ބޮޑެތި ކުށްކުށުގައި ޝާމިލުވިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިގެންވާ ޙައްގެއް ނޫންކަމަށާއި، އެއީ ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ މާފަންނު ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ޒުވާނަކު ވަނީ، ވާނުވާ ބަންދު އަދިވެސް އުވައިނުލައްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވާނުވާ ބަންދުގައި ތިބި މީހުން މިނިވަން ނުކުރާތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލަ ކުރިން އޮތީ "ވާނުވާ"ގައި ކަމަށެވެ. އެ ފަދަ ބައެއް މައްސަލަތައް ނިމޭނެ ދުވަހެއް އެ ކަންކަމުގައި ޝާމިލުވާ މީހުންނަށް ވެސް މިހާތަނަށް ނޭނގޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ކަން ހައްލުކުރުމަށް ޓަކައި ފުރަތަމަ ބެއްލެވީ ބަންދުގައި ވާނުވާގައި ހުންނަން މެދުވެރިވާ ސަބަބުތައް ކަަމަށެވެ. އެއަށްފަހު އެ ކަން ހައްލުކުރުމަށް ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ވަރަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މާފަންނު ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އެގޮތުން ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓު ހިންގަމުން އައި ޖާގައިގެ ގޮތުން ވީރާނާވެފައި ހުރި ތަންތަނުން، އެ ކޯޓުތައް އާ އިމާރާތްތަކަށް ބަދަލުކޮށް ހުރިހާ ވަސީލަތްތަކެއް ވެސް ފޯރުކޮށްދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ނަތީޖާއަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ހިނގަން ފެށުންކަމަށް ވިދާޅުވިއެވެ.
"އޭގެ ނަތީޖާއަކީ މިގޮތަށް މި ވާނުވާގެ ގޮތުގައި ކޮންމެ މީހެއްގެ ޝަރީއަތް ހިނގާނެ ދުވަހެއް ތާވާލުކުރާނެ ގޮތުގެ އެއްވެސް ކަމެއް ނޭނގި ވާނުވާގައި ތިބުން ނިމުމަކަށް ގެނެސް މިއިން ކޮންމެ މީހެއްގެ ޝަރީއަތް ތާވަލުކުރެވޭނެ ދުވަހާއި މި މައްސަލަތައް އަވަހަށް ބެލޭނެ ގޮތް ހަމަޖެހިގެން ދިއުމާއި މި ކަންކަން ކޯޓު ތެރެއިން އެބަ ގެންދާކަމުގެ މައުލޫމާތު އެޓާނީ ޖެނެރަލް އެ ހިއްސާކޮށްދެއްވީ،" ކުރިން މައްސަލަތައް ލަސްވީ، ޖާގައާއި ވަސީލަތްތައް ދަތިވުމުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރަން އެ އެންމެން "ފަސް މިނެޓު ތެރޭ" ބަންދުން ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ސަބަބަކީ ޝަރީއަތް ނިމެންދެން ބަންދުގައި މި ވަގުތު 347 މީހަކު ތިބިއިރު ނުރައްކާތެރި އެތައް ކުށެއްގެ ތުހުމަތުކުރެވޭ މީހުން ތިބުމުންކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ވިދާޅުވި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި:
- މަރުގެ މައްސަލަތަކުގައި، މީހުން މެރިކަމުގެ ތުހުމަތުކުރެވޭ 29 މީހަކު
- ޓެރަރިޒަމްގެ މައްސަލަތަކުގައި 20 މީހަކު
- ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 117 މީހަކު
- މާރާމާރީގެ މައްސަލަތަކުގައި 70 މީހުން
- ޑުރަގް ޓްރެފިކިން މައްސަލަތަކުގައި 116 މީހުން އެބަ ތިއްބެވެ.
ރައީސް ވިދާޅުވީ މަނީ ލޯންޑަރިން، ހަތިޔާރު ބޭނުންކޮށްގެން ވައްކަންކުރުން، އެއްޖިންސުން ގުޅުން ހިންގުން، ރަހީނުކުރުން، ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުން ފަދަ މައްސަލަތަކުގެ ތުހުމަތުގައި ވެސް ވާނުވާ ބަންދުގައި މީހުން އެބަތިބި ކަމަށެވެ.
"ފަސް މިނެޓު ތެރޭ މި ބޭފުޅުން އަޅުގަނޑު މުޖުތަމައުއަށް ދޫކޮށްލަން ދިވެހި ރައްޔިތުން ބޭނުންވާނެތޯ،" ރައީސް އެއްސެވިއެވެ.
"ފަސް މިނެޓެއް ނޫން، އެއް ސިކުންތުގައި ދޫކޮށްލެވޭނޭ ވިދާޅުވިޔަސް، އަޅުގަނޑެއް ކުޑަކުދިންނާ ޖިންސީ ގޯނާ ހިންގައިފައި ހުރި މީހެއްކަމަށް ތުހުމަތުކުރެވޭ މީހެއް، ޓެރަރިޒަމް ހިންގައިފައިހުރި މީހެއް، މާރާމާރީ ނުވަތަ މަރުވާ ކަމެއް ކޮށްފައި ހުރި މީހެއް، ޑްރަގް ޓްރެފިކް ކޮށްފައި ހުރި މީހެއް ދޫކުރާކަށް އަޅުގަނޑެއް، އަޅުގަނޑު ހިތުން އަޅުގަނޑުގެ ހައްގެއް ނޫން، އަޅުގަނޑަކަށް ލިބިފައި އޮތް ފުރުސަތެއް ވެސް ނޫން، އަޅުގަނޑު ކޮށްގެން ވާނެ ވެސް ކަމެއް ނޫން އެއީކީ. އެހެންވީމާ އެ ކަން ނުވަނީ،" ރައީސް ވިދާޅުވިއެވެ.
އެއާއެކު ރައީސް ވަނީ މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ. އަދި މި ސަރުކާރުން ބޭނުންވަނީ ޖުޑިޝަރީ ހަގީގީ މާނައިގައި މިނިވަންކޮށްދޭންކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވާނުވާ ބަންދު އުވައިލުމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ވާނުވާ ބަންދާ މެދު ކަންބޮޑުވުން ފާޅުކޮށް، މި ފަހުން ވަނީ "އެންޑް ވާނުވާ"ގެ ނަމުގައި ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.