އޭއައި ޗެޓްބޮޓް 'ގްރޮކް' އިން އަނެއްކާ ވެސް ދޮގު މައުލޫމާތުތަކެއް

އީލޮން މަސްކްގެ ގްރޮކް އިން ދޮގު މައުލޫމާތު ފެތުރި މިއީ ފުރަތަމަ ފަހަރެއް ނޫންނެވެ. --

އީލޮން މަސްކުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް "ގްރޮކް" އަށް އަނެއްކާވެސް ޓެކްނިކަލް މައްސަލަތަކެއް (ގްލިޗް) ދިމާވެ، އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި ދާދިފަހުން ދިން ބަޑީގެ ހަމަލާއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔަހޫދީންގެ އަޅުކަމެއް ކަމުގައިވާ 'ހަނުކާ' ފާހަގަކުރުމުގެ އެއްވުމެއްގެ ތެރެއަށް ދިން މި ހަމަލާގައި 11 މީހުން މަރުވެފައިވާއިރު، ހަމަލާ ދިން މީހާ ހުއްޓުވައި އެމީހާ އަތުން ހަތިޔާރު އަތުލީ އެވަގުތު އެތަނުގައި ހުރި އާންމުންގެ މީހެއް ކަމަށްވާ އުމުރުން 43 އަހަރުގެ, މުސްލިމެއް ކަމުގައިވާ އަހުމަދު އަލް އަހުމަދު އެވެ.

https://sun.mv/215028

އަހުމަދުގެ މި ހިތްވަރުގަދަ އަމަލު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބަޔަކު ތައުރީފު ކުރަމުން ދިޔަ ނަމަވެސް، އިސްލާމްފޯބިއާ (އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް އޮންނަ ނަފްރަތު) ފަތުރާ ފަރާތްތަކުން ދިޔައީ މިކަން ދޮގުކުރަމުންނެވެ.

މި ދަނޑިވަޅުގައި ގްރޮކް އިން ވަނީ މި އޮޅުންބޮޅުން އިތުރަށް ގޯސްކޮށްފައެވެ. އަހުމަދު ހަމަލާދިން މީހާއާ ކުރިމަތިލާ ވީޑިއޯއާ ގުޅޭގޮތުން މީހަކު ސުވާލުކުރުމުން ގްރޮކް ބުނެފައިވަނީ، "އެއީ ޕާކިން ލޮޓެއްގައި ހުރި ރުކަކަށް މީހަކު އަރާ އުޅޭ މަންޒަރު ފެންނަ ދުވަސްވީ ވީޑިއޯއެއް" ކަމަށާއި އެއީ ސައްހަ ވީޑިއޯއެއް ނޫން ކަމަށެވެ. އަދި ހަމަލާގައި ޒަހަމްވި އަހުމަދުގެ ފޮޓޯއަކީ އޮކްޓޯބަރު ހަތެއްގައި ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހެއްގެ ފޮޓޯއެއް ކަމަށް ވެސް ގްރޮކް ބުނެފައިވެއެވެ.

މީގެ އިތުރުން، ފުލުހުންނާއި ހަމަލާދިން ފަރާތްތަކާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގެ ވީޑިއޯއަކީ މިއަހަރު ކުރީކޮޅު އޮސްޓްރޭލިއާއަށް އެރި ތޫފާން 'އަލްފްރެޑް' ގެ މަންޒަރުތަކެއް ކަމަށް ވެސް ގްރޮކް ސިފަކޮށްފައިވެއެވެ.

ގްރޮކް ހުރީ ހަމައެކަނި ބޮންޑައި ހާދިސާއާ މެދު އޮޅިފައި ނޫންކަން ފާހަގަކުރެވެއެވެ. ޓެކްނޮލޮޖީ ކުންފުނި 'އޮރެކަލް' އާ ބެހޭގޮތުން މީހަކު ކުރި ސުވާލަކަށް ބޮންޑައި ބީޗް ހަމަލާގެ މައުލޫމާތު ދީފައިވާއިރު، އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާއި ބޮންޑައި ހާދިސާގެ މައުލޫމާތު ވެސް ވަނީ އެއްކޮށްލާފައެވެ. އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންނާއި، ސިއްހީ މައުލޫމާތު އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ވެސް ގްރޮކް އިން ދިޔައީ ކަނޑައެޅިގެން ނުބައި މައުލޫމާތު ދެމުންނެވެ.

މިކަމާ ގުޅިގެން ގިޒްމޯޑޯ އިން ގްރޮކް ޑިވެލޮޕްކުރި ކުންފުނި އެކްސްއޭއައި އާ ސުވާލުކުރުމުން ލިބުނީ "ލެގަސީ މީޑިއާ ލައިސް" (ނުވަތަ މީޑިއާތަކުގެ ދޮގުތައް) މިފަދަ އޮޓަމޭޓެޑް ޖަވާބެކެވެ.

މިއީ ގްރޮކް އިން މިފަދަ ގޯސް މައުލޫމާތު ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ނަސްލީ ތަފާތުކުރުންތަކާ ގުޅޭ ކޮންސްޕިރަސީ ތިއަރީތައް ފެތުރުމާއި، ޔަހޫދީންނާ ދެކޮޅު ނުރައްކާތެރި ވާހަކަތައް ވެސް މި ޗެޓްބޮޓުން ދައްކާފައިވާކަން ފާހަގަކުރެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު