރަން ޖެހޭނެއެވެ. ކޮމިޝަނުން ބަލާ ކޮންމެ މައްސަލައެއް ބަލަންވާނީ ހާމަކަން ބޮޑު ގޮތެއްގައެވެ. ހިންގަންވާނީ ހުޅުވާލެވިފައިވާ ޝަރީއަތްތަކެވެ. އަޅާ ކޮންމެ ފިޔަވަޅެއް، އެ ފިޔަވަޅު އަޅަން މެންބަރުން ނިންމި ގޮތާ އެކު ހާމަކުރަން ޖެހޭނެއެވެ. އެއްވެސް ކަމެއް ސިއްރުކޮށްފައި ބާއްވައިގެން ނުވާނެއެވެ.
މަޖިލީހުގެ ދައުރަކަށް ވާނީ މިހާރެކޭ އެއްގޮތަށް ޖޭއެސްސީން މައްސަލަ ނިންމީ އިޖުރާއަތްތަކާ އެއްގޮތަށްތޯ ކަނޑައެޅުމެވެ. އެކަން ކުރަންވާނީ ވެސް ތުހުމަތުވާ މީހާއަށް ބަސްބުނުމުގެ ފުރުސަތު ދީގެން، ހުޅުވާލެވިފައިވާ ހާމަކަން ބޮޑު މާހައުލެއްގައެވެ.
އައްޔަންކުރުމުގައި ވެސް އަމަލުކުރަންވާނީ އެ ފަދަ އުސޫލަކުންނެވެ. ބާއްވަންވާނީ ހުޅުވާލެވިފައިވާ އިންޓަވިއުތަކެކެވެ. އެކަން ކުރާނީ ޖޭއެސްސީންނެވެ. އެއަށް ފަހު، މާކްސް ދިން ގޮތާއި، ކުރިމަތިލީ ބޭފުޅުންގެ އިންޓަވިއުއާއި، ތައުލީމާއި ތަޖުރިބާގެ ތަފުސީލުތައް އާންމުކުރަން ޖެހޭނެއެވެ. ގާނޫނީ ދާއިރާގައި ދެތިން އަހަރު ކޭއްތިލާފައި ފަނޑިޔާރުކަމަށް ވަޑައިގެންނެވޭނެ މަގު ބަންދުކުރަން ޖެހޭނެއެވެ.
މި ފަދަ ވަށައިޖެހޭ ގިނަ ބަދަލުތަކެއް ގެނެސްފި ނަމަ، ސިޔާސީ ނުފޫޒުން ޖޭއެސްސީ އެއްކިބާކުރެވިދާނެއެވެ. ހަގީގީ މާނައިގައި ޝަރުއީ ދާއިރާ މިނިވަން ވެސް ކުރެވިދާނެއެވެ.
ޝަރުއީ މިނިވަންކަން ބޮޑު ބައެއް އެހެން ގައުމުތަކުގައި ފަނޑިޔާރުން އައްޔަންކުރުމުގައި 'ކެރިއާ ޖުޑިޝަރީ'ގެ އުސޫލު ވެސް ބޭނުންކުރެއެވެ. ޖަރުމަނާއި، ޖަޕާނަކީ އެ މޮޑެލް ކާމިޔާބުކަމާ އެކު ހިންގާ ދެ ގައުމެވެ. ކެރިއާ ޖުޑިޝަރީއަކީ ކިޔަވާ ނިންމާ ގޮތަށް ވަންނަ ގާނޫނީ ދަރިވަރުން ތައުލީމާއި ތަޖުރިބާއާއި އިމްތިހާނުތައް ދީގެން ގެންގުޅުމެވެ. ކޯޓުތަކަށް އަންނާނީ ފަނޑިޔާރުކަމުގެ ތަޖުރިބާއާއި އިލްމާއި ހިލްމު ހުންނަވާ ބޭފުޅުންނެވެ. ސިޔާސީ މަގާމަކުން އިސްތިއުފާދެއްވާފައި، ފަނޑިޔާރުކަމަށް ވަޑައެއް ނުގެންނެވޭނެއެވެ.
މިއީ ކޮރަޕްޝަން މަދުކޮށް، ފަނޑިޔާރުގެ މިނިވަންކަން ބޮޑުކުރަން އިތުބާރު ބޮޑު ނިޒާމެއްކަން ފްރާންސް، ޖަރުމަން ފަދަ ގައުމުތައް ހެކިދެއެވެ.
އެކަމަކު، މިއީ ވަށާޖެހޭ ގޮތެއްގައި ގެންނަންޖެހޭނެ ބަދަލުތަކެކެވެ. ކުދިކުދި އިސްލާހުތަކަކަށް މޫލާފައި މި އޮތް ކޮރަޕްޝަނާއި ފަސާދަ ފިލައިގެންނެއް ނުދާނެއެވެ. އަދި، އަމުދުން މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރަން ސިޔާސީންނާ ހަވާލުކޮށްގެން ހެޔޮ ނުވާނެއެވެ.
މަޖިލީހަކީ އެ ބޭފުޅުންގެ ޒިންމާ ވެސް އަދާކުރެއްވޭ ބައެއް ނޫނެވެ. އެހެން ބައެއްގެ ކަންކަން އެ ބޭފުޅުން ބައްލަވާނީ ކިހިނެއް ހެއްޔެވެ؟ މަސް ބަލަން ބުޅަލަށް ދޭން ހެޔޮ ނުވާނެއެވެ. ފަނޑިޔާރުގެ ގޭގެ މިނިވަންކަން ކަށަވަރުކުރަން ސިޔާސީން ލުމަކީ އެއަށް ވުރެ ވެސް ދެކޮޅު ނުޖެހޭ ކަމެކެވެ. ފަނޑިޔާރުންނަށް މި ނޫން ގޮތެއް އޮންނަންވާނެއެވެ.
އެކަމަކު، މިއީއަކީ ވެސް 'ފޫލް ޕްރޫފް' ހައްލުތަކެއް ނޫނެވެ. ދުނިޔޭގެ ގައުމުތަކުން ނަތީޖާ ނެރޭ ގޮތްތަކެކެވެ. މުހިންމީ، އެ ހައްލަށް ބަހުސްކުރުމެވެ. މިއީ މާ ފުޅާ ނިޒާމީ ބަދަލެއްގެ ތެރެއިން ނޫނީ ނުވާނެ ކަމެކެވެ. އެއީ، ސިޔާސީ ބޭފުޅުން ގެންނަން ބޭނުންވާނީ ނިޒާމީ 'ރީސެޓެއް' ނޫނެވެ. ސުވާލަކީ ރައްޔިތުން އެ ކަމަށް ތައްޔާރުތޯއެވެ؟ އެ ބަދަލުތަކަށް ހޭލުންތެރިވާނެތޯއެެވެ؟ ރައްޔިތުން އެދިގެން ނޫން ގޮތަކަށް އިސްލާހީ ބަދަލު ނުގެނެވޭނެއެވެ. ބޭނުންވަނީ އެ އެދުމެވެ.